އައިމިނަތު އަސްރާ އަކީ ޏ.ފުވައްމުލަކަށް އުފަން، ޢުމުރުން 28 އަހަރުގެ ޒުވާނެކެވެ. މިޒުވާނާ އަށް މިއަދު އުޅެން ޖެހިފައިވަނީ ވަރަށް ހިތް ދަތި ދިރިއުޅުމެކެވެ. މިދިޔަ އަހަރުގެ ޖޫން މަހުން ފެށިގެން އޭނާ ދިރިއުޅެމުން އެ ގެންދަނީ އިންޑިޔާގެ ބެންގަލޫރުގައެވެ. އަސްރާގެ އެއް ބަނޑު އެއްބަފާ ކޮއްކޮ އަކާއި އެކުގައެވެ. އަސްރާގެ ފިރިމީހާ އެއްއަހަރު އިންޑިޔާގައި ހުރުމަށްފަހު މިވަގުތު ހުރީ މާލޭގައެވެ. އަސްރާއަށް އެހީވުމަށް އިންޑިޔާގައި މިވަގުތު ހުރީ އަސްރާގެ ބައްޕަ އެވެ. އަސްރާ އިންޑިޔާގައި އެހާދުވަހު ހުންނަން ޖެހިފައިވަނީ އޭނާ އަށް ދިމާވެފައިވާ ހިތާމަވެރި ހާލަތުން އަރައިގަތުމަށް ކުރަންޖެހޭ ފަރުވާ ކުރުމަށެވެ.

އަސްރާ ކުޑައިރާއި ބަލިހާލުގައި އުޅެމުން އައި ދުވަސްތައް އަސްރާގެ ބައްޕަގެ ދުލުން
އޭނާ އަކީ ވިހޭ އިރުވެސް ވަރަށް ބަލި ކުއްޖެއް. ނަމަވެސް ވަކި ހިސާބަކުން ހަމައަކަށް އެޅުނު. ދެން އޭނަ ގުރޭޑް 9 ގައި ކިޔަވަމުން ދަނިކޮށް، އެއްދުވަހު ވަރަށް ބާރަށް ކެއްސާފަ އަނގައިން ލޭ އައީ. އެކަން އެގޮތަށް ދިމާވީމަ އަޅުގަނޑު ދިޔައީ އޭނަ ގޮވައިގެން މާލެ. މާލެ ގެނެސް އައިޖީއެމްއެޗަށް ދެއްކީމަ ޑޮކްޓަރުން ބުނީ އެއްވެސް މައްސަލަ އެއް ހުރިކަމަށް ފާހަގައެއް ނުކުރެވެޔޭ. އެއްވެސް މައްސަލަ އެއް ނެތޭ. އެހެން ކިޔާފައި އެ ފަހަރު އަޅުގަނޑުމެން ފޮނުވާލީ. ދެން މީގެ 8 އަހަރު ކުރިން އަނެއްކާވެސް އޭނަ ވަރަށް ބޮޑަށް ބަލިވި. ބަލިވީމަ އަނެއްކާވެސް އަޅުގަނޑުމެން ދެއްކީ އައިޖީއެމްއެޗަށް. ދެއްކީމަ އެމީހުން ބޭސް ދިނީ ޑެންގީ އަށް. އަޅުގަނޑަކަށް ނޭނގެ ކިހިނެއް ބަލާފައި ކަމެއް އެމީހުން ޑެންގީއަށް ބޭސްދިނީ. އެއްގޮތަކަށްވެސް ރަނގަޅެއް ނުވި އަސްރާގެ ބައްޕަ ކިޔައިދިނެވެ.
އަސްރާ އަށް ވަނީ ޑެންގީ ހުން ޖެހިފައި ކަމަށް ބަލާ އައިޖީއެމްއެޗުން ބޭސް ދިން ނަމަވެސް އޭނާގެ ފަރުވާއަށް އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. އެހެންކަމުން އޭނާގެ ބައްޕަ ބޭނުންވީ އަސްރާ ގޮވައިގެން ރާއްޖެއިން ބޭރަށް ދިއުމަށެވެ. އައިޖީއެމްއެޗުން އަސްރާ ދޫ ނުކޮށްގެން، ބޭރަށް ގެންދަންޖެހުނީ ގަދަކަމުން ކަމަށްވެސް އޭނާގެ ބައްޕަ ވަނީ ބުނެފައެވެ.

ވޭނުގައި އެތައްދުވަހެއް އުޅުމަށްފަހު އަސްރާގެ އަސްލު ބަލި ދެނެގަނެވުން
”އައިޖީއެމްއެޗްގައި އޮންނަތާ އެތައް ދުވަހެއް ވީ އިރުވެސް އެއްވެސް ވަރަކަށް ރަނގަޅެއް ނުވޭ. ހައްތަހާ ހާލަތު ދަނީ ދަށަށް. ދެން އަޅުގަނޑު ބުނީ އަޅުގަނޑު ބޭނުމޭ އަސްރާ ގޮވައިގެން ރާއްޖޭން ބޭރަށް ދާން. އައިޖީއެމްއެޗުން ބުނީ އެއްވެސް އުންމީދެއް ނެތޭ ދެން. އެހެންވީމަ ބޭރަށް ދިޔަޔަސް ކޮންކަމެއްހޭ ވަކި ކުރާނީ. ނަމަވެސް އަޅުގަނޑުގެ ހިތުގައި އުންމީދު އޮތީމަ އަޅުގަނޑު ބޭނުންވީ ބޭރަަށްދާން. އެންމެ ފުރަތަމަ ދިޔައީ އިންޑިޔާގެ ޓްރިވެންޑްރަމް އަށް. ގޮސް ދެއްކީމަ ބުނީ ފުއްޕާމޭގެ މައްސަލަ އެކޭ. އެމީހުންވެސް ބުނި އުންމީދެއް ނެތް ވާހަކަ. އެހިސާބުން އެމީހުން ދިނީ އެއް މަސް ދުވަހުގެ ބޭސް. ދީފައި ބުނީ އެއްމަސް ފަހުން އަންނާށޭ އަނެއްކާވެސް ދައްކަން. ދެން ދިޔައީމަ ދިނީ ހަތް މަސް ދުވަހުގެ ބޭސް. އެމީހުންވެސް އަސްލު މައްސަލަ އެއް ނުބުނޭ. ކިހިނެއްވެގެން ދިމާވި ގޮތެއް ކަމެއްވެސް އަދިއަދަށްވެސް ނޭނގެ.“ އަސްރާގެ ބައްޕަ ބުންޏެވެ.
ހިތާ ފުއްޕާމޭ ބަދަލުކުރަން ޖެހޭކަމަށް ޑޮކްޓަރުން ލަފާދިނުން
އަސްރާއަށް ފަރުވާ ހޯދުމަށްޓަކައި މީގެ ދޮޅު އަހަރު ކުރިން ވަނީ ކޮޗިންގެ އަމްރިތާ ހޮސްޕިޓަލަށްވެސް ދެ ފަހަރު ދައްކާފައެވެ. ނަމަވެސް އަސްރާގެ ބައްޔަށް ދާއިމީ ފަރުވާއެއް ލިބެން އަންނަނީ ހިތާ ފުއްޕާމޭ ބަދަލުކޮށްގެން ކަމަށް އެތަނުން ވެސް ވަނީ ބުނެފައެވެ.
"ކޮޗިންގެ އަމްރިތާ އަށްވެސް ދެއްކިން ދެ ފަހަރު. ދެން އެންމެ ފުުރަތަމަ އެމީހުން ބުނީ އެއްޗެއް ބުނަން އެނގޭނީ ޓެސްޓެ ހެދީމައޭ. ބޭސް ދީފައި ބުނީ ހަމަސްފަހުން އަންނާށޭ. އައީމަ ބުނީ ހިތާ ފުއްޕާމޭ ބަދަލު ކުރަން ޖެހޭ ވާހަކަ. ނަމަވެސް އެތަނުން އެ އޮޕަރޭޝަން ކުރެވެން ނެތް ކަމަށް ބުނީ. އެއީ އަސްރާގެ ހަށިގަނޑުގެ ދިފާޢީ ނިޒާމު ބަލިކަށިވީމަ. އަދި ލޭގެ ޕްރެޝަރވެސް މާ މަތީގަ ހުންނާނީ. ދެން އެހިސާބުން ވަރަށް ދެރަވި. ދެން މާބޮޑު ފަރުވާ އެއް ކުރެވެން ނެތް ކަމަށް ބަލާފައި ދަރިފުޅު ގޮވައިގެން އަޅުގަނޑު އައީ މާލެ. އައިސް މާލޭގަ ހުރީ." އޭނާގެ ބައްޕަ ކިޔައިދިނެވެ.
އަސްރާގެ ބަލީގެ ކަންކަން ރަނގަޅު ކުރެވޭތޯ މާލޭގައި ހުރެގެންވެސް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް ދިޔައީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ހުޅުމާލޭގައި ހުޅުވި ޓްރީޓޮޕް ހޮސްޕިޓަލަށްވެސް އަސްރާ ވަނީ ދައްކާފައެވެ.
ޓްރީޓޮޕް ހޮސްޕިޓަލް ހުޅުވި ޚަބަރު ލިބުނީމަ އަޅުގަނޑުމެން ދިޔައީ އެތަނަށް ދައްކަން. ދިޔައީމަ ޓެސްޓުތައް ހަދާފައި ބުނީ ދާށޭ އޮސްޓްރޭލިޔާ އަށް. އެތަނުން ތި އޮޕަރޭޝަން ކުރެވޭނެޔޭ. އަދި އިދާރަކުރެއްވިއްޔާ ކާމިޔާބު ވެސް ވާނޭ ބުނީ. ދެން އަޅުގަނޑުމެން އަތުގަ އެވަރުގެ ތަނަވަސްކަން ނެތީމަ އަޅުގަނޑުމެން އެދުނީ އާސަންދައިގަ އެހީއަކަށް. އެދުނީމަ އެބޭފުޅުން ބުނީ ތި އޮޕަރޭޝަން ކުރެވޭނޭ އިންޑީޔާގެ ބެންގަލޫރުންވެސް. އެތަނަށް ދާށޭ. ދެން ބެންގަލޫރަށް ފޮނުވީ ހުރިހާ ލިޔެކިޔުންތަކެއް. ފޮނުވީމަ އެތަނުން އެންގީ އެކޮޅަށް ދިއުމަށް. ގޮސް ޓެސްޓު ހެދީމައޭ ބުނީ އެނގޭނީ ވަކި އެއްޗެއް ބުނަން. ދެން މިދިޔަ އަހަރުގެ ޖޫން މަހު އަސްރާ އާއި އޭނާގެ އެއްބަނޑު ކޮއްކޮ އާއި، އަސްރާގެ ފިރިމީހާ އާއި އެކޮޅަށް ދިޔައީ އަސްރާގެ ބައްޕަ ކިޔައިދިނެވެ.

ފުއްޕާމެއަކާ ހިތެއް ހޯދުމުގައި އަސްރާ ކުރަމުންދާ އިންތިޒާރު
އަސްރާގެ ބަލި ރަނގަޅުވާން އަންނަނީ އޭނާގެ ފުއްޕާމެއާއި ހިތް ބަދަލުކޮށްގެން ކަމަށް ވީ ނަމަވެސް، ފުއްޕާމެއަކާއި ހިތެއް ހޯދުމަކީ ވަރަށް އުނގަދޫ ކަމެއް ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.
"އަސްރާގެ ލޭގެ ގުރޫޕާއި، އޭނާގެ އުމުރާއި، އިސްކޮޅުވެސް ދިމާވާން ވާނެ. އަޅުގަނޑުމެން މިހާރު ވާނީ ބެންގަލޫރުގަވެސް އަދި އިންޑިޔާގައިވެސް ވެއިޓް ލިސްޓު ކޮށްފައި ފުއްޕާމެއަކާއި ހިތެއް ހޯދުމަށް. ދެން ބޮޑެތި އަނިޔާ ލިބިގެން ދުނިޔެ ދޫކުރާ މީހުންގެ ފުއްޕާމެއާއި ހިތް އެމީހުން ނަގަނީ. ނަގާތާ ހަތަރު ގަޑި އިރުގެ ތެރޭގައި އެ އޮޕަރޭޝަން ކުރަން ޖެހޭ. މިއީ ވަރަށް އެހެން ކަހަލަ އެޕަރޭޝަނެއް. އެ ހުރިހާ އެއްޗެއް ދިމާވެގެން އެކަން ކުރެވެންވެސް އަންނަނީ. އެހެންވީމަ، އިންޑިޔާގައި އަދިވެސް ހޭދަކުރަންޖެހޭނެ ދުވަހެއް ބުނާކަށް ނޭނގެ. އޭނާއަށް ނޭވާވެސް ލެވެނީ އޮކްސިޖަން ބޭނުންކޮށްގެން ކަމަށްވާތީ، ރާއްޖެ ގެންނަށް ބެލިޔަސް އެކަންވެސް ކުރެވޭކަށް ނެތް. ފްލައިޓް ތަކަށް އެރުވުމުގެ ހުއްދައެއްވެސް ނޯވޭ. އަދި ރާއްޖެ ގެނެސްގެން ކުރެވޭނެ ފަރުވާއެއްވެސް އޮތީއެއް ނޫން. އެހެންވީމަ، އެކޮޅުގަ އެމީހުން ތިބުމާއި ހުރުމާއި، އަދި އެހެނިހެން ޚަރަދުތަކަށް ފައިސާ ބޭނުންވެފައި މި ވަނީ. ކުރިންވެސް ވަރަށް ގިނަ ފަރާތްތަކުގެ އެހީތެރިކަން ލިބިގެން އަޅުގަނޑުމެންނަށް އެހިސާބަށް ދެވުނީ. މިފަހަރުވެސް އަޅުގަނޑު އާދޭހާއި އެކު އެދެން އަޅުގަނޑުގެ ދަރިފުޅަށް ދިމާވެފައި އެވާ ހާލާތުން އަރައިގަތުމަށް ތިޔަ ހުރިހާ ބޭފުޅުންވެސް އެހީތެރިކަން ވެ ދެއްވުމަށް. އެއީ ގެއްލިގެންދާ އެއްޗަކަށް އިރާދަކުރެއްވިއްޔާ ނުވާނެ." އަސްރާގެ ބައްޕަ ބުންޏެވެ.
އަސްރާގެ ފިރިމީހާ މިވަގުތު ހުރީ މާލޭގައެވެ. އަސްރާގެ ފަރުވާއަށް ބޭނުންވާ ފައިސާއާއި ސަރުކާގެ ވުޒާރާތަކުން ކުރަންޖެހޭ ކަންކަން ކުރުމައްޓަކައެވެ. އެހާދުވަހު ރާއްޖެއިން ބޭރުގައި އުޅެން ޖެހުމުގެ ސަބަބުން އުޅެމުން އައި ވަޒީފާވެސް ވަނީ ގެއްލިފައެވެ. އިންޑިޔާގަ ހުރުމާއި ދަތުރު ފަތުރުގެ ކަންކަމަށް ނުހަނު ގިނަ ފައިސާ ހަރަދުވާކަމަށް އަސްރާގެ ފިރިމީހާ ޔާސިރު ބުނެއެވެ. އަސްރާ އާއި ޔާސިރު އަދި އާއިލާގެ އެދުމަކީ ތިޔަ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއާއި ހެޔޮ ދުއާއެވެ.

އަސްރާއަށް އެހީތެރިކަން ވެދެއްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ތިރީގައި މިވާ އެކަންޓު ނަމްބަރު ތަކަށް ފައިސާ ޖަމާކޮށްދެއްވުމަށް އެ އާއިލާއިން އެދެއެވެ.
އެކަންޓުން ނަން: އައިމިނަތު އަސްރާ
އެކައުންޓް ނަމްބަރ (ރުފިޔާ) : 7730000142133
އެކައުންޓް ނަމްބަރ (ޑޮލަރު) : 7730000256391
ގުޅޭނެ ނަމްބަރ: 7795796 ޔާސިރު އަޙުމަދު (އަސްރާގެ ފިރިމީހާ)
އަޅުގަނޑުމެން ކޮންމެ މީހަކީ ވެސް އެކަކު އަނެކަކަށް އެހީތެރިވާ ބައެއް ކަމުގައި ލައްވާށިއެވެ. އާމީން
ނޯޓް: އަސްރާގެ ބައްޕަގެ ބަސްދީގަތުމަކީ 4 ޖޫން 2019 ވަގުތު ނޫހަށް ދީފައިވާ ބަސްދީގަތުމެކެވެ.



