އިންގްލޭންޑްގެ ކޯޗުކަމަކީ ހުވަފެނީ ވަޒީފާއެއްކަމަށް އެޤައުމުގެ ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ޑޭވިޑް ބެކަމް ބުނެފިއެވެ.
އުމުރުން 44 އަހަރުގެ ބެކަމްވަނީ އިންގްލޭންޑްގެ ޤައުމީ ޓީމަށް 115 މެޗު ކުޅެދީފައެވެ. 2000 ފެށިގެން 2006 ވަނަ އަހަރާއި ހަމައަށް ޓީމުގެ ކެޕްޓަންކަންކުރި ބެކަމްގެ ކެޕްޓަން ބޭންޑް އަޅައިގެން އެޤައުމަށް 58 މެޗު ކުޅެދީފައިވެއެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށާއި ރެއަލްމެޑްރިޑަށްވެސް ކުޅުނު ބެކަމް ކުޅުން ހުއްޓާލާފައިވަނީ 2013 ވަނަ އަހަރުއެވެ.
"އިންގްލޭންޑްގެ ކޯޗުކަމަކީ އަހަރެންގެ ހުވަފެނީ ވަޒީފާއެއް. މީހަކު އަހަރެން ގާތު އެކަމަށް އެދިއްޖެނަމަ އުފަލުން ޤަބޫލުކުރާނަން." ބެކަމް ބުންޏެވެ.
މީގެއިތުރުން ބެކަމް ބުނީ، މިހާރުގެ ކޯޗު ގެރެތު ޓީމާއެކު ކުރަމުންދަނީ ވަރަށް ރަނގަޅު މަސައްކަތެއްކަމަށާއި، އޭނާގެ ސަބަބުން ޤައުމީ ޓީމުގެ ޖޯޝާއި ފޯރި ސަޕޯޓަރުންނަށް ގެނެސްދިންކަމަށާއި އޭގެ ތެރޭގައި އޭނާވެސް ހިމެނޭކަމަށެވެ.
ބެކަމް މިހާރު ކުރަމުންދަނީ އެމެރިކާ ލީގުގައި ފުޓްބޯޅަ ކްލަބެއް އުފެއްދުމުގެ މަސައްކަތްކަމަށްވާއިރު، އިންޓަރ މިއާމީގެ ނަންދެވިފައިވާ މިކްލަބު 2020 ވަނަ އަހަރު އެމެރިކާ ލީގުން ފެނިގެންދާނެއެވެ.
މެންޗެސްޓާ ޔުނައިޓެޑުން މަޝްހޫރުވި ބެކަމް، ޔުނައިޓެޑް ދޫކޮށް ސްޕެއިންގެ ރެއަލްމެޑްރިޑާއި ގުޅުނީ 2003 ވަނަ އަހަރުއެވެ. އެއަށްފަހު އެލްއޭ ގެލެކްސީ، އޭސީ މިލާން އަދި ޕީއެސްޖީ ޖޯޒީގައިވެސް އޭނާވަނީ ކުޅެފައެވެ.




