ސްޕެއިންގެ ޗެމްޕިއަން ބާސެލޯނާ ބަލިކުރެވޭ ފެންވަރުގެ ކުޅުންތެރިން އިންޓަރ މިލާންގައި އެބަހުރިކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު އަދި ދާދި ފަހުން އިންޓަރއާއި ގުޅުނު އެލެކްސިސް ސަންޗޭޒް ބުނެފިއެވެ.
ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިންޓަރ މިލާންއާއި ބާސެލޯނާ އެއް ގްރޫޕެއްގައި ހިމެނޭއިރު، ދެޓީމު ބައްދަލުކުރާ ފުރަތަމަ މެޗު އޮންނާނީ އަންނަ އޮކްޓޯބަރ 2 ވާ ބުދަ ދުވަހުގެ ރޭ 12:00 ގައެވެ. ބާސެލޯނާ އަދި އިންޓަރ މިލާންގެ އިތުރުން ދެން މިގްރޫޕްގައި ހިމެނެނީ ބްރޯސިއާ ޑޯޓުމުންޑާއި ސްލަވިއާ ޕްރެގޫއެވެ.
"ބާސެލޯނާއާއި ދެކޮޅަށް ކުޅުމަކީ އުނދަގޫކަމެއް. އެކަމު އަހަރެމެންނަށް މިކަންވާނެ. ކުޅުންތެރިންނަށް އެކަން ވާނެކަން ޤަބޫލުކުރަންޖެހޭ." ސަންޗޭޒް ބުންޏެވެ.
މީގެއިތުރުން ސަންޗޭޒް ބުނީ، ބާސެލޯނާއާއެކު އުފާވެރި ދުވަސްތަކެއް ހޭދަކުރިންކަމަށާއި، ރަނގަޅު ރަޙްމަތްތެރިންވެސް އުފެދުނުކަމަށެވެ.
ތިން ސީޒަން ހޭދަކޮށް ބާސެލޯނާއެކު ގިނަ ކާމިޔާބީތަކެއް ހޯދުމަށްފަހު ސަންޗޭޒް އާސެނަލް އަށް ބަދަލުވީ 2014 ވަނަ އަހަރުއެވެ. އަދި އެއަށްފަހު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ސަންޗޭޒް އިންޓަރ މިލާންއާއި ގުޅުނީ މިދިޔަ އޮގަސްޓް މަހުގެ ފަހުކޮޅުއެވެ.
އިންޓަރއަށް ބަދަލުވުމަށްފަހު ސަންޗޭޒް ބުނެފައިވަނީ އޭނާ އެކްލަބާއި ގުޅުނީ ކާމިޔާބީ ހޯދަންކަމަށާއި، އަދި ބޭނުންވަނީ ކުޅުން ވީހާވެސް ރަނގަޅުކޮށް ގިނަ ކާމިޔާބީތަކެއް އިންޓަރ ހޯދައިދިނުންކަމަށެވެ.




