މަޖިލީހުގެ ރައީސް ޕީޖީ ލީޑަރުންނާއެކު - ފޮޓޯ: މަޖިލިސް

ރިޟްވާން ގެއްލިފައިވާ މައްސަލައިގެ ރިޕޯޓް ޕީޖީ ލީޑަރުންގެ އަތުން ނުނަގަން - މަޖިލިސް

ގެއްލުނު މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން އަޙްމަދުގެ މައްސަލައިގެ ތަޙްޤީޤު ރިޕޯޓް ޕީޖީ ލީޑަރުންގެ އަތްޕުޅުން އަތުނުލައްވާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

މިކަން ކަށަވަރުކޮށްދެއްވައި ރައްޔިތުންގެ މަޖިލީހުން ވަނީ ދާދި ދެންމެ ޓްވީޓެއްވެސް ކުރައްވާފައެވެ.

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ރިލްވާންގެ މައްސަލައިގައި ކުރި ތަޙްޤީޤުގެ ޑްރާފްޓް ރިޕޯޓް އެ ކޮމިޝަނުގެ ރައީސް ވަނީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަރުވާފައެވެ. އަދި އެ ރިޕޯޓްގެ ކޮޕީއެއް މަޖިލީހުގައި ތިއްބަވާ ޕީޖީ ލީޑަރުންނަށް ނަޝީދު ވަނީ އަރުވާފައެވެ.

އެ ރިޕޯޓްގައި އެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިންނާއި، ހެކިންގެ ވަނަވަރު އަދި އެ ސިއްރު ހެކިންގެ ތަޙްޤީޤު ބަޔާންތައް ހިމެނިފައިވާތީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް ހިމެނޭހެން ގިނަ ބަޔަކު ވަނީ ރައީސް ނަޝީދަށް ފާޑުކިޔާފައެވެ.

އެ ރިޕޯޓްގެ ސިއްރުކަން ހިފަހައްޓަވާނެކަން ޔަޤީންކުރައްވާ ކަމަށާއި، ރިޕޯޓް އެގޮތަށް ހިއްސާކުރެއްވީ އެ ރިޕޯޓް ހިއްސާކުރުމާމެދު ސުޢޫދުވެސް އިއުތިރާޒް ނުކުރައްވާތީ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އަދި ސުޢޫދު ފަހުން ވިދާޅުވީ، ރިޕޯޓް އާއްމުކުރެއްވުމުން ލިބުނު ފައިދާ ބޮޑު ކަމަށާއި، ރިޕޯޓް ސިއްރު ކުރައްވަން ބޭނުންފުޅު ނުވާކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ