ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރޭ ކުޅުނުމެޗުން އެތުލެޓިކޯއިން ޖުވެންޓަސްގެ މައްޗަށް ބޮޑު ކާމިޔާބީއެއް ހޯދައިފިއެވެ.
މެޗުގައި ރަނގަޅުކުޅުމެއް ކުޅުނު އެތުލެޓިކޯ ލީޑު ނެގުމުގެ ކުރިން ޑިއެގޯ ކޯސްޓާއަށް ޖުވެންޓަސްގެ ޑިފެންޑަރ ޑިޝީލިއޯ ކުރި ފައުލަކާއި ގުޅިގެން އެތުލެޓިކޯއަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެފައުލްކޮށްފައިވަނީ އޭރިއާ ބޭރުންކަމަށް ރެފްރީ ފަހުންވަނީ ނިންމާފައެވެ. އަދި މޮރާޓާ ޖެހި ލަނޑު ޑިފެންޑަރ ކިއެލީނީއަށް ފައުލްކުރުމަށްފަހު ޖަހާފައިވާކަމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީވަނީ ނިންމާފައެވެ.
އެތުލެޓިކޯގެ ފުރަތަމަ ލަނޑު މެޗުގެ 78 ވަނަ މިނަޓްގައި ގިމެނޭޒް ކާމިޔާބުކޮށްދިނީ މޮރާޓާ ބޮލުން ފޮނުވާލި ހަމަލާއެއް މަންޒުކިޗް ދިފާއުކޮށް އެބޯޅަ ސާފުކޮށް ނުލެވިގެން އުޅެނިކޮށްނެވެ. އަދި ދެވަނަ ލަނޑު މެޗުގެ 83ވަނަ މިނަޓްގައި ޑިފެންޑަރ ގޯޑިން ކާމިޔާބުކޮށްދިނީ ރީބައުންސްވެގެންއައި ބޯޅައަކުންނެވެ.

މިމެޗުގައި ދެއްކި ރީނދޫކާޑުގެ ސަބަބުން އެތުލެޓިކޯގެ ކޯސްޓާއާއި ތޯމަސް ޕާޓޭ އަދި ޖުވެންޓަސްގެ ސާންޑްރޯއަށް މިމެޗުގެ ދެވަނަ ލެގުގައި ނުކުޅެވޭނެއެވެ. ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައިވާނީ އަންނަ މަހު 13ގައި ޖުވެންޓަސްގައެވެ.

ލަނޑެއް ކާމިޔާބުކުރުމަށް ޖުވެންޓަސްއަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތު ފެނިގެން ދިޔައީ 35 ޔާޑްދުރުން ރޮނާލްޑޯ ފޮނުވާލި ހިލޭޖެހުމުންނެވެ. ބާރު ސްޕީޑްގައި ފޮނުވާލި މިހަމަލާ ދިފާއުކުރީ އެތުލެޓިކޯގެ ކީޕަރ އޮބްލަކްއެވެ.
99 މިލިއަން ޕައުންޑަށް ރެއަލް ދޫކޮށް ޖުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ ތަފާތު ތިން ކްލަބެއްގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ އުއްމީދުގައެވެ. ފާއިތުވި ތިން އަހަރު ރެއަލްއާއެކު ރޮނާލްޑޯ މިތަށި ކާމިޔާބުކޮށްފައިވާއިރު ރެއަލްއާކު ޖުމްލަ ހަތަރު ފަހަރު މިތަށި ކާމިޔާބުކޮށްފައިވެއެވެ. އަދި 2008ވަނަ އަހަރު ޔުނައިޓެޑްއާއެކުވެސް ރޮނާލްޑޯވަނީ މިތަށި ކާމިޔާބުކޮށްފައެވެ.
96-1995ގެ ފަހުން މިތަށި ކާމިޔާބުކުރުމަށް ނުކުޅެދިފައިވާ ޖުވެންޓަސްއިން ރޮނާލްޑޯ އެޓީމަށްގެނައީ ރޮނާލްޑޯއާއެކު މިތަށި އުފުލާލެވޭނެކަމުގެ އުއްމީދުގައެވެ. 121 ލަނޑާއެކު މިމުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިއަކީ ރޮނާލްޑޯއެވެ. އަދި މިމުބާރާތުގެ ހަސީޒަނެއްގައި މުބާރާތުގެ ރަންބޫޓް ރޮނާލްޑޯވަނީ ހާޞިލްކޮށްފައެވެ.
'I’ve got five Champions League trophies and Atleti have zero.'
— Metro Sport (@Metro_Sport) February 20, 2019
Cristiano Ronaldo, gracious in defeat as ever pic.twitter.com/E1IIlyjkwj
އެތެލެޓިކޯގެ ސަޕޯޓަރުންގެ ލޯތަކާއި ހަޅޭއްލެވުން މިމެޗުގައި ރޮނާލްޑޯއަށް ކުރިމަތިވެފައި ވާއިރު އަތުގެ އިޝާރާތުން އޭނާއަށް ފަސް ފަހަރު މިމުބާރާތް ކާމިޔާބުކުރެވިފައިވާކަން އެތުލެޓިކޯ ސަޕޯޓަރުންނަށް ދެއްކިއެވެ. އަދި މެޗަށްފަހު މާޔޫސްވެފައިވާ ރޮނާލްޑޯ ޗޭންޖިން ރޫމަށް ދިޔައީ ތިމަންނަ އަތުގަ މިމުބާރާތުގެ ފަސް ޓްރޮފީ އިންކަމަށާއި، އެތުލެޓިކޯ އަތުގައި އިނީ ސުމެއްކަމަށްބުނެ އަތުން އިޝާރަތްކުރަމުންނެވެ.