ވޮމެންސް ޔޫރޯ 2021 ގެ ގުރުއަތުލައިފި

2021 ވަނައަހަރުގެ ޖުލައި 11ން އޮގަސްޓް 1ށް އިނގިރޭސިވިލާތުގައި ކުޅުމަށް ހަމަޖެހިފައިވާ ވޮމެންސް ޔޫރޯ 2021 ގެ ގުރުއަތު ނަގައިފިއެވެ.

ރެކޯޑު އަދަދަކަށް ޤައުމުތައް މިމުބާރާތުގައި ބައިވެރިވާއިރު ސައިޕްރަސް އަދި ކޮސޯވޯއަކީ މުޅިން އަލަށް މިމުބާރާތުގައި ބައިވެރިވާ ދެޓީމެވެ. ޖުމްލަ 47 ޤައުމު ބައިވެރިވާ މިމުބާރާތުގައި 9 ގްރޫޕްވެއެވެ. އޭގެތެރެއިން ގްރޫޕް އޭ އަދި ގްރޫޕް ބީ ގައި 6 ޤައުމު ހިމެނޭއިރު އަނެއް 7 ގްރޫޕްގައި ހިމެނެނީ 5 ޤައުމެވެ.

ކޮންމެ ގްރޫޕެއްގެ އެއްވަނަ އޮޓޮމެޓިކުން މުބާރާތަށް ކޮލިފައިވާއިރު ގްރޫޕްތަކުގެ ދެވަނައަށްދިޔަ ޤައުމުތަކުގެ  ތެރެއިން އެންމެ މޮޅު ތިން ޤައުމެއްވެސް މުބާރާތަށް ކޮލިފައިވާނެއެވެ. އަދި މުބާރާތުގެ ބާކީ ތިންޖާގައޮތްއިރު މިޖާގަތަކަށް ޤައުމުތައް ހޮވާނީ ގްރޫޕްތަކުގެ ދެވަނައަށް ދިޔަ އަނެއް ހަ ޤައުމު ދެލެގްގެ ޕްލޭއޮފް މެޗުތަކެއް ކުޅުމަށްފަހުގައެވެ.

މުބާރާތުގެ ކޮލިފައިން މެޗުތައް މިއަހަރުގެ އޮގަސްޓް މަހު ފެށިގެންދާނެއެވެ. 2020އާ ހަމައަށް ކޮލިފައިން މެޗުތައް ކުރިއަށްދާއިރު ޕްލޭއޮފް މެޗުތައްވެސް ކުޅެވިގެންދާނީ ހަމަ މިއަހަރުއެވެ.

މުބާރާތް ބާއްވާ އިނގިރެސިވިލާތް މުބާރާތަށް އޮޓޮމެޓިކުން ކޮލިފައިވާއިރު 2005 ވަނަ އަހަރުވެސް މިމުބާރާތް ބޭއްވިފައިވަނީ އިނގިރޭސި ވިލާތުގައެވެ.

އެންމެފަހުން ބޭއްވުނު ވޮމެންސް ޔޫރޯ 2017ގައި ކުރިއަށްދިޔައީ ނެދަލެންޑްސްގައެވެ. އަދި އެފަހަރު ގެމުބާރާތް ކާމިޔާބުކުރީވެސް އެޤައުމެވެ. އޭގެ ކުރިން ކުޅުނު ހަ ވޮމެންސް ޔޫރޯވެސް ކާމިޔާބުކޮށްފައިވަނީ ޖަރުމަނީއެވެ.

  • ގްރޫޕް އޭ : ނެދަލެންޑްސް، ރަޝިއާ، ސްލޮވޭނިއާ، ޓާކީ، ކޮސޯވޯ، އެސްޓޯނިއާ
  • ގްރޫޕް ބީ : އިޓަލީ، ޑެންމާކް، ބޮޒްނިއާ އެންޑް ހަރްޒިގޮވީނާ، އިސްރާއީލް، މަލްޓާ، ޖޯޖިއާ
  • ގްރޫޕް ސީ : ނޯވޭ، ވޭލްސް، ބެލަރުސް، ނޯދާން އަޔަލޭންޑް، ފޭރޯ އައިލެންޑްސް
  • ގްރޫޕް ޑީ : ސްޕެއިން، ޗެކް ރިޕަބްލިކް، ޕޮލެންޑް، މޮލްޑޯވާ، އަޒަބައިޖާން
  • ގްރޫޕް އީ : ސްކޮޓްލޭންޑް، ފިންލޭންޑް، ޕޯޗުގަލް، އަލްބޭނިއާ،  ސައިޕްރަސް
  • ގްރޫޕް އެފް : ސްވިޑެން، އައިސްލޭންޑް، ހަންގޭރީ، ސްލޮވޭކިއާ، ލެޓްވިއާ
  • ގްރޫޕް ޖީ : ފްރާންސް، އޮސްޓްރިއާ، ސާބިއާ، ކަޒަކްސްތާން، މެސަޑޯނިއާ
  • ގްރޫޕް އެޗް : ސްވިޒަލޭންޑް، ބެލްޖިއަމް، ރޮމޭނިއާ، ކޮރޭޝިއާ، ލިތުއާނިއާ
  • ގްރޫޕް އައި : ޖަރމަނީ، ޔޫކްރެއިން، ރިޕަބްލިކް އޮފް އަޔަލޭންޑް، ގްރީސް، މޮންޓެނެގްރޯ
މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ