އެނބުރި ބާސެލޯނާއަށް ނުގޮސް، ބްރެޒިލްގެ ސައޮ ޕޯލޯއާއި ގުޅުނީ އެކްލަބުންކުރި އޭނާއަށްކުރާ އިތުބާރެއްގެ ބޮޑުކަމުންކަމަށް ކުރިން ބާސެލޯނާއަށް ކުޅުނު ޑެނީ އަލްވެސް ބުނެފިއެވެ.
އަލްވެސް ބުނީ، 2018/19 ސީޒަނަށް ނިމުމުގެ ކުރިން އޭރު ކުޅެމުންއައި ކްލަބު ޕީއެސްޖީ ދޫކޮށްލަން ނިންމާފައިވާކަން އިޢުލާންކުރި ފަހުން ސައޮ ޕޯލޯގެ އިތުރުން ބާސެލޯނާއިންނާއި ޔުވެންޓަސްއިން ދިއުމުގެ ފުރުޞަތު ލިބުނުކަމަށެވެ.
"އަހަންނަށް ބާސެލޯނާއަށްވެސް އަދި ޔުވެންޓަސްއަށްވެސް އެނބުރިދާން ފުރުޞަތު ލިބުނު. އެކަމު އަހަރެން ސައޮ ޕޯލޯ ޚިޔާރުކުރީ އެކްލަބުން އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން." އަލްވެސް ބުންޏެވެ.
މީގެއިތުރުން އަލްވެސް ބުނީ، ސައޮ ޕޯލޯއިން އޭނާއަށް 2022 އާއި ހަމައަށް ކުޅުމުގެ ފުރުޞަތު ދީފައިވާއިރު، އޭގެ ސަބަބުން ވޯލްޑްކަޕްގައި ކުޅުމުގެ ފުރުޞަތުވެސް އޭނާއަށް ބޮޑުވެގެން ދާނެކަމަށެވެ.
ސައޮ ޕޯލޯއާއެކު އަލްވެސް ހަދާފައިވަނީ 3 އަހަރު ދުވަހުގެ އެއްބަސްވުމެކެވެ. މިއެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021/22 ސީޒަންގައެވެ.
މިއަހަރުގެ ކޮޕާ އެމެރިކާގެ އެންމެ މޮޅުކުޅުންތެރިޔާގެ މަޤާމު ހޯދާފައިވާ އުމުރުން 36 އަހަރުގެ އަލްވެސް ރިޓަޔާކުރުމާމެދު ވިސްނަމުންދޭތޯކުރި ސުވާލަކަށް ޖަވާބުދެމުންބުނީ، އޭނާއަކީ މިނިވަނެއްކަމެއްވާއިރު، ކުޅުން ހުއްޓާލާނެ ވަގުތުވެސް ކަނޑައަޅާނީ އޭނާކަމަށެވެ. އަދި އެހެން ކްލަބުތަކުން ދެކޭގޮތުގައި އޭނާ އެކްސްޕަޔާވުމުގެ ވަގުތު ކައިރިވަމުން އަންނަކަމަށްވެސް އޭނާވަނީ ބުނެފައެވެ.



