ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޗެލްސީއާއި ބައްދަލުކުރާމެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވުމަށް ސްޕެއިންގެ ވެލެންސިއާ ޓީމުގެ ކުޅުންތެރިން ދެކޮޅު ހަދައިފިއެވެ.
މީޑިއާ ބައްދަލުވުންތައް ވެލެންސިއާ ކުޅުންތެރިން ބޮއިކޮޓްކޮށްފައިމިވަނީ އެކްލަބު ކުރީގެ ކޯޗު މަޤާމުން ވަކިކުރުމާއި ގުޅިގެންނެވެ. ވެލެންސިއާގެ ކުރީގެ ކޯޗު މާސެލީނޯ އެކްލަބުގެ ކޯޗުކަމުން ވަކިކޮށްފައިވަނީ މިދިޔަ ހަފްތާގައެވެ.
މިދިޔަ ހަފްތާގައި ވެލެންސިއާގެ ކޯޗުކަމާއި ޙަވާލުވި ސެލަޑެސްއަކީ ކުރިން ރެއަލްމެޑްރިޑްގެ އެސިސްޓެންޓް ކޯޗެކެވެ.
އެހެންކަމުން ޗެލްސީގެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސެލަޑެސްއަށް ބައިވެރިވާން ޖެހުނީ އެކަންޏެވެ.
"މީޑިއާތަކާއި ބައްދަލުނުކުރަަކިން ނިންމީ ކުޅުންތެރިން. އެކަމުގައި އަހަރެން ބުނާނެ ވަކި އެއްޗެއް އަދި ކުރެވޭނެކަމެއްވެސް ނެތް." ސެލަޑެސް ބުންޏެވެ.
މީގެއިތުރުން ސެލަޑެސް ބުނީ، ކޮންމެ ދުވަހަކުވެސް އޭނާއާއި ކުޅުންތެރިންނާ ވާހަކަ ދެކެވޭކަމަށާއި، އަދި ކުޅުންތެރިންނާ ކޯޗާއި ދެމެދު މައްސަލަތަކެއްނެތްއިރު، އުންމީދުކުރަނީ ކުޅުންތެރިންގެ ހުނަރު އިތުރަށް ކުރިއަރައި، ކްލަބަށް ރަނގަޅު ކާމިޔާބީތަކެއް ލިބުންކަމަށެވެ.
ސްޓޭމްފޯޑް ބްރިޖްގައި ޗެލްސީއާއި ދެކޮޅަށް ވެލެންސިއާ ނުކުންނާނީ މިރޭ ރާއްޖެ ގަނޑިން 12:00 ގައެވެ.



