ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓެޓިވް، މެޑަމް ފަޒްނާއާއި ބައްދަލުކުރައްވައިފި

އ.ދ.ގެ ކުޑަކުދިންގެ ފަންޑް (ޔުނިސެފް) ގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރ މުނީރު ސަފިލްޑިން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު މުލީއާގޭގައި ކުރިޔަށް ދިޔަ މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވި ކަންތައްތަކުގެ ތެރޭގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި، ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި، ކުށްކުރާ ކުޑަކުދިން އިޞްލާޙުކުރުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުން ހިމެނެއެވެ.

މީގެ އިތުރުން ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި، އެކުދިންގެ ދިރިއުޅުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން ފުޅާ ދާއިރާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނާއި، ޑޮކްޓަރ ސަފިލްޑިންގެ ވަނީ މަޝްވަރާ ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމާއި، އެކުދިން އިޞްލާޙުވުމަށް އެކަށީގެންވާ ރަނގަޅު މާޙައުލެއް ޤާއިމުކުރުމަށް ބާރުއެޅުމާއިއެކު، އެފަދަ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށްޓަކައި ކަމާބެހޭ ދާއިރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން ވެސް ދެބޭފުޅުން ވަނީ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެޤާނޫނަށް ޢަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ