ލަލީގާ - މެސީގެ 50 ވަނަ ހެޓްރިކް، ބާސާ ފަހަތުން އަރައި ސެވިއްޔާ ބަލިކޮށްފި

ސްޕެނިޝް ލަލީގާގައި މިރޭ ސެވިއްޔާ އަދި ބާސާ ބައްދަލުކުރި މެޗު 2-4 ގެ ނަތީޖާއަކުން ބާސާ ކާމިޔާބުކޮށްފިއެވެ.

ސެވިއްޔާ ދަނޑުގައި ކުޅެވުނު މިމެޗުގެ ފުރަތަމަ ޖަހައި ލީޑު ނެގީ ސެވިއްޔާއިންނެވެ. މެޗުގެ 22 މިނަޓްގައި މިލަނޑު އެޓީމަށް ޖަހައިދިނީ ސިޓީގެ ކުރީގެ ވިންގާ ނަވާސްއެވެ. އޭގެ ހަތަރު މިނަޓްފަހުން ބާސާ ކެޕްޓަން މެސީ ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. މިއީ 16 ޔާޑު ދުރުން ވާތުފައިން ފޮނުވާލި ވަރަށް ހިތްގައިމު ވޮލީއަކުން ކާމިޔާބުކޮށްދިން ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސެވިއްޔާއިން އިތުރު ލަނޑެއްޖަހާ އަނެއްކާވެސް ލީޑު ނެގިއެވެ. މިލަނޑު މެޗުގެ 42 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ އެޓީމުގެ މެރްކާޑޯއެވެ.

ބާސާއިން ދެވަނަ ހާފަށް ނުކުތީ މުޅިން އާއަޒުމެއްގައެވެ. ވިދާލުގެ ބަދަލުގައި ޑެމްބެލޭ ކުޅެންއަރުވައި ބާސާގެ އެޓޭކް ވަރުގަދަކޮށްލިއެވެ. ބާސާ ވަރުގަދަ ހަމަލާތަކާއި މެސީ ތަފާތު މޮޅުކުޅުމުގެ ސަބަބުން ސެވިއްޔާއިން ޑިފެންސްގައި ކުރި މަސައްކަތް ފެނަށްހަދާލިއެވެ. މެޗުގެ 67 ވަނަ މިނަޓްގައި މެސީގެ ދެވަނަ އަދި ބާސާގެވެސް ދެވަނަ ލަނޑު ފެނިގެންދިޔައެވެ. މިލަނޑު މެސީގެ ކަނާތުފައިން ވައްދާލީ ގޯލްގެ މަތީ ކަނަށެވެ.

ނަތީޖާ ހަމަހަމަވިނަމަވެސް ބާސާއިން މެޗުން މޮޅުވުމުގެ އަޒުމުގައި ހަމަލާތައް ދިޔައީ އިތުރުކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 85 ވަނަ މިނަޓްގައި ބާސާއިން އިތުރު ލަނޑެއްޖަހާ މިމެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގިއެވެ. ޗިޕަކުންޖެހި މިލަނޑު ޖަހައިދިނީ ބާސާގެ ކެޕްޓަން ލިއޮނަލް މެސީއެވެ. މިލަނޑާއެކު މެސީ މިމެޗުގެ ހެޓްރިކް ހަދާފައިވާއިރު މިއީ މެސީގެ ކެރިއަރުގައި ހެދި 50 ވަނަ ހެޓްރިކެވެ. އަދި މެސީ ސެވިއްޔާއާއި ދެކޮޅަށް 35 މެޗު ކުޅެފައިވާއިރު އެޓީމާ ދެކޮޅަށް 36 ލަނޑު ޖަހާދީފައިވެއެވެ.

މެޗުގެ އިތުރު ވަގުތުގައި ބާސާއިން އިތުރު ލަނޑެއްޖަހާ މެޗުގެ ނަތީޖާ 2-4 ބަދަލުކޮށްލިއެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސުއަރޭޒްއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ