ސާފް ޗެމްޕިއަންޝިޕް 18 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެއިން ހޯދި ފުރަތަމަ ޕޮއިންޓާއެކު، އެންމެ ފަހުގެ ޗެމްޕިއަން އަދި މުބާރާތް ބާއްވާ ގައުމު ނޭޕާލް ރާއްޖެއިން ހުއްޓުވައިފިއެވެ.
1-1 ގެ ނަތީޖާއަކުން އެއްވަރުވި މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީވެސް ރާއްޖެއިންނެވެ. މެޗުގެ 13 ވަނަ މިނެޓްގައި ރާއްޖެއަށް ލީޑް ނަގައިދިނީ ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އެވެ. އަދި މެޗުގެ ފުރަތަމަ ރާއްޖެއިން ނިންމާލީ ލީޑުގައި އޮވެއެވެ.
މެޗުގެ ދެވަނަ ހާފަށް ނުކުތް ރާއްޖެއިން ލިބުނު ލީޑާއެކު ކުޅުނު ޑިފެންސިވް ގޭމްގެ ސަބަބުން ނޭޕާލު ޓީމުން ދިޔައީ ރާއްޖޭގެ ޑިފެންސަށް ވަރަށް ނުރައްކާކުރަމުންނެވެ. ފުލުފުލުގައި އުފައްދަމުންދިޔަ މިހަމަލާތަކުގެ ނަތީޖާއަކަށްވީ މެޗުގެ 74 ވަނަ މިނަޓްގައި ނޭޕާލުން ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރުމެވެ. ނޭޕާލަށް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ މަނީޝް ޑަންގީއެވެ.
މިއަދުގެ މެޗުގައި ރާއްޖޭގެ ޑިފެންސާއި ގޯލް ކީޕަރު ހަސަން އަލީފްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.
މިމުބާރާތުގައި ރާއްޖެއިން ދެން ނުކުންނާނީ ބޫޓާންއާއި ދެކޮޅަށެވެ. އެމެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ނޫން އަނެއްދުވަހުއެވެ.




