މ. އަތޮޅުގައި މަހުގެ އުފެއްދުންތައް އުފެއްދުމަށް މާކެޓިންގ ޕްރޮގްރާމެއް ބާއްވައިފި

މަސްވެރިކަމަކީ ޒުވާނުން ޝައުޤުވެރިވާ ސިނާއަތަކަށް ހެދުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ އަމާޒު ހާޞިލް ކުރުމަށްޓަކައި މަސްވެރިކަމުގެ އުފެއްދުންތައް މާކެޓްކޮށް މަސްވެރިކަމުގެ އާ ވިޔަފާރީގެ ފުރުޞަތުތައް ރައްޔިތުންނަށް ފޯރުކޮށްދީ، މަސްވެރިކަމުގެ އުފެއްދުންތަކުން ނަފާ ހޯދުމާބެހޭ ޕްރޮގްރާމެއް ކުރިޔަށް ގެންގޮސްފިއެވެ.

މ. ދިއްގަރުގައި މި މަހުގެ 19 އިން 21 އަށް ކުރިޔަށް ގެންގޮސްފައިވާ މި ޕްރޮގްރާމަކީ މ. އަތޮޅުގައި މަހުގެ އުފެއްދުންތައް އުފައްދާ ފަރާތްތަކަށް މަހުގެ އުފެއްދުންތައް މާރކެޓްކޮށް ޕްރޮމޯކުރުމުގެ ގޮތުން ކުރިޔަށް ގެންދެވުނު ޕްރޮގްރާމެކެވެ.

މިޕްރޮގްރާމްގައި މ. ދިއްގަރު އަދި މ. ކޮޅުފުށީގައި މަހުގެ އުފެއްދުން އުފައްދާ ފަރާތްތައް ވަނީ ބައިވެރިވެފައެވެ. އެގޮތުން މިތަމްރީނު ޕްރޮގްރާމްގައި މ. ދިއްގަރުން 9 ބައިވެރިން އަދި މ. ކޮޅުފުށިން 2 ބައިވެރިން ހިމެނޭ ގޮތަށް ޖުމްލަ 11 ބޭފުޅުން ވަނީ ބައިވެރިވެފައެވެ. އޭގެތެރޭގައި، މަސްވެރިކަމުގެ ދައިރާގައި މ.އަތޮޅުގައި މިހާރުވެސް މަސައްކަތްކުރަމުންދާ ގިނަ ފަރާތްތަކެއް ހިމެނެއެވެ.

މިތަމްރީނު ޕްރޮގްރާމްގައި ހިމެނެނީ ކްލާހުގައި ކިޔަވައިދޭ ބަޔަކާއި އެ މައުޞޫއުތަކާގުޅޭ ޢަމަލީގޮތުން މަސައްކަތްކޮށް ތަޖްރިބާ ހޯދުމުގެ ބަޔެކެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެވުނު ބައިތަކުގެ ތެރޭގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިއެއް އުފެއްދުމަށް ކުރަންޖެހޭ މަސައްކަތާއި، ވެލިއު އެޑިޝަން، ލޭބަލް އަދި ޕެކޭޖިންގ، މަހުގެ ކޮލިޓީ ދެމެހެއްޓުމާއި، މާކެޓިންގ، އަދި ކުދި ވިޔަފާރީގެ ހިސާބު ބެލެހެއްޓުން ހިމެނެއެވެ.

މި ޕްރޮގްރާމްގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވީ، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގެ މުޥައްޒަފު ސީނިއަރ ރިސަރޗް އޮފިސަރ އަޙްމަދު ރާޝިދުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ