އެނދުމަތީގައި އޮތް ފޯނު ރިންގުވާން ފެށުމާއިއެކު ޖިއާން ސިއްސައިގެން ދިޔައެވެ. މޫނުމަތިން ބާލިސް ދުރަށް ޖައްސާލާ ފޯނަށް ކަޅިހިންގާލިއެވެ. ނުދަންނަ ނަންބަރެކެވެ. އަނެއްކާވެސް މޫނުމަތީގައި ބާލީސް އަޅައިގެން ޖިއާން ރޯންފެށިއެވެ. ކިތަންމެ ދުވަހެއްވިޔަސް އެ ކޯލްތަށް އަންނާނެކަން އެނގޭތީއެވެ. އަމިއްލަ ދިފާއުގައި ކިތަންމެ ވާހަކައެއް ދެއްކިނަމަވެސް އެވާހަކަތަށް އަޑުއަހާނެ އަދި ގަބޫލުކުރާނެ ފަރާތެއް ނެތްކަން އިހުސާސްކުރެވޭތީއެވެ، ކަމެއް ދިމާވާދުވަހަކުން އެންމެ ގާތުގައި ތިބޭނެކަމަށް އުއްމީދުކުރި އާއިލާ މީހުންނާއި ރަހުމަތްތެރިންވެސް މިއަދު ގާތުގައި ނެތުމުންނެވެ.
"ކާންދޭން ކޮންމެހެން ގޮވާނެ ކަމެއްނެއް. ބަނޑުހައި ވަންޏާ ނުކުމެ ކައްކައިގެން ކައިފާނެ. އަހަންނަށް ރަނގަޅީ މިގެއިންވެސް ނުކުމެގެން ދިޔައިއްޔާ." ކަންފަތްމަތީ ބާލީސް އޮތެއްކަމަކު ސިޓިންގ ރޫމްގައި ދައްކާ ހުރިހާ ވާހަކައެއް ޖިއާންއަށް އިވެމުންދިޔައެވެ.
"އެ އަންހެނާއާއި ހުރެ މަގު މައްޗަށްވެސް ނުކުންނަން ލަދުގަނޭ މިހާރު، މީނަގެ ނޫންވާހަކައެއް އަޑެއް ނީވޭ. ވަރަށް މޮޅުކަމެއް ކޮށްފައި އައިހެއްނު އެއޮތީ ހިތުން." ޖިއާންގެ ބޮޑުދައިތަ ހުއްޓާ ނުލާ އެއްޗެހި ކިޔަމުން ގެންދިޔައެވެ.
ކެތްނުވެގެން ޖިއާން ހިތްވަރުކޮއްލާ ކޮޓަރިން ނުކުތެވެ.
"ބޮޑައްތާ. ހެޔޮވާނެތަ އަހަންނާއި ދިމާލަށް ތިހާ އެއްޗެހި ކިޔަން؟ އަހަރެންގެ ކުށަކީ ކޮބާ؟ މިވީ އެއްވެސް ކަމެއްވީ އަހަރެން ބޭނުންވެގެންތަ؟ އެއްވެސް މީހަކަށް އިހްސާސްކުރެވޭތަ އަހަރެންގެ ގައިގަ އަޅާވޭން؟ އަހަރެންގެ ހިތުގައި ރިހޭވަރު؟ އަހަންނަށް ކޮންގޮތަކަށް އުޅެވިގެން އަހަންނަށް މިހާބޮޑު އަދަބެއް ލިބުނީ؟" ޖިއާން ރޮމުން ގިސްލަމުން ވާހަކަ ދައްކަމުންދިޔައެވެ.
"ކޮބާހޭ ކުށަކީ؟ އަހަރެން ކިތަށް ފަހަރު ޖިއާން ކައިރީގަ ބުނިން ތި ލާ ކުރުހެދުންތަށް ދިގުކުރާށޭ؟ ކިތަށް ފަހަރު އަހަރެން ބުނީ އަންހެން ކުދިންނަކީ ކޮންމެހެން ބޮޑެތި މަގާމުތަށް ފުރަންޖެހޭ ބައެއް ނޫނޭ. އެވެސް ފޮނިވެފައި ރިސޯޓު ތަކުގައި. އާނ. ތިވީ ހުރިހާކަމެއް ވީ ޖިއާން އުޅުނު ގޮތުން. ޖިއާން ގޭގައި އޮއްވާތަ ފިރިހެނުންތަކެއް އައިސް ޖިއާންގެ އިއްފަތްތެރިކަން ފޭރިގަތީ؟ ގޭގައި އޮތް ނަމަ އެހެން ނުވީސް." ހިތުގައި އެއްވެސް ރަހުމެއް ނެތި ޒާހިދާ އެއްޗެހިކިޔަމުން ދިޔައެވެ.
"އަހަރެން ލާ ހެދުމަކުން ނޫނީ އަހަރެން އަދާކުރާ ވަޒީފާއަކުން އަހަރެން އިއްފަތްތެރިކަން މިނަންވާނެތަ؟ ބޮޑައްތާ. ލާ ހެދުމަކުން މިހެން ދިމާވާނަމަ ނޫނީ ހުންނަ ސިފަޔަކުން ވާކަމެއްނަމަ ކީއްވެގެން ތުއްތު ތުއްތު ކުދިންގެ އިއްފަތްތެރިކަން ފޭރިގަންނަނީ؟ އެކުދިންގެ ކުށަކީ ކޮބާ؟ ބޮޑައްތާ. އަހަންނަށް އެނގޭ އަހަރެންނަށް ދިމާވި ކަމަކުން އެންމެން ލަދުގަންނަކަން، އެކަމަކު.. އެކަމަކު އަހަރެން ކުރާނީ ވަކިކީއް؟ ދާނީ ކޮންތަނަކަށް؟ ކީއްވެ އަހަރެން ގެއިން ނުކުންނަން ނުކެރިފައި އިންނަންވީ؟ އަހަންނަށް މިހެން ހެދި މީހުން މަގުތަކުމަތީގައި އެއްވެސް ޖެހިލުމެއްނެތި ހިނގާ ހަދާއިރު އަހަރެންތަ ގޭގައި އިންނަންވީ؟ އެއީ އިންސާފެއްތަ؟" ޖިއާން އަޑުބެދެމުން ދިޔައެވެ.
"އިންސާފޭ ކިޔައިން ވާހަކަ ދައްކާކަށް މިއީ ފިލްމެއް ނޫން. ކޮންމެ ގޮތެއްވިޔަސް ތިއޮތީ ތި ބޮނޑި ހޯދާފައި. އަހަންނަށް ރަނގަޅީ ޖިއާން އުޅޭނެ ތަނެއް ހޯދައިގެން މިގެއިން ނުކުމެގެން ދިޔައިއްޔާ. އަހަންނެއް ބޭނުމެއް ނޫން އަހަރެންގެ ދަރިންނަށް އުޅެން އުނދަގޫވާކަށް،" ޒާހިދާ ފަސޭހަކަމާއި އެކު ބުނެލިއެވެ.
ޖިއާން އަނެއްކާވެސް ގޮސްވަނީ ކޮޓަރިއަށެވެ. މޫނުމަތީ އެޅުނީ އަނެއްކާވެސް އެބާލީހެވެ. ހުއްޓުމެއްނެތި ކަރުނަތަށް ބަންޑުންވިއެވެ. ދެން ހަދާނެގޮތެއް ނޭނގޭހާލު އޮވެވުނީއެވެ. ވިސްނަން ކިތަންމެ ބޭނުންވިނަމަސްވެސް ވިސްނޭވަރެއްވެސް ނުވެއެވެ. ހިތަށްވެރިވަމުން ދިޔައީ ޖަވާބު ހޯދަން ދަތިއުނދަގޫ އެތަށް ސުވާލުތަކެވެ.
"މިހާރު އަހަރެންގެ ވަޒީފާއެއްވެސް ނެތް. އަތުގައި ހުރި ލާރިން އަހަރެން ކިހިނެއް މާލޭގައި ތަނެއް ކުއްޔަށް ހިފައިން އުޅޭނީ؟ އަނބުރާ ރަށަށް ދިޔަޔަސް މަލާމާތާ ފުރައްސާރަ ނޫން އެއްވެސް އެއްޗެއް ނުލިބޭނެ. އަހަންނަށް އެހީވާނެ އެއްވެސް މީހަކު މިވަގުތު ހުރިހެނެއް އަހަންނަކަށް ހިއެއް ނުވޭ. އަހަންނަށް ކުއްލިޔަކަށް ދިރިއުޅުމުގައި އުފުއްލަން މިޖެހުނީ ކޮންފަދަ ހިތްދަތި ކަމަކާ..." ޖިއާންގެ ހިތަށް އަރަމުން ދިޔައެވެ.
>>>
ފަތިހުގެ ހިތްގައިމު ވަގުތެވެ. ލަންކާއިން އައި ފްލައިޓް ހުޅުލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ޖެއްސީއެވެ. ދުނިޔެމަތިވަނީ ވިއްސާރަ ވިލާތަކުން ބައްދާލާފައެވެ. މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިކުރުވައިގެން އަފްޒަލް ފްލައިޓުން ފައިބައިގެން ހިނގައިގަތެވެ. އެތަށް އަހަރެއް ރާއްޖޭއިން ބޭރުގައި އުޅުމަށްފަހު އޭނާ ރާއްޖެއެއައީ ޗުއްޓީއަކަށެވެ. އާއިލާއާއި ރަހުމަތްތެރިންނާއި ބައްދަލު ކޮއްލާށެވެ.
އަފްޒަލްއަކީ އިސްކޮޅުން ދިގު ހަމުގެ ކުލަ ދޮން ރީތިހަށިގަނޑެއްގެ ވެރިއެކެވެ. ގިނަ އަންހެންކުދިންގެ ހިތް އަތުލައި ގަންނަ ޒުވާނެކެވެ. އެންމެ ހިނިތުންވުމަކުން އަންހެންކުދިންގެ ހިތްޒަހަމް ކޮއްލާފަދަ ރީތި ފިރިހެނެކެވެ. އުމުރުން ސައްބީސް ވީއިރު އަފްޒަލް އަކީ ދުނިޔޭގެ ކަންތައްތަކަށް ލޯހުޅުވި ކަންތައްތައް ދަންނަ ހިތްހެޔޮ މަޑުމައިތިރި ޒުވާނެކެވެ. ކިބުރުވެރިކަމާއި ބޮޑާކަމަކީ އަފްޒަލް ދަންނަ ކަންތައްތަކެއް ނޫނެވެ.
"ޔޯ ބްރޯ. މިހިރީ އޭ." މާޒިން އަފްޒަލް ފެނުމާއިއެކު އުފަލުން ނަށަން ފެށިއެވެ. މާޒިންއަކީ އަފްޒަލްއާއި އެއްބަނޑު ކޮއްކޮއެވެ. ފެށުނީއްސުވެރެސް އަފްޒަލްއާއި މާޒިންއަކީ ވަރަށް އެކުއެކީގައި އުޅެމުން އަންނަ ދެކުދިންނެވެ.
"މާޒިން. ކޮބާ ކިހިނެއް؟ ބުނީމެއްނު ބަލާ ނަޔަސް އޯކޭއޭ. ކީއްކުރަން ތިއައީ މިއޮއްފަދަ ފަތިހު؟" މާޒިންއާއި އަރާ ހަމަކޮއްލަމުން އަފްޒަލް ޝަކުވާކުރަން ފެށިއެވެ.
"ބްރޯ! ފެންނައިރަށް ޝަކުވާތަ ކުރަނީ؟ ނިކަން ބައްދާލާފަ ލޯބިން ބުނެލިނަމަ ތެންކްސް އޭ ބަލާ އައިމަ." މާޒިން އަފްޒަލްގައިގަ އޮޅުލައިގަތެވެ.
"އެންމެ ރަނގަޅު. ތެންކްސް ބަލާއައިމަ. ރަނގަޅުތަ؟ "އަފްޒަލް ހިނިގަނޑެއް ޖަހާލަމުން އެހިއެވެ.
"ދެން ނޭނގޭ ރަނގަޅުވާނެ ކަމެއް. ބްރޯ އައުމުގެ ކުރިން އަހަންނަށް ކަޅި ހުއްޓައިން ތިބި ހުރިހާ ކުދިން މިހާރު އެބަލަނީ ބްރޯއަށް ވިއްޔާ. ކޮންޕެޓިޝަން އިތުރު ވީމަ ކަޑަވާނެއެއްނު." ލާނެއް ހިނިތުންވުމަކާއި އެކު މާޒިން ބުނެލިއެވެ.
"އެހެންތަ؟ އެކަމަކު ކީއްކުރާނީ. އަދިވެސް ދޮންބެއަށް ކަމުދާ ކުއްޖަކު ނުފެނެޔޭ. އަދި ތިހެން ކަޅި އަޅާހާ ކުއްޖަކަށް ދޮންބެ ނުބަލާނަން." ދެބެން އެއްކޮށް ހިނގައިގަތީ އަވަހަށް ގެއަށް ދިޔުމަށެވެ.
>>>
މުޅިރޭ ފާއިތުވެގެން ދިޔައިރުވެސް ޖިއާންއޮތީ ނުނިދިފައެވެ. މީހާގެ ވިސްނުމާއި ފިކުރު ޖިއާން ނިދުމަށް ފުރުސަތެއް ނުދެއެވެ. ރޮއެ ރޮއެ މިހާރު ދެލޯވެސް ވަނީ ދުޅަވެފައެވެ. ބޮލުގައިވެސް އިންތިހާއަށް ރިއްސަނީއެވެ. މަޑުމަޑުން އެނދުން ތެދުވެގެން ޖިއާން ބަދިގެއަށް ނުކުތީ ބޭސްގުޅައެއް ކާލަން ފެންތައްޓެއް ބަލައެވެ.
ނިދާބޮކީގެ ފަނޑުއަލީގެ ތެރެއިން މަޑުމަޑުން ހިނގާލައިފައި ޖިއާން މޭޒުކައިރީގައި ހުއްޓިހުރެ އެޅި ފެންތަށި މޭޒުމަތީ ބެހެއްޓީ ކޮޓަރިއެއްގެ ދޮރު ހުޅުވިފައި ލެއްޕުނު އަޑަށެވެ. ފަހަތަށް އެނބުރި ބަލާލިއިރު އެއީ ބޮޑައްތަ ފިރިމީހާ ހާމިދުއެވެ.
"މިގަޑީގައި ޖިއާން ކީއްކުރަނީ ތި؟" ޖިއާން ކައިރީގައި ހުއްޓިލަމުން ހާމިދު ސުވާލުކުރިއެވެ.
"ބޮލުގައި ރިއްސާތީ ބޭސް ގުޅައެއް ކާންވެގެން ނުކުތީ." ޖިއާން ހާމިދުއާއި މާގިނަ ވާހަކަތަކެއް ދައްކާކަށް ބޭނުމެއް ނުވެއެވެ. ފެށުނީއްސުރެވެސް ހާމިދު ޖިއާންއަށް ބަލާގޮތުން ޖިއާންއަށް އަބަދުވެސް އުނދަގޫވެއެވެ.
"ބޭހަކުން ތި ބޮލުގައި ރިހުން ކެނޑިދާނެހެން ހިއެއް ނުވޭ. ޖިއާން ބޭނުމިއްޔާ އަހަރެންނަށް ދެވިދާނެ ވަރަށް މޮޅު ބޭހެއް. މާގިނަ އިރެއް ނުވެ ބޮލުގައި ރިއްސާހެން ހީވެސް ނުވާނެ." ހާމިދު ޖިއާންއާއި އިތުރަށް ގާތްވެލިއެވެ.
"ނޫނޭ އަހަރެން އެންމެ ރަނގަޅު. އިރުކޮޅަކުން ރަނގަޅުވެދާނެ." ޖިއާން މަސައްކަތްކުރީ އަވަހަށް އެތަނުން ދިޔުމަށެވެ. ނަމަވެސް ހާމިދު މާ ހުޝިޔާރެވެ. ގަދަފަދަ ދެއަތުން ޖިއާންގެ ދެކޮނޑުގައި ހިފަހައްޓާލިއެވެ.
"އައްދޯއި. އަހަރެން ގައިން ދޫކޮއްލާ. އެހެން ނޫނީ އަހަރެން ހަޅޭއްލަވައި ގަންނާނަން. ބޮޑައްތަ ނުކުންނާނެ އޭރަށް." ޖިއާންއަށް ރޮވެން ފެށުނެވެ.
"އެހެންތަ؟ އަޅެ ހަޅޭއްލަވާބަލަ. ތިހުރި ވަރެއް އަހަންނަށްވެސް ދައްކާލަބަލަ. އެހެންނޫނަސް މިހާރު ތީކީ ބިރުން އުޅެން ޖެހޭވަރުގެ ކުއްޖެއްވެސް ނޫނެއްނު؟ އަހަރެން ޖިއާންއަކަށް އަނިޔާއެއް ނުކުރާނަމޭ. ޖިއާންއަށް އަބަދުވެސް އެނގޭނެ އަހަރެން ޖިއާންއަށް ކަޅިއަޅަމުން އައިވަރު. އެކަމަކު އަހަންނަށް ވުރެ ކުރިން ތިމަލުގެ ފޮނިކޮޅު ބޯލީ އެހެން ބައެއް. އެހެންވިޔަސް އަހަރެންގެ މައްސަލައެއް ނެތޭ. ކީއްތަވާނީ އަހަންނަށްވެސް އެ އަރާމާ ހިތްހަމަ ޖެހުން އެންމެ ފަހަރަކު އިހްސާސްކޮއްލަން ފުރުސަތެއް ދޭން." ހާމިދު މޮޔައެއް ފަދައިން ޖިއާންގެ ގައިގާ އަތްކާއްތަން ފެށިއެވެ.
"ހެޔޮ ނުވާނެ. އަހަރެން ދޫކޮއްލާ. ތީ ބޮޑައްތަގެ ފިރިމީހާއޭ. އަހަރެންނަކީ ތި ހީކުރާކަހަލަ މީހެއް ނޫނޭ." ބިޔަ ހާމިދުގެ އަތުގެ ތެރޭގައި ޖިއާންއަށް ދެއްކޭނެ މާބޮޑު ގަދައެއް ނެތެވެ. ރޮއުމާއި ގިސްލުން ނޫންކަމެއް ޖިއާންއަށް ކުރެވުނީކީ ނޫނެވެ.
ޖިއާންގެ ގައިގާ އޮޅުލަމުން ދިޔަ ހާމިދުއަށް ކުއްލިއަކަށް ދުރަށް ޖެހެވުނީ ބަދިގެ ހޮޅިބުރި މީހަކު ޖެއްސުމުންނެވެ. އެވަގުތު ޖިއާންއާއި ހާމިދު ދެމީހުންގެ ލޯވެސް ބޮޑުވެގެން ދިޔައެވެ.
"ޒާހިދާ ބަލާބަލަ. މިހިރަ އަންހެނެއްގެ ހަޔާތްކުޑަކަން. އަހަރެން ކައިރީގައި އެކިޔަނީ ތިމަންނަގެ އެކަނިވެރިކަން ފިލުވަދޭށޯ. ޒާހިދާ ބުނާނެ ކުޑަކުދިންނޭ. ކުޑަކުދިންނަށް އެމީހުންގެ ބަފައިންގެ މަގާމުގައި ތިބޭ މީހުން އޮޅޭތަ؟" ދުވެފައި ގޮސް ޒާހިދާގެ ފުރަގަހަށް ވަންނަމުން ހާމިދުގެ މައުސޫމްކަން ދެއްކިއެވެ.
ބަލާކަށް ނުހުރެ ޒާހިދާ ދުވެފައި ގޮސް ޖިއާންގެ މޫނުމަތީގައި ވަރުގަދަ އެތިފަހަރެއް ޖެހިއެވެ. އެވަރުން ނުފުދިގެން މޭޒުދަށުގައި އޮތް އިލޮށިފަތި ނަގައި ހޫނުހަމަލާތަށް ބެލުމެއް ނެތި ޖިއާންގެ ގަޔަށް އަމާޒު ކޮއްލިއެވެ.
"މީނަގެ މަންމައާއި ބައްޕަ މަރުވީއްސުރެ މިއަދާ ޖެހެންދެން އެއްވެސް އެއްޗެއް އުނިވުމެއް ނެތްގޮތަށް އަހަރެން ހުރިހާ ކަމެއް ކޮއްދީ ބަލާ ބޮޑުކުރީމަ އަހަންނަށް މިއަށްވުރެ ބޮޑު ހަދިޔާއެއް ދޭން ނޭނގުނީތަ؟ މިއީތަ އަހަރެން ކޮއްދިން ހުރިހާ ކަމެއްގެ ބަދަލުދޭން ބޭނުންވިގޮތަކީ؟ ބަލަ ހާމިދުއެއީ އަހަރެންގެ ފިރިމީހާކަންވެސް ހަނދާންނެތުނީތަ؟ ވަހުޝީވިޔަސް ތިއީ ބޮޑުވަރު." ޒާހިދާ ހިތަށް އައިހާއެއްޗެއް ގޮވަމުން ދިޔައިރު ވީނުވީއެއް ޖިއާންގާތުން އަހާލަން ހިތަށްވެސް ނޭރިއެވެ.
"ނޫން ބޮޑައްތާ! އަހަންނެއް ދުވަހަކުވެސް އެފަދަކަމެއް ނުކުރާނަން. ނުވެސް ކުރަން. ހިތަށްވެސް ނާރުވަން. މިރޭވެސް އަހަންނެއް އެއްވެސް ކަމެއް ނުކުރަން." ޖިއާން އިލޮށިފަތީގެ ހަމަލާތަކަށް ސަލާމަތްވާން މަސައްކަތްކުރަމުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރަމުން ދިޔައެވެ.
"އަހަރެން ބޭނުމެއް ނޫން އެއްވެސް ވާހަކައެއް އަޑުއަހާކަށް. މިހާރުން މިހާރަށް ޖިއާން މިގެއިން ނުކުމެގެން ދާން އުޅޭ. އަހަރެން ބޭނުމެއްނޫން އެންމެ ވަގުތުކޮޅަކަށްވެސް ޖިއާން އަހަރެންގެ ލޯ ކުރިމަތީގައި ހުންނާކަށް. އޮފީހަށް ދާން އަހަރެން ނުކުންނަންވާއިރަށް ޖިއާން މިގޭގައި ހުރެގެން ނުވާނެ." އިލޮށިފަތި ބިންމައްޗަށް އެއްލާލަމުން ހާމިދުގެ އަތުގައި ހިފައިން ކޮޓަރިއަށްވަންނަން ޒާހިދާ ހިނގައިގަތެވެ.
"ބޮޑައްތާ ތިހެން ނުހަދާ. އަހަރެން ކިހިނެއް. ކުއްލިއަކަށް. ކޮންތަނަކަށް." އަޑުން އަޑުނަގާ ރޮމުން ޖިއާން ވާހަކަދެއްކޭތޯ މަސައްކަތްކުރިއެވެ. އެހެންނަމަވެސް އެއަޑަށް ބީރުކަންފަތެއް ދެމުން ޒާހިދާ ދިޔައީއެވެ. ޖިއާންގެ ގައިގާ އެތަށް ގުނައަކަށް ވޭން އަޅުވަމުންނެވެ.
ނުނިމޭ




4 Responses
vara salhi story eh would be looking forward for it,keep up the good work girl 😀
What a nice story vara salhi keep up the good work
Nathaa this story is very nice
and allways keep going it .?
Asluves mee hama raajey ge haalathu. Bafa ey ge magaamuga hunna meehun ves ulhey vahtharu. Rape kurany vaki umurakah vegen,, laigen hunna hedhumeh ge gothunneh noon. Hageegai asluga ves.