ރާއްޖެއިން އެކްސްޕޯޓް ކުރާ ދެ ބާވަތެއްގެ ހުއިފިލަނޑާ ނެތިހިނގައިދާނޭ ބާވަތްތަކުގެ ގޮތުގައި ހިމަނައިފި

ރާއްޖެއިން ޢާއްމުގޮތެއްގައި އެކްސްޕޯޓް ކުރާ ދެ ބާވަތެއްގެ ހުއިފިލަނޑާ ނެތިހިނގައިދާނޭ ބާވަތްތަކުގެ ގޮތުގައި (ސައިޓީސް ކޮންވެންޝަންގެ އެޕެންޑިކްސް 2 ގެ ލިސްޓުގައި) ހިމަނައިފިއެވެ.

މި ނިންމުން ނިންމާފައިވަނީ އޮގަސްޓް މަހުގެ 17-28 އަށް ސްވިޓްޒަރލެންޑްގެ ޖެނީވާގައި ކުރިއަށްދިޔަ ނެތިހިނގައިދާނޭ ކަމުގެ ބިރު އޮތް ދިރުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމުގެ މުއާހަދާ (ސައިޓީސް) ގެ 18 ވަނަ ކޮންފަރަންސް އޮފް ޕާރޓީސް (ކޮޕް 18) ގެ ބައްދަލުވުމުގައެވެ.

ސައިޓީސް އެޕެންޑިކްސް 2 ގައި، ހުއިފިލަނޑާގެ 3 ބާވަތެއް ލިސްޓުކުރުމަށް ނުވަތަ ހިމެނުމަށް ނެގުނު ވޯޓުގައި ބައިވެރިވި 138 މެންބަރު ގައުމުގެ ތެރެއިން 108 ވޯޓުގެ އަގުލަބިއްޔަތު ލިބިފައިވެއެވެ

ނެތިހިނގައިދާނޭ ބާވަތްތަކުގެ ލިސްޓުގައި ހިމެނި ހުއިފިލަނޑާގެ ބާވަތްތަކުގެ ތެރޭގައި ރާއްޖެއިން އާންމުގޮތެއްގައި ބޭރުކުރާ ދެބާވަތްކަމަށްވާ ފަޅުބަޓު، އަދި ކަނޑުބަޓު، ހިމެނެއެވެ. މި ނިންމުން ތަންފީޒުކުރަން ފެށުމަށް ސައިޓީސް މުއާހަދާގައި ބައިވެރިވާ ޤައުމުތަކަށް 1 އަހަރުދުވަހުގެ މުއްދަތެއް ދޭން ވަނީ އެ ޖަލްސާގައި ނިންމާފައެވެ.

ސައިޓީސްއަކީ ދިރުންހުރި ބާވަތްތަކާއި އެބާވަތްތަކުގެ އުފެއްދުންތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވެނީ އެބާވަތްތަކުގެ އާބާދީތަކުގެ ދެމިއޮތުމަށް ނޭދެވޭ އަސަރު ނުފޯރާގޮތަށް، ވަކި މިންގަނޑުތަކަކާއި ހަމަތަކެއްގެ މަތިންކަން ކަށަވަރުކުރުމަށްޓަކައި އެކުލަވާލެވިފައިވާ ބައިނަލްއަޤްވާމީ މުއާހަދާއެކެވެ.

އެއްވެސް ދިރުމެއް ނެތި ހިނގައިދާނޭކަމުގެ ބިރު ހީވެފައިއޮތް މިންވަރަކަށް ރިއާޔަތްކޮށް، އެބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކޮންޓްރޯލްކުރުމަށް ތަފާތު 3 ގިންތިއެއްގައި ލިސްޓުކުރެއެވެ. އެޕެންޑިކްސް 2 ގައި ހިމެނޭ ބާވަތްތަކުގެ ބައިނަލްއަޤްވާމީ ވިޔަފާރި ކުރެވޭނީ، އެވިޔަފާރީގެ ސަބަބުން އެބާވަތްތަކުގެ އާބާދީގެ ދެމިއޮތުމަށް ނޭދެވޭ އަސަރެއް ނުފޯރާ މިންވަރެއްގައިކަން ކަށަވަރުކޮށް، މެނޭޖްކުރެވިގެންކަން ކަށަވަރުކޮށްގެންނެވެ.

މުއާހަދާގައި ބައިވެރިވާ ޤައުމެއްގެ ހައިސިއްޔަތުން މުއުހަދާއަށް އަމަލުކުރުމުގެ ގޮތުން ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ކަންކަން:

1- ރާއްޖެއިން ބޭރުކުރެވޭ ހުއިފިލަނޑާގެ ބާވަތްތައް ވަކިވާނޭހެން، ބޭރުކުރެވޭ މިންވަރުތަކުގެ ތަފާސްހިސާބު ބެލެހެއްޓުން (މިއީ ދިވެހިރާއްޖެއިން މިހާރު އެކްސްޕޯޓް މަރުހަލާގައި ބާވަތްތައް ވަކިވާ ގޮތަށް ނެގެމުންދާ މަޢުލޫމާތެއް ނޫން)

2- ހުއިފިލަނޑާގެ މަސްވެރިކަން ކުރުމަށް މެނޭޖްމަންޓް ޕްލޭނެއް އެކުލަވާލައި، އެ މެނޭޖްމަންޓް ޕްލޭންގެ ދަށުން ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް އެމަސްވެރިކަމުގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ލައިސަންސެއް ދޫކުރުން

3- މި ބާވަތްތައް އެކްސްޕޯރޓް ކުރުމަށްޓަކައި ހުށަހަޅަންޖެހޭ ލިއެކިއުންތަކުގެ ތެރޭގައި، ސައިޓީޒް މެނޭޖްމަންޓް އޮތޯރިޓީ (ރާއްޖޭގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް) ގެ ފަރާތުން ދޫކުރާ ޚާއްސަ އެކްސްޕޯރޓް ހުއްދައެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހެޅުން

4- އެކްސްޕޯރޓް ކުރުމަށް ހުއްދަ ދެވެނީ މަސްވެރިކަން ކުރުމުގެ ލައިސަންސެއްގެ ދަށުން ނަގާފައިވާ ލަނޑާކަން ކަށަވަރުކޮށް، މަސްވެރިކަން ކުރެވެނީ އެބާވަތްތަކުގެ އާބާދީއަށް ނޭދެވޭ އަސަރު ނުކުރާ މިންވަރަކަށްކަން ކަށަވަރުކޮށް ސައިންޓިފިކް އޮތޯރިޓީ (މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓް) އިން ދޫކުރާ ލިޔުމެއް އެކްސްޕޯޓްކުރުމުގެ މަރުހަލާގައި ހުށަހަޅަންޖެހުން

5- ދިރުންހުރި ހާލަތުގައި މިބާވަތުގެ ހުއިފިލަނޑާ ދިވެހިރާއްޖެއިން ބޭރުކުރާނަމަ، އެބާވަތްތައް އެކްސްޕޯރޓްކުރުމަށް ތައްޔާރުކުރެވިފައިވަނީ އެބާވަތްތަކަށް އަނިޔާވުން ކުޑަކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ފަހުގައިކަން ކަށަވަރުކުރުން

މި ނިންމުމާއި ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވާ ހުއިފިލަނޑާގެ މަސްވެރިކަން ކުރާ ފަރާތްތަކާއި، ހުއިފިލަނޑާ އެކްސްޕޯރޓް ކުރުމުގެ އޮޕަރޭޝަންތަކުގެ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް، އެޕެންޑިކްސް 2 ތަންފީޒުކުރުމަށް ސައިޓީސްގެ ސައިންޓިފިކް އޮތޯރިޓީގެ ހައިސިއްޔަތުން ކުރަން ޖެހޭ އެންމެހައި މަސައްކަތްތަކެއް މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ފަރާތުން ކުރަމުން ގެންދާނެކަމާއި، މަސްވެރިކަން ރާވާ ހިންގުމަށް ބޭނުންވާ މެނޭޖްމަންޓް ޕްލޭން ތައްޔާރުކުރުމާއި، ހުއިފިލަނޑާ މަސްވެރިކަން ކުރުމަށް ލައިސަންސް ދޫކުރުމުގެ މަސައްކަތްތަކަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން ތައްޔާރުވަމުންދާކަމަށް އެ މިނިސްޓްރީ އިން ވިދާޅުވިއެވެ.

"މިކަން ތަންފީޒުކުރުމުގައި މިނިސްޓްރީގެ އަމާޒަކީ މަސްވެރިންނަށް އަދި އެކްސްޕޯޓަރުންނަށް އެންމެ ލުއި ގޮތަކަށް ސައިޓީސް މުއާހަދާގެ ދަށުން ދިވެހިރާއްޖޭގެ މައްޗަށް ލާޒިމުކުރާ އެންމެހާ ކަންކަން ފުރިހަމަކުރުން." ފިޝަރީޒް މިނިސްޓްރީން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ