މެސީގެ އަނިޔާއާއެކު ބާސެލޯނާ ހާސްވެފައިވާއިރު، އެނބުރި ކުޅުމަށް އަންނާނެ ދުވަހެއް ނޭނގޭ!

ކެޕްޓަން ލިއޮނަލް މެސީގެ އަނިޔާއާއެކު ބާސެލޯނާ ހާސްވެފައިވާއިރު، އެނބުރި ކުޅުމަށް އާދެވޭނެ ދުވަހެއް އަދިވެސް ނޭނގޭކަމަށް ކޯޗު އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.

މިރޭ ގެޓަފޭއާއި ދެކޮޅަށް ބާސެލޯނާއިން ނުކުންނަ މެޗުގައި މެސީއަށް ނުކުޅެވޭނެކަން ޔަޤީންވެފައިވާއިރު، ސީޒަންގައި ބާސެލޯނާއިން ކުޅުނު ފުރަތަމަ ހަތަރު މެޗުގައިވެސް މެސީ ކުޅެފައެއްނުވެއެވެ. މިސީޒަންގައި މެސީ އެންމެ ފުރަތަމަ ފެނިފައިވަނީ ޗެމްޕިއަންސް ލީގުގައި ޑޯޓުމުންޑާއި ދެކޮޅަށް ބާސެލޯނާ ކުޅުނު މެޗުގައެވެ. އެމެޗުގައިވެސް މެސީ ކުޅެފައިވަނީ ބަދަލުކުޅުންތެރިއެއްގެ ގޮތުގައެވެ.

އަދި އޭގެ ފަހުން ގްރަނަޑާއަތުން 2-0 ގެ ނަތީޖާއަކުން ބަލިވެ މެޗުގެ ދެވަނަ ހާފުގައި ކުޅެފައިވާއިރު، މިދިޔަ ހަފްތާގައި ވިލަރެއާލްއަތުން 2-1 ގެ ނަތީޖާއަކުން މޮޅުވި މެޗުގެ ފުރަތަމަ ހާފުގައި މެސީވަނީ ކުޅެފައެވެ. އަދި ލިބުނު އަނިޔާއަކާއެކު އެމެޗުގެ ދެވަނަ ހާފުގައި މެސީ ކުޅެފައެއްނުވެއެވެ.

"އަދި ނޭނގޭ ކިހާ ދުވަހެއް ވާނެކަމެއް. އުންމީދުކުރަނީ ވަރަށް އަވަހަށް ޓީމާއި ގުޅޭނެކަމަށް. އަނިޔާ އެހާ ސީރިއަސްއެއްނޫން." ވަލްވާޑޭ ބުންޏެވެ.

މީގެ އިތުރުން ވަލްވާޑޭ ބުނީ، މެސީއާއެކު ބާސެލޯނާ ބޮޑުތަނުން ވަރުގަދަ ވެގެންދާކަމަށާއި، މެދުތެރެއަށް ކުޅޭ ގިނަ ކުޅުންތެރިންތަކެއް މިހާރު ޓީމުގައި ހުރިއިރު، 11 މިޑްފީލްޑަރުންނާއެކު މެޗު ކުޅޭނެ ފޯމިއުލާއެއް އަދި ފެނިފައިނުވާކަމަށެވެ.

ލަލީގާގައި މިހާތަނަށް ހަމެޗު ކުޅެފައިވާއިރު، 10 ޕޮއިންޓާއެކު ހަވަނާގައި އޮތް ބާސެލޯނާއަށް ލިބިފައިވަނީ ތާވަލްގެ އެއްވަނައިގައި އޮތް ރެއަލްމެޑްރިޑަށްވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ