ލެވެންޓޭ އާ ދެކޮޅަށް ބޭލް ޕެނަލްޓީ ޖަހަނީ - ފޮޓޯ: އިވްނިންގ ސްޓޭންޑާޑް

ލަލީގާ - ރެއަލްމެޑްރިޑް މޮޅުވުމަށް އަނެއްކާވެސް ވީއޭއާރުގެ އެހީ

ލަލީގާގައި ރޭ ލެވަންޓޭ އަދި ރެއަލްމެޑްރިޑް ބައްދަލުކުރި މެޗު ވީއޭއާރުގެ އެހީގައި ރެއަލްމެޑްރިޑް ކާމިޔާބުކޮށްފިއެވެ.

1-2 ގެ ނަތީޖާއަކުން ނިމުނު މިމެޗުގައި ފުރަތަމަ ފަހަރަށް ރެއަލްމެޑްރިޑް ލީޑު ލިބުނު ޕެނަލްޓީއަކުންނެވެ. މެޗުގެ 43 ވަނަ މިނަޓްގައި މިޕެނަލްޓީ އެޓީމަށް ކާމިޔާބުކޮށްދިނީ ކަރިމް ބެންޒެމާއެވެ. މޮޑްރިޗްގެ ހުރަސް ލެވެންޓޭގެ އެނިސް އަތުގައި ޖެހުނު ނަމަވެސް ރެފްރީ ފުރަތަމަ ނިންމީ އެއީ ޕެނަލްޓީއެއް ނޫން ކަމަށެވެ. ނަމަވެސް ވީއޭއާރު ބެލުމަށްފަހު އެއީ ޕެނަލްޓީއެއްކަމަށް ފަހުން ނިންމިއެވެ.

މެޗުގެ 60 ވަނަ މިނަޓްގައި ލެވެންޓޭގެ މާޓި ލަނޑެއްޖަހައި ނަތީޖާހަމަހަމަ ކުރިއިރު ފުރަތަމަ ހާފުގައި މާޓި ދެފަހަރެއްގެ މަތިން ރެއަލްގެ ގޯލް ދަނޑީގައި ޖަހާފައިވެއެވެ.

ނަތީޖާ ހަމަހަމކޮށް ލެވެންޓޭ ކުޅުންތެރިން އުފާފާޅު ކުރަނީ

ރެއަލްއިން ދެވަނަ ފަހަރަށް ލީޑުނެގީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. ޑާކޯރގެ ޕްރެޝަރުގެ ސަބަބުން ފަސޭހަކަމާއެކު ޕެނަލްޓީ އޭރިއާތެރެއަށް ކަސެމީރޯ ވެއްޓުމުން ދިން މިޕެނަލްޓީއަކީވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީއާ މަޝްވަރާކުރުމަށްފަހު ރެއާލްއަށް ދިން ޕެނަލްޓީއެކެވެ. މިޕެނަލްޓީ މެޗުގެ 78 ވަނަ މިނަޓްގައި ކާމިޔާބުކޮށްދިނީ ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ގަރެތު ބޭލް އެވެ. ރެއާލްގެ ފުރަތަމަ 11 އިން ފުރުސަތު ނުދޭތީ ބޭލްގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށް މީޑިއާ ރިޕޯޓްތައް ބުނާއިރު މިލަނޑަށްފަހު ބޭލް އުފާފާޅުކޮށްފައެއް ނުވެއެވެ.

ރޭގެ މެޗުގައި ލެވަންޓޭ އާއި ރެއާލް ވެސް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 86 ވަނަ މިނިޓްގައި ރެއާލުގެ ނަޗޯ އަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދެއްކިއިރު، އޭގެ ދެ މިނިޓް ފަހުން ލެވަންޓޭގެ ރުބެން ރޮޗީނާ އަށް ވެސް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައި ދަނޑުން ފޮނުވާލައިފަ އެވެ.

ޕެނަލްޓީ އޭރިއާތެރެއިން ލެވެންޓޭގެ މޮރަލެސްއަށް ރެއަލްގެ ކާވަހާލް ކުރި ފައުލަށް ޕެނަލްޓީދީފައި ނުވާއިރު ޕެނަލްޓީ އޭރިއާތެރެއިން ރެއަލްގެ ވެރޭން އަތުގައި ޖެހުނު ބޯޅައަށްވެސް ލެވެންޓޭއަށްވަނީ ޕެނަލްޓީ ލިބޭގޮތް ނުވެފައެވެ. މިދެހާދިސާގައިވެސް ވީއޭއާރުގެ އެހީ ހޯދާފައި ނުވާތީ ލެވެންޓޭއިން ވަރަށް ބޮޑަށް ޝަކުވާކޮށްފައިވެއެވެ.

ރޭ ވިޔަރެއާލް އަތުން 2-0 އިން މޮޅުވެ އެތުލެޓިކޯ މެޑްރިޑުން ދެ ވަނަ މަގާމު ދެމެހެއްޓިއިރު، ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 25 މެޗުން 57 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ އަށް 25 މެޗުން 50 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި ރެއާލް އޮތީ 25 މެޗުން 48 ޕޮއިންޓާ އެކު އެވެ.

ރެއަލްމެޑްރިޑް ދެން ކުޅެންޖެހޭ ދެމެޗުވެސް ކުޅެންޖެހެނީ ވާދަވެރި ބާސެލޯނާއާ ދެކޮޅަށެވެ. ބުދަދުވަހުގެ ރޭ 01:00 ގައި ކޮޕަޑެލްރޭ ސެމީ ފައިނަލްގެ ދެވަނަ ލެގު ރެއާލް ދަނޑުގައި ބާސާއާ ދެކޮޅަށް ކުޅެވޭއިރު އަންނަ އާދިއްތަ ދުވަހުގެރޭ 12:45 ގައި ލަލީގާގައި ބާސާއާ ދެކޮޅަށް ކުޅެންޖެހޭ މެޗުވެސް ކުޅެން ހަމަޖެހިފައިވަނީ ރެއަލް ދަނޑުގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ