ގައިންގަޔަށް ނާރާ ބަލިތަށް ނުވަތަ ދިރިއުޅުމުގެ ވައްޓަފާޅިއާ ގުޅިގެންޖެހޭ ބަލިތަކުން ރައްކާތެރިވުމަށާއި މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމަށްޓަކައި ދުނިޔޭގެ ފެންވަރުގައްޔާއި، ސަރަޙައްދީ އަދި ޤައުމީ ފެންވަރުގައި ދަނީ ގިނަ ގުނަ މަސައްކަތްތަކެއް ކުރެވެމުންނެވެ.
ތަފާސް ހިސާބުތަކަށް ބާލާލާއިރު މި ފަދަ ބަލިތަކުގެ ތޭރޭގައި އެންމެ ގިނައީ ހިތުގެ ބަލިތަކެވެ. މިފަދަ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށް މީހުން ހޭލުން ތެރިކުރުމުގެ ގޮތުން ގިނަ ޖަމިއްޔާ ޖަމާޢަތް ތަކަކުން ދަނީ ބުރަ މަސައްކަތްތަކެއްވެސް ކުރަމުންނެވެ.
އޭގެ ތެރޭގައި ހެލްތް ޕޮރޮޓެކްޝަން އެޖެންސީ އިން އިސްނަގައިގެން "25 އަށް 25" ގެ ނަމުގައި 2018 އިން ފެށިގެން ކުރަމުންގެންދާ ޤައުމީ ކެމްޕެރއިން ފާހަގަ ކޯށްލެވެއެވެ. މ ކެމްޕެއިންގެ މަޤްސަދަކީ ރާއްޖޭގައި ގައިން ގަޔަށް ނާރާ މިފަދަ ބަލިތަކުން މުޖުތަމަޢު ރައްކާތެރިކޮށް، މިފަދަ ބަލިތައް ޖެހޭ މިންވަރު މަދުކުރުމެވެ.
ދުނިޔޭގެ ފެންވަރުގައި މިފަދަ ކަންކަމަށް ޚާއްސަ ކޮށް ދުވަސް ތައް ފާހަގަކުރެވެމުންދާއިރު، ގިނަ ޖަމިއްޔާ ޖަމަޢަތްތަކެއް ގުޅިގެން މިފަދަ ބަލިތަކުން މީހުން ސަލާމަތް ކުރުމާއި އެފަދަ ބަލިތަކަށް މުޖުތަމަޢުތައް ހޭލުން ތެރިކުރުމުގެ މަސައްކަތްތަށް ބާރު ދުވެލީގައި ކުރިޔަށް ގެންދަމުންދެއެވެ.
މި ފަދަ ބަލިތަކުގެ ތެރެއިން ދުނިޔޭގެ ހިތުގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ ވެސް ސެޕްޓެންބަރު 29 ފާހަގަ ކުރެވެމުން އާދެއެވެ. މި ދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަޤްސަދަކީ ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އާއްމު ހޭލުންތެރިކަން އިތުރުކުރުމާއެކު ހިތުގެ ބަލިތަކުގެ ޝިކާރައަކަށްވާ މީހުން މަދުކުރުމަށް މަސައްކަތް ކުރުމެވެ. މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަހަށް ވޯލްޑް ހާޓް ފެޑެރޭޝަން އިން ކަނޑައަޅާފައިވާ ޝިއާރަކީ: MY HEART, YOUR HEART”" / "މަގޭ ހިތް، ތިބާގެ ހިތް" އެވެ. ޝިއާރަށް ބަލާއިރު އެ އަމާޒު ކުރެވިފައިވަނީ ދުޅަހެޔޮ ހިތެއްގެ ވެރިއަކަށް ވުމަށް ވަޢުދެއް ވުމަށެވެ.
ގައިންގަޔަށްނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް، 2025 ގެ ނިޔަލަށް ޙާޞިލުކުރުމަށް، ދުނިޔޭގެ ފެންވަރުގައި ކަނޑައަޅާފައިވާ އަމާޒުތަކުގެ ތެރޭގައި، ހިތުގެބަލިތަކާ، ނޭވާލާ ނިޒާމުގެ ބަލިތަކާ ކެންސަރާ ހަކުރުބަލީ ގެ ސަބަބުން މަރުވާ މީހުންގެ ނިޞްބަތް %25 އިން ދައްކުރުމާއި، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންގެ ނިޞްބަތް %30 އިން ދަށްކުރުމާއި، ފަލަވުމާއި ހަކުރުބަލި ޖެހޭ މިންވަރު އިތުރުވިޔަނުދީ ހިފެހެއްޓުމާއި، ކެއުމުގައި ލޮނު ބޭނުންކުރެވޭ މިންވަރު %30 އިން ދައްކުރުމާއި، އެކަށީގެންވާ މިންވަރަށް ކަސްރަތުކޮށް ހެލިފެލިވެ ނޫޅޭ މީހުންގެ ނިޞްބަތް %10 އިން ދައްކުރުމާއި، ލޭމައްޗަށްދާ މީހުންގެ ނިޞްބަތް %25 އިން ދައްކުރުމާއި، ގައިންގަޔަށް ނާރާ ބަލިތައްކަށް ފަރުވާ ދިނުމަށް ބޭނުންވާ ބޭހާއި އާލާތަތައް އާބާދީގެ %80 މީހުންނަށް، އަދި ހިތްހުއްޓުމާއި ސްޓްރޯކް ޖެހުން ކުރިމަތިވެފައިވާ މީހުންނަށް ދޭންޖެހޭ ޚާއްޞަ ފަރުވާ، އާބާދީގެ %50 މީހިންނަށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެހިފއިވުން ހިމެނެއެވެ.
ރާއްޖޭގެ އާބާދީގެ މިހާރުގެ ޙާލަތަށް ބަލާއިރު، އަހަރަކު މަރުވާ މީހުންގެ ގާތްގަނޑަކަށް %84 މީހުންނަކީ ގައިންގަޔަށްނާރާ ބަލިތަކުގެ ޝިކާރައަށްވާ މީހުންނެވެ. މީގެ ތެރޭގައި އެންމެ ބޮޑު އިންސައްތައެއް ޙިއްޞާ ކުރަނީ ހިތާއި ލޭނާރުގެ ބަލިތައް (%36) ، ކެންސަރުބަލި (%17) އަދި ނޭވާލާ ނިޒާމުގެ ބަލިތައް (%9) އެވެ. މިފަދަ ބަލިތަކަށް ހުށަހެޅޭ ހިރާސްތަކަށް ބަލާއިރު، %42 ފިރިހެނުން އަދި %3 އަންހެނުން، ދުންފަތުގެ އިސްތިޢުމާލުކުރެއެވެ. %59 ފިރިހެނުން އަދި %88 އަންހެނުންނަކީ އެކަށީގެނަވާ މިނަވަރަށް ހެލިފެލިވެ ކަސްރަތު ނުކުރާ މީހުންނެވެ. %49 ފިރިހެނުން އަދި %60 އަންހެނުން ނަކީ އިސްކޮޅާ އަޅާކިޔާއިރު ހުންނަންވާ ވަރަށްވުރެ ބަރުދަން އިތުރު މީހުންނެވެ. %35 ފިރިހެނުން އަދި %49 އަންހެނުންނަކީ ފަލަ މީހުންނެވެ. %2.3 ފިރިހެނުން އަދި %4.3 އަންހެނުންނަކީ ލޭމައްޗަށްދާ ބަލި ހުންނަ މީހުންނެވެ.
ގައިންގަޔަށްނާރާ ބަލިތައް ރާއްޖޭގައި ކޮންޓްރޯލްކޮށް މިފަދަ ބަލިތަކާ ޞިއްޙަތާ ބީރައްޓެހި އާދަތަކުން ރައްޔިތުން ރައްކާތެރިކުރުމަށްޓަކައި ސަރުކާރުންދަނީ ތަފާތު ގިނަ މަސައްކަތްތައް ކުރަމުންނެވެ. ދުނިޔޭގެ ފެންވަރުގައި ކަނޑައެޅިފައިވާ އަމާޒުތަކާއި ގުޅުވައިގެން، އެ އަމާޒުތަކަށް ވާޞިލުވުމަށްތަކައި، ގައިނަގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމާބެހޭ ޤައުމީ ޕްލޭންއެއް އެކުލަވާލައި 2016 އިންފެށިގެންދަނީ ތަންފީޒު ކުރެވެމުންނެވެ.
މި މަސައްކަތާގުޅޭ ހޭލުންތެރިކުރުމުގެ ބަޔާ އަދި ހެލްތު ސްކްރީނިނގް ގެ ބައި ހިނެމޭހެން، އަދި، ގައިންގަޔަށް ނާރާ ބަލިތައް ނިޞްބަތުން، 2025 އާއި ހަމައަށްދާއިރު %25 އަށް ދައްކުރުމުގެ މައިގަނޑު އަމާޒުގައި، "25 އަށް 25" ގެ ނަމުގައި 2018 ގައި ފެށި ޤައުމީ ކެމްޕެއިން މި އަހަރާ މި އަންނަ އަހަރު ވެސް ކުރިއަށް ގެންދާނެވެ.
މި އަހަރުގެ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ތަފާތު ހަރަކާތްތަކެއް މާލޭއާއި އަތޮޅު ތެރޭގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރޭގައި އެޗް.ޕީ.އޭ އިން ސީދާ ހިންގާ ހަރަކާތްތަކާއި އެހެން މުޢައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތަކުގެ ބައިވެރިވުމާއެކު ހިންގާ ހަރަކާތްތައް ހިމެނެއެވެ. ރާއްޖޭގެ ހުރިހާ އަތޮޅުތަކުގައިވެސް ޞިއްޙީ މަރުކަޒުތަކާއި ހަސްފަތާލު ތަކުން މި ދުވަސް ފާހަގަކުރުމުގެ ޙަރަކާތްތަށް ކުރިއަށް ގެންދާނެވެ. އަދި އެޗް.ޕީ.އިން ވަނީ މި ދުވަހާއި ގުޅިގެން ހޭލުންތެރިކަން އިތުރު ކުރުމަށް ޞިއްޙީ މެސެޖްތައް ހިމެނޭ ގޮތަށް ވައިބަރ ސްޓިކަރ ޕެކްއެއް ތައްޔާރުކޮށް ލޯންޗްކޮށްފައެވެ. މި އަހަރުގެ މި ދުވަސް ފާހަގަކުރުމުގެ ތެރެއިން ޙާޞިލުކުރުމަށް އަމާޒުކުރެވޭ އެންމެ މުޙިންމު ކަމަކީ ހިތަށް ގެއްލުންވާ ކަންކަމުން ދުރުވެ، ހިތުގެ ދުޅަހެޔޮ ކަމަށް ތިމާއާއި އާއިލާއަށް ކެއިން ބުއިމާއި ކަސްރަތުގެ ތެރެއިން ކުރެވޭނެ ކަންކަމާމެދު ހޭލުންތެރިކަން އިތުރު ކުރުމެވެ.




