ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ވަހީދު (އެންސްޕާ އިބްރޭ) ޖުވާ ކުޅޭ ތަނެއްގައި (ކެސިނޯއެއްއްގައި) ހުންނަވަނިކޮށް ކަމަށް ބެލެވޭ ފޮޓޯ އަދި ވީޑިއޯ މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.
ރޭ މެންދަމުން ފެށިގެން މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަކީ، އިބްރާހީމް ވަހީދު ކެސިނޯއެއް ފަދަ ތަނެއްގައި ހުންނަވަނިކޮށެވެ.
މި ވީޑިއޯ އާއްމުކޮށް ޓްވިޓަރގައި ބުނެފައިވަނީ، އެންސްޕާ އިބްރޭ ހަފްތާ ބަންދު ނިންމާލައްވަނީ އަވަށްޓެރި ލަންކާގައި "ޖުވާ ކުޅުމުގައި" ކަމަށެވެ.
މިކަމާ ގުޅިގެން މިނޫހުން ސުވާލުކުރުމުން އިބްރާހީމް ވަހީދު މިކަން ދޮގުކުރުމުގެ ބަދަލުގައި ކުރެއްވީ ސުވާލެކެވެ. އަދި އެއްވެސް ވަރަކަށް ދައުރުވަމުންދާ ފޮޓޯ އަދި ވީޑިއޯއަކީ އަސްލެއް ނޫންކަމަށް ވިދާޅެއް ނުވިއެވެ.
"ކުޅެން ހުރި ފޮޓޯއެއް ނޫނީ ވީޑިއޯއެއް ނުނެގުނީ ކީތްވެބާ؟" އިބްރާހީމް ވަހީދު ސުވާލު އުފައްދަމުން ވިދާޅުވިއެވެ.
މީގެ ކުރިންވެސް ރާއްޖޭގެ ބައެއް ސިޔާސީ ފަރާތްތަކާއި، ފިލްމީ ތަރިންވެސް އަވަށްޓެރި ޤައުމުތަކުގެ ކެސިނޯތަކުގައި އުޅުއްވާ މަންޒަރުތައް އާއްމުވެފައިވާކަން ފާހަގަކޮށްލެވެއެވެ.




