މަހާ، މަހުގެ ބާވަތްތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގާ ޑިއުޓީ ކަނޑާލުމަށް އެދެފި

ދިވެހިރާއްޖޭގެ މަހާއި މަހުގެ އުފެއްދުންތައް ޔޫރަޕަށް އެކްސްޕޯޓްކުރުމުގައި ނަގަމުންދާ ބޮޑު ޑިއުޓީ ކަނޑާލުމަށް މިނިސްޓަރު ޒަހާ ވަހީދު ޔޫރަޕިއަން ޔޫނިއަންގައި އެދިވަޑައިގެންފިއެވެ.

މި ކަމަށް އެދިވަޑައިގެންފައިވަނީ ޔޫރަޕިއަން ޔޫނިއަންއަށް މަސް އެކްސްޕޯޓްކުރާ ޤައުމެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ކުރުމަށް ލާޒިމުކުރާ ކަންކަމާއިގުޅޭ ގޮތުން އަދި އެފަދަ މަސްވެރިކަން ހުއްޓުވުމަށް ސަރުކާރުގެ ސިޔާސަތުތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބްރަސްލްސްގައި މި މަހުގެ 25 އަދި 26 ގައި ބޭއްވި ބައްދަލުވުންތަކުގައެވެ.

ދިވެހިރާއްޖެފަދަ ތިމާވެއްޓާއި ރައްޓެހި، ސާފު މަސްވެރިކަމެއް ކުރަމުންދާ ޤައުމަކުން، އަދި މަސްވެރިކަމަން ވަރަށް ބޮޑަށް ބަރޯސާވާ ޤައުމެއްގެ ހައިސިއްޔަތުން ޑިއުޓީގެ އިނާޔަތުގެ މުޙިއްމުކަން ފާހަގަކުރައްވާ ވީއެންމެ އަވަސް ފުރުޞަތެއްގައި މިކަމަށް ހައްލެއް ހޯއްދަވައިދިނުމަށް މިނިސްޓަރ ޒަހާ ވަޙީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

އެހެންނަމަވެސް، ދިވެހިރާއްޖެއަކީ [އަޕަރ-މިޑްލް އިންކަމް] ޤައުމެއްގެ ގޮތުގައި ވަރލްޑް ބޭންކްގެ ފަރާތުން ގިންތިކޮށްފައިވާތީވެ، ޑިއުޓީގެ އިނާޔަތް ދިނުމަށް ކަނޑައެޅިފައިވާ ފްރޭމްވަރކްގެ ތެރެއިން މިކަންކުރުމުގައި ދަތިތަކެއް ހުންނާނެކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ފާހަގަކުރެއްވިއެވެ. އަދި ޑިއުޓީގެ އިނާޔަތް ދިނުމުގެ މަސައްކަތް ބަލަހައްޓާ ޔޫރަޕިއަން ކޮމިޝަންގެ ވިޔަފާރިއާއި ގުޅޭ އޮފީހުގެ ސަމާލުކަމަށް މިރިކުއެސްޓް ފޯރުކޮށްދެއްވާނެކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަޙީދު އާއި އެކު ބޭއްވުނު ބައްދަލުވުންތަކަށްފަހު، ޤާނޫނާއި ޤަވާއިދާ ޚިލާފަށްކުރާ މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ ފިޔަވަޅުތައް ޔޫރަޕިއަން ޔޫނިއަންއިން ފާހަގަކޮށް މިމަޢުލޫގައި ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ފުރިހަމަކޮށް ނިންމާލުމަށް ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ބާރު އަޅުއްވާފައިވެއެވެ.

މިގޮތުން، މިފަދަ މަސްވެރިކަން ހުއްޓުވުމުގައި އެންމެ މުޙިއްމު އެއް ދައުރު އަދާކުރަނީ ޤައުމުތަކުގެ ޤާނޫނޫތައް ކަމަށާއި، މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ބޭނުންވާ ގިނަ ކަންކަން ހިމަނައިގެން މަސްވެރިކަމާއި ބެހޭ ބިލު މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ގެޒެޓްކުރައްވާފައިވާތީވެ، އެކަން ޚާއްސަ ގޮތެއްގައި ބަލައިގަންނަ ކަމުގައި ޔޫރަޕިއަން ޔޫނިއަންގެ ފަރާތުން ފާހަގަކުރެއްވިއެވެ.

އަދި މީގެ އިތުރުން، ދިވެހިރާއްޖޭގައި ކުރަމުންދިޔަ ލޭނު މަސްވެރިކަމުގައިހުރި ބޮޑެތި މައްސަލަތައް ފާހަގަކޮށް އެކަން ހައްލުކުރުމަށް އަޅާފައިވާ އުނދަގޫ ފިޔަވަޅުތަކަށް އަދި ޚާއްސަކޮށް މިކަމުގެ ސަބަބުން އިންޑިއާ ކަނޑުގައި ހިނގާ ޤާނޫނާއި ޤަވާއިދާ ޚިލާފު މަސްވެރިކަން ހުއްޓުވުމަށް ލިބިގެންދާނެ ކުރިއެރުން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް، ޤާނޫނާއި ޤަވާއިދާ ޚިލާފު މަސްވެރިކަން ހުއްޓުވުމަށް ދިވެހިރާއްޖޭގެ ފަރާތުން އަޅާފައިވާ އެހެނިހެން ފިޔަވަޅުތައް އަދި ކުރިއަށް އޮތްތަނުގައި ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ފުރިހަމަކުރުމުން، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ އުފެއްދުންތަކާއިމެދު ޔޫރަޕުގެ ޤައުމުތަކަށް އިތުރު ޔަޤީންކަމެއް ލިބިގެންދާނެ ކަމުގައި ވަނީ ފާހަގަކުރައްވާފައެވެ.

ޔޫރަޕިއަން ޔޫނިއަންގެ ކަމާބެހޭ އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައި މިނިސްޓަރ ޒަހާ ވަހީދުގެ އިތުރުން މިނިސްޓްރީގެ ފަންނީ މުވައްޒަފުން އަދި ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ މިޝަންގެ މުވައްޒަފުން ބައިވެރިވެލެއްވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ