މިނިސްޓަރ ޒަހާ

މަހުގެ ސްޓޮކް ދެމެހެއްޓުމަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭ - މިނިސްޓަރ ޒަހާ

ކުރިމަތިވެދާނެ ބޮޑު ގެއްލުމަކުން ސަލާމަތްވުމަށްޓަކައި، މަހުގެ ސްޓޮކް ދެމެހެއްޓުމަށް ދުރާލާ ފިޔަވަޅު އަޅަންޖެހޭކަމަށް، ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ، ޕެރަޑައިސް އައިލެންޑް ރިސޯޓްގައި މިއަދު ފެށި ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަނުގެ 10 ވަނަ އާންމު ބައްދަލުވުން އިފްތިތާޙްކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ ޒަހާ ވިދާޅުވީ، އިންޑިއާ ކަނޑުގައި ޤާނޫނާ ޚިލާފަށް ރިޕޯޓްކުރުމެއް އަދި ބެލެހެއްޓުމެއް ނެތި ކުރާ މަސްވެރިކަން ހުއްޓުވުމަށް އިންޑިއާ ކަނޑުގެ ހުޅަނގު ބިތުގެ ޤައުމުތަކުން ގުޅިގެން މަސައްކަތް ކުރުމުން މުހިންމު ކަމަށެވެ.

އިންޑިއާ ކަނޑުގެ މަހުގެ ބާވަތްތަކުގެ ސްޓޮކްގެ ހާލަތު ދައްވުމުގެ ސަބަބުން ހިފާ މަހުގެ މިންވަރު މަދުކުރުމަށް އަޅާ ކޮންމެ ފިޔަވަޅެއްގެ އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހޭނީ އައްސޭރިފަށުގެ ކުދި ޤައުމުތަކުން ކަމަށްވާތީ، މަހުގެ ސްޓޮކްތައް ދެމެހެއްޓެނިވި މިންވަރެއްގައި ބެހެއްޓުމަށް ދުރާލާ ފިޔަވަޅުތައް އެޅުން މުހިންމުކަމަށް އެކަމަނާ ވިދާޅުވިއެވެ.

އޭގެ އިތުރުން، ޤައުމުތަކުގެ އިޤްތިޞާދީ ސަރަހައްދުގެ ތެރޭގައާއި ހައިސީސްގައި ކުރާ މަސްވެރިކަން ބަލަހައްޓައި މޮނިޓަރިކޮށް އަދި ހާއްސަކޮށް ޤަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވައި އެފަދަ އުޅަނދުފަހަރާއި ފަރާތްތައް ޒިންމާދާރުކުރުމުގެ އެންމެ ބޮޑު ޒިންމާއެއް އޮތް ބަޔަކީ އައްސޭރިފަށުގެ ޤައުމުތައްކަން ފާހަގަކޮށް ކޮމިޝަންގެ މެމްބަރު ޤައުމުތަކުން އެކަމަށް ހާއްސަކަމެއްދީގެން ފިޔަވަޅުތަކެއް އެޅުމަށް މިނިސްޓަރ ޒަހާ ގޮވާލެއްވިއެވެ.

މިގޮތުން ބޭރުގެ މަސްވެރި އުޅަނދުފަހަރަށް ލައިސަންސްދޫކުރާ އެފަދަ ލައިސަންސް ދޫކުރުމުގައި އަމަލުކުރުމަށްޓަކައި މިހާރު ކޮމިޝަންއިން އެކުލަވާލާފައިވާ [މިނިމަމް ޓާރމްސް އެންޑް ކޮންޑިޝަން ގައިޑްލައިން]އަކީ މުހިއްމު ފިޔަވަޅެއްކަން ފާހަގަކޮށް އެގައިޑްލައިންގައި ހިމެނޭ ކަންތައްތައް ޤައުމުތަކުން ތަންފީޒުކުރުމަށްވެސް އެކަމަނާ ގޮވާލެއްވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ސްޓޮކްގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށަށްދާ މައްސަލައަށް ރިޢާޔަތްކޮށް، ބޮޑުދަލުގެ މަސްވެރިކަންކުރާ އުޅަނދުފަހަރުން އާދަޔާހިލާފަށް ގިނައިން ކަނޑަށް ދޫކުރާ [އޮޔާދާ ބޮއި] (ޑްރިފްޓިންގް ފެޑް)ގެ ސަބަބުން ކަޅުބިލަމަހުގެ ސްޓޮކް ހީނަރުވަމުންދާކަން ފާހަގަކޮށް އޮޔާދާބޮއި ބޭނުންކުރާ މިންވަރު މަދުކުރުމަށް ފިޔަވަޅުތަކެއް އެޅުމަށާއި ހައިސީ ގައި ހަރަކާތްތެރިވާ އިންޑަސްޓްރިއަލް ފްލީޓް ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ދިއުން ހުއްޓުވުމަށް އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީގެ) ތެރެއިން މެންބަރު ޤައުމުތައް ގުޅިގެން އިތުރު މަސައްކަތްތަކެއް ކުރަޖެހިފައިވާ ކަން ފާހަގަކުރެއްވެވިއެވެ.

ދިވެހިރާއްޖެއަކީ މަސްވެރިކަމުން ބޮޑު އާމްދަނީއެއް ހޯދާ ޤައުމަކަށްވާތީ، މަސްވެރިކަން ދެމެހެއްޓެނި ގޮތެއްގައި ކުރުމަށް އަވަށްޓެރި ޤައުމުތައް ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެކެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ