ލާދީނީ ކިޔަނީ ހަމަ ކިޔަންވެގެން ކަމަށާއި އިސްލާމް ދީނާ ބެހިނުލާ ހަމަ ނުތިބެވޭނެކަން ރައްޔިތުންނަށް މިހާރު ވަރަށް ސާފު ކަމަށް އައްޝައިޙް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ، މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކުން ތައްޔާރުކޮށްފައިވާ، “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓްގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވަނިކޮށެވެ.
"ފާޑުފާޑުގެ ނެޓްވޯކްތައް ހަދައިގެން ޑިމޮކްރަސީ ކުރިއެރުވުމުގެ ނަމުގައި މިއުޅެނީ އިސްލާމީ ހުކުމްތަކަށް ގޮންޖަހައި، އިސްލާމްދީނާ ޖައްސާލައިގެން" ޝައިހް ޒައިދު ވިދާޅުވިއެވެ.
ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތަކަށާއި، ޑިމޮކްރެސީ ޙިމާޔަތް ކުރަން ޙަރަކާތްތެރިވާ ޖަމްއިއްޔާ އެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އަށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީންވެސް ވަނީ ފުލުހުން ކައިރީ އެދިފައެވެ.
އިސްލާމިކް މިނިސްޓްރީން ވިދާޅުވީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކާފައިވާކަމަށެވެ.
އެހެންވެ އެކަން ތަހުގީގުކޮށް ފިޔަވަޅު އެޅުމަށް މިއަދު 13:46 ގައި ފުލުހަށް މައްސަލަ ހުށަަހަޅާފައިވާކަމަަށް އެ މިނިސްޓްރީން ވިދާޅުވިއެވެ.
މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ، އެ ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާތީ ގިނަ ބަޔަކު އެ ޖަމްއިއްޔާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިޔާގައި އެމްޑީއެން އާއި ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާ އަކީ “ތަކްފީރީ” އެއް ގޮތަށް ސިފަކޮށް މި ޒަމާނުގެ ހައްދުފަހަނަޅައިދާ ފަރާތްތަކާއި އެއްފަދަ ކޮށްފައި ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ “ޚިޔާލީ ވާހަކައެއް”ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށްވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
އެމްޑީއެން އިން ތައްޔާރުކޮށްފައިވާ “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓުގައި ބައެއް ކަންކަން ގެނެސްފައިވަނީ ދީނީ ގޮތުން އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ޖަމިއްޔާ އިން މިހާރުވަނީ މާފަށް އެދި ރިޕޯޓް އިސްލާހު ކުރުމަށް ނަގާފައެވެ.
އެމްޑީއެން އިން މިރޭ ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ، ދިރާސާ ރިޕޯޓް ގެނެވިފައިވާގޮތުން އާއްމުންގެ ތެރޭގައި ހިތްހަމަނުޖެހުން ފާޅުކޮށްފައިވާކަން ދެނެގަނެ، ރިޕޯޓްގައިވާ އެ ބައިތަކަށް ނިހާޔަތަށް މައާފަށް އެދޭ ކަމަށާއި، ރިޕޯޓް ވަގުތީ ގޮތުން އަނބުރާ ގެނެސް ދީނީ އިލްމުވެރިއެއްގެ އެހީގައި ރިޕޯޓް އިސްލާހް ކުރުމަށް ނިންމާފައިވާ ކަމަށެވެ.




ހިޔާލު
Kaleymen dheen hathiyaarakah hadhan salhi dhw