ރިޒޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ލިބުމަކީ، މި ޞިނާޢަތު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވީ، ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތްތައް ނިންމާލުމަށް ކްރޮސް ރޯޑްސްގައި ބޭއްވި ގާލާނައިޓްގައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
"ރިޒޯޓްތަކުގެ މަތީ މަޤާމުތަކުން ދިވެހިންނަށް ފުރުޞަތު ލިބުމަކީ، މި ޞިނާޢަތު ކުރިއެރުވުމަށް ލިބޭނެ ވަރަށް ބޮޑު ބާރެއް. ރިޒޯޓް ވަޒީފާތަކުގެ ވަރަށް ޒިންމާދާރު މަޤާމުތަކުގައި މިހާރުވެސް ކޮންމެވެސްވަރަކަށް ދިވެހިން އެބަތިބި. އަޅުގަނޑުމެން ބޭނުންވަނީ، އެ ނިސްބަތް އެތައް ގުނައަކަށް އިތުރުކުރަން" ރައީސް ވިދާޅުވިއެވެ.
ވަޒީފާގެ ފުރުޞަތުތައް އިތުރުވަމުން އަންނަ ވަރަކަށް، ފަތުރުވެރިކަމުގެ ދާއިރާތަކަށް ދިވެހި ޒުވާނުން އުފެއްދުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ރިސޯޓްތަކުން ދިވެހިންނަށް ވަޒީފާދިނުމުގައި އޮންނަ އުސޫލުތައް ހަރުދަނާކުރަންޖެހޭކަން ފާހަގަކުރައްވަމުން ރައީސް ޞާލިޙް ވިދާޅުވީ، ގިނައަދަދެއްގެ ދިވެހި ޒުވާނުން ވަޒީފާނެތި ތިބިއިރު އެތައް ރިސޯޓެއްގައި ބިދޭސީން ވަޒީފާއަދާކުރަމުންދާކަމަށާއި، ބިދޭސީންނަށްވުރެ ފުރިހަމައަށް އެފަދަ ވަޒީފާތައް އަދާކުރާނެ އެތައް ދިވެހިންނެއް އެބަތިބިކަމަށެވެ.
ފަތުރުވެރި ވަޒީފާތަކަށް ދިވެހި ޒުވާނުން ޝައުގުވެރިކޮށް ދިވެހިންނަށް ފުރުޞަތު ހޯދައިދިނުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއްކަން ފާހަގަކުރައްވާ، ސަރުކާރުގެ ސްޓްރެޓެޖިކް އެކްޝަންޕްލޭންގައިވެސް މުހިއްމު ސިޔާސަތުތަކެއް ހިމަނާފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެސިޔާސަތުތައް ތަންފީޒުކުރުމުގައި ސަރުކާރާއި އަމިއްލަ މުއައްސަސާތަކުންވެސް އަދާކުރަންޖެހޭ ޒިންމާތަކެއް ހުރިކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.



