ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ދުނިޔޭގެ އޯލް ސްޓާ ޓީމަކާއި ރާއްޖޭގެ ގައުމީ ޓީމު އަންނަ އަހަރު ނުކުންނާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ކްރޮސްރޯޑްގައި ރޭ ބޭއްވި ދުނިޔޭގެ ޓޫރިޒަމް ދުވަހުގެ ގާލާ ނައިޓްގައި ވާހަކަދައްކަވަމުން ޢަލީ ވަޙީދު ވިދާޅުވީ، އަންނަ އަހަރުގެ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ކުރިއަށް ގެންދަން ރާވައިފައިވާ ހަރަކާތްތަކުގެ ތެރޭގައި ދުނިޔޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިން ހިމެނޭ ޓީމަކާއި ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމް ވާދަކުރާ މެޗެއް ހިމެނޭކަމަށެވެ.
މީގެއިތުރުން ޢަލީ ވަޙީދު ވިދާޅުވީ، ކުރިން ދިވެހިން ދެކެފައިނުވާ ކަހަލަ މަންޒަރުތަކެއް އަދުގެ ސަރުކާރުން ރާއްޖެއަށް ގެންނާނެކަމަށާއި، އެގޮތުން ވޯލްޑް ކަޕާއި ޕްރިމިއާ ލީގާއި ސްޕެނިޝް ލީގުގައި ކުޅެފައި ތިބި ކުރީގެ ފުޓްބޯޅަ ތަރިންނާއެކު ރާއްޖޭގެ ގައުމީ ޓީމު މިއަންނަ އަހަރުގެ ފަތުރުވެރިކަމުގެ ޢީދުގައި ކުޅޭ މަންޒަރު ރާއްޖޭގައި އޮންނާނެކަމަށެވެ.
މިއަހަރުގެ ޓުއަރިޒަމް ދުވަހުގެ ޙަރަކާތްތައްވެސް ނުހަނު ފޯރީގައި ކުރިއަށް ގެންދަމުންދާއިރު، ސްޕެނިޝް ލަލީގާގެ ޓީމެއް ކަމަށްވާ ސެލްޓަ ވިގޯގެ ވެރިންގެ އިތުރުން ރެއާލް މެޑްރިޑްގެ ލެޖެންޑް މިޝެލް ސަލްގާޑޯވެސްވަނީ ރާއްޖެ އައިސްފައެވެ.
އަދި ޓޫރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ފުޓްބޯލް ފިއެސްޓާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ކުޅުންތެރިންނަށް މެޑެއްޔާއި ޓްރޮފީ ހަވާލުކުރުމުގައި ސަލްގާޑޯވަނީ ބައިވެރިވެފައެވެ.



