މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލައި އޮންލައިން ޕެޓިޝަނެއް ހަދައި ސޮއި ހޯދަން ފަށައިފިއެވެ.
އެމްޑީއެން ޖަމުއިއްޔާ އާއި ދެކޮޅަށް ފިޔަވަޅު އަޅައި އެޖަމިއްޔާ އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އަށް ގޮވާލައި ހަދާފައިވާ ޕެޓިޝަނުގައި މިހާތަނަށް 4،000 މީހުންވަނީ ސޮއިކޮށްފައެވެ.
Petition demanding President @ibusolih to Ban MDN and take action against the radical MDN. https://t.co/LgeRKP9LOS #BanMDN SHARE | RETWEET
— #BringMDNFikuru (@BanMDN) October 4, 2019
ޤްރުއާނަން ފާޑުކިޔައި ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމްދީނަށް އިހާނެތިކޮށް ބަސްބުނެ ލާދީނީ އެމްޑީއެން އުވާލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މި ޕެޓިޝަނުގައި ވަނީ ގޮވާލާފައެވެ.
އެމްޑީއެން ވަނީ ޤާނޫނީ އަސާސީއާއި، ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާއިބެހޭ ގާނޫނާއި ގާނުނުލް އުގޫބާތާއި ޖަމިއްޔާތަކާއިބެހޭ ގާނޫނާއި ހިލާފުވެފައި ކަމަށާއި، އެމްޑީއެން އުވާނުލެވޭނަމަ އެއީ ގައިރުގާނޫނީ އެހެން ޖަމާއަތްތަކަށްވެސް ދެވޭ ފުރުސަތެއް ކަމަށް މި ޕެޓިޝަނުގައި ބުނެފައިވެއެވެ.
ދީނީ ހައްދުފަހަނަ އެޅުމާއި ދެކޮޅަށް އެމްޑީއެންއިން ނެރެފައިވާ ރިޕޯޓާއި ގުޅިގެން ގިނަ ބަޔަކު އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ ޖަމްއިއްޔާއާއި ދެކޮޅަށް މީސްމީޑިއާގައި ބޮޑު ކެމްޕޭނެއްވެސްވަނީ މިހާރު ފަށާފައެވެ.
އެމްޑީއެން އިން ތައްޔާރުކޮށްފައިވާ، “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓްގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވަނީ ވާހަކަދައްކާފައެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ “ޚިޔާލީ ވާހަކައެއް”ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށްވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.
އެމްޑީއެން އިން ތައްޔާރުކޮށްފައިވާ “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓުގައި ބައެއް ކަންކަން ގެނެސްފައިވަނީ ދީނީ ގޮތުން އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ އެ ޖަމިއްޔާ އިން ވަނީ މާފަށް އެދި ރިޕޯޓް އިސްލާހު ކުރުމަށް ނަގާފައިކަން ފާހަގަކުރަމެވެ.




