ރަޝިޔާގެ ނޫސްވެރިއެއް ކަމަށްވާ ޔޫލިއާ ޔުޒިކް އީރާނުގެ ވެރިރަށް ތެހެރާނުން ހައްޔަރުކޮށްފިއެވެ.
ނޫސްވެރިޔާ ޔުޒިކް ހައްޔަރުކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އިޒްރޭލަށް ޖާސޫސް ކޮށްދޭ ކަމުގެ ތުހުމަތުގައެވެ. މައުލޫމާތު ލިބޭގޮތުގައި ޔުޒިކް އީރާނަށް އައިސްފައިވަނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުއެވެ.
ޔުޒިކްގެ އާއިލާއާއި ހަވާލާދީ ރަޝިޔާއިން ބުނެފައިވަނީ، އީރާނުން ޔުޒިކް ހައްޔަރުކޮށްފައިވަނީ އިޒްރާއިލީ ސެކިއުރިޓީ ސާރވިސް އާއެކު މަސައްކަތްކުރާ ކަމުގެ ތުހުމަތުގައެވެ.
މިމައްސަލައިގައި ރަޝިޔާގައި ހުންނަ އީރާނުގެ ސަފީރުވަނީ ރަޝިޔާގެ ފޮރިން މިނިސްޓްރީއަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައެވެ.
މައުލޫމާތު ލިބޭގޮތުގައި މިއީ ޔުޒިކް އީރާނަށް ކުރި ދެވަނަ ދަތުރެވެ. ފުރަތަމަ ދަތުރުގައި ޔުޒިކް ވަނީ އީރާނުގެ ނޫހެއްގައި މަސައްކަތްކުރުމަށް އެގައުމުގައި މަސްތަކެއް ވާންދެން ދިރިއުޅެފައެވެ. މިފަހަރު ޔުޒިކް އީރާނަށް ދިޔަކަމަށްވަނީ އަމިއްލަ ހައިސިއްޔަތުން އަމިއްލަ ބޭނުމަކަށްޓަކައި ކަމަށެވެ.



