ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ހިނގަމުންދާ ހަރަކާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލަން - ޝަހީމް

ރާއްޖޭގެ ދީނީ ވަހުދަތު ނަގާލަން ގަސްތުގައި ހުއްޓުމެއްނެތި ހިނގަމުންދާ ހަރަކާތްތަކާމެދު ލަސްނުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ގޮވާލައްވައިފިއެވެ.

ޝަހީމް މިހެން ގޮވާލެއްވީ މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކުން (އެމްޑީއެން) ތައްޔާރުކޮށްފައިވާ، “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ދިރާސާ ރިޕޯޓްގައި ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނާއި، ރަސޫލާ (ސ.އ.ވ) އަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް އަދި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ގެއްލޭގޮތަށް ވާހަކަ ދައްކައިފައިވާ މައްސަލައިގައި މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

މި ޓުވީޓުގައި ޝަހީމް އިތުރަށް ވިދާޅުވީ، އިސްލާމް ދީނަށާއި ކީރިތި މާތް ނަބިއްޔާ އަށް ފުރައްސާރަކޮށް ރާއްޖޭގެ ދީނީ ވަހުދަތު މުގުރާލަން އުޅޭ އެމްޑީއެން، ޖަމިއްޔާތަކާ ބެހޭ ގާނޫނާއި ދީނީ އެއްބައިވަންތަކަށް ހިމާޔަތްކުރާ ގާނޫނާއި ޓެރަރިޒަމް މަނާކުރާ ގާނޫނުގެ ދަށުން އުވާލަން ޖެހޭކަމަށެވެ.

މީގެއިތުރުން މި ޓުވީޓުގައި ޝަހީމްވަނީ ސަރުކާރުގެ މަތީ މަޤާމްތަކަށް އައްޔަންކޮށްފައިވާ އެމްޑީއެން އަށް ނިސްބަތްވާ ފަރާތްތައް ސަރުކާރުން ވަކިކުރުމައްވެސް ގޮވާލައްވައިފައެވެ.

އެމްޑީއެން އިން “ޕްރިލިމިނެރީ އެސެސްމެންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ދިރާސާ ރިޕޯޓާއި ގުޅިގެން ގިނަ އަދަދެއްގެ އާންމު ރައްޔިތުންނާއި، ސިޔާސީ ފަރާތްތަކާއި، އަދި ދީނީ އިލްމްވެރިން އަންނަނީ އެޖަމިއްޔާއަށް ފާޑުކިޔުންތައް އަމާޒު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ