މާލޭގައި ބިދޭސީއަކު ކިޑްނެޕްކޮށްފައި ހުއްޓައި ސަލާމަތްކޮށްފިއެވެ.
މިބިދޭސީ މީހާ ކިޑްނެޕްކޮށްފައި ހުރިކަމަށްވަނީ މާފަންނުގައި ހުރި ބިދޭސީން ދިރިއުޅޭ އިމާރާތެއްގައެވެ. ފުލުހުން ބިދޭސީ މީހާ މިރޭ ސަލާމަތް ކޮށްފައިވާއިރު މިމައްސަލައިގައި ފަސް ބިދޭސީއަކުވަނީ ހައްޔަރުކޮށްފައެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ ބިދޭސީމީހާ ކިޑްނެޕްކޮށްފައިހުރީ މާފަންނުގައި ހުންނަ ބިދޭސީން ދިރިއުޅޭ އިމާރާތެއްގެ ތިންވަނަ ފަންގިފިލާގައި ކަމަށެވެ.
ބިދޭސީން އެއްބަޔަކު އަނެއްބަޔަކު ވެގެން ކިޑްނެޕް ކުރުމުގެ ހާދިސާތައް ދޭތެރެ ދޭތެރެއިން މާލޭގައި ހިނގައެވެ. މިގޮތުން މިފަދަ ހާދިސާއެއް ނިމިދިޔަ ސެޕްޓެމްބަރ މަހުގެ ތެރޭގައިވެސް ހިނގައިފައި ވެއެވެ.
ދިވެހިރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީ ފަރާތްތައް ކުށުގެ ވެށީގައި ހަރަކާތްތެރިވާން ފަށާފައި ވާއިރު ގަވާއިދާއި ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީންގެ އަދަދުވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.
ކަމާބެހޭ އިދާރާތަކުން މިހާރު އަންނަނީ ގަވާއިދާ ހިލާފަށް ރާއްޖޭގެ ދިރިއުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކުރުމުގެ ހާއްސަ މަސައްކަތްތަކެއްވެސް ފަށައިފައެވެ.



