ނުރައްކާތެރި އެކްސިޑެންޓެއްވެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބުދުލް ލަތީފަށް އަނިޔާވެއްޖެއެވެ.
ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ކޮޅުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި މިއެކްސިޑެންޓްގައި ޔާސިރަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަހާލައިގެން ސައިކަލުން ވެއްޓުމުގެ ސަބަބުން ޔާސިރުގެ މެޔަށް ވަނީ އަނިޔާވެފައެވެ. އަދި ސައިކަލް ކަހާލައިގެން ވެއްޓުނު ވަގުތު ފަހަތުން އައި ސައިކަލް ކޮންޓްރޯލް ނުކުރެވި ޔާސިރް ގައިގައި ޖެހިފައިވާ ކަަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ.
ޔާސިރުގެ އެކުވެރިޔަކާއި ހަވާލާދީ "ޕީއެސްއެމް" ނޫހުން ބުނީ ޔާސިރު މާލެއިން ހުޅުމާލެއަށް ދަނިކޮށް ބްރިޖްގެ އެއަރޕޯޓް ލައިޓާއި އަރާހަމަވިތަނުން ސައިކަލް ކަހާލައިގެން ވެއްޓުނީކަމަށެވެ. އަދި އެވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޔާސިރުގެ ގައިމަތިން ދިޔައީކަމަށެވެ. އޭނަ ބުނީ ޔާސިރަށް އެހީތެރިވީ ފަހަތުން އައި އެހެން މީހެއްކަމަށާއި، ވެއްޓުމާއެކު އޭނާގެ ދަތްދޮޅި ފަޅައިގެން ގޮސް، ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާކަމަށެވެ. އަދި އެމީހާގެ އެހީތެރިކަމާއެކު ޔާސިރު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުންދާކަމަށެވެ.
މި އެކްސިޑެންޓުގައި ޔާސިރުގެ މޭކަށިގަނޑުން 4 ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާކަމަށާއި، ނަމަވެސް ބިންދައިގެން ގޮސްފައިވާ ކަށިގަނޑުތައް ވަކިވެފައިނުވާތީ އިތުރު އޮޕަރޭޝަނަކަށް ދާންނުޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށާއި ނަމަވެސް އިތުރަށް ބްލީޑްވެ، ގޯސްވަމުންދާނަމަ އިތުރު އޮޕަރޭޝަނެއްވެސް ކުރަންޖެހިދާނެ ކަމަށް ޔާސިރުގެ އެކުވެރިޔާއި ހަވާލާދީ "ޕީއެސްއެމް" ނޫހުގައި ބުނެފައިވެއެވެ.



