ރާއްޖޭގައި މިހާރު މުޅިން އަލަށް އުދުހެން ފަށާފައިވާ މަންޓާ އެއާގެ 2 ސީޕްލޭން އަންނަ ހަފްތާގައި ރާއްޖެ ގެންނާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މަންޓާ އެއާއިން ބުނެފައިވާ ގޮތުގައި މި މަހުގެ 10 ވަނަ ދުވަހު ޑީއެޗްސީ6 ޓްވިން އޮޓާ މަރުކާގެ ދެ އެއާކްރާފްޓު ކެނެޑާއިން ރާއްޖެ ގެންނާނެއެވެ. 16،000 ކިލޯމީޓަރުގެ ދަތުރެއް ކޮށް މުޅިއަކު 7 ތަނަކަށް މި ބޯޓު ރާއްޖެ އައުމުގެ ކުރިން މަޑު ކުރާނެ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.
މަންޓާ އެއާއިން ސީޕްލޭންގެ ހިދުމަތް ފެށުމާއެކު ހުރިހާ ދަތުރުތައް ވެސް ކުރާނީ މިހާރު ވެސް އޮންނަ އުސޫލުން ތާވަލެއްގެ މަތިން ކަމަށް އެ ކުންފުނިން ބުންޏެވެ. ނަމަވެސް މިތާވަލު އަދި އެ އެއާލައިނުން އިއުލާން ކޮށްފައި ނުވެ އެވެ.
އަންނަ ހަފްތާ ބުރާސްފަތި ދުވަހު މަންޓާގެ ދެ ސީޕްލޭން ގެންނަން ހަމަޖެހިފައިވާއިރު މި މަސްތެރޭގައި އިތުރު ދެ ސީޕްލޭން ގެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. އަދި މިއަހަރު ނިމޭއިރު އެ ކުންފުނީގެ ފްލީޓުގައި 10 ސީޕްލޭން އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
މަންޓާ އެއާއިން މިހާރު ދަތުރު ކުރަމުން އަންނަނީ ދ. އަތޮޅަށާއި ބ. އަތޮޅަށެވެ. ނަމަވެސް ކުރިއަށް އޮތްތާނގައި ރާއްޖޭގެ އެހެން މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.



