އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
އިސްލާމިކް މިނިސްޓްރީއިން މިހެން ވިދާޅުވެފައިވަނީ މިއަދު ދީނީ ޢިލްމުވެރިންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައެވެ. ގާތްގަޑަކަށް ތިން ގަޑިއިރެއްހާ އިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ދީނީ އިލްވެރިންނަށް ދިމާވެފައިވާ ދަތިތަކާއި ލިބެމުންދާ އިންޒާރުތައް އިލްމުވެރިންވަނީ އިސްލާމިކް މިނިސްޓަރާއި ހިއްސާކޮށްފައެވެ.
އަދި މިފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިއުން އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާއިރު، މިކަންކަން ހުއްޓުވުމަށް ދީނީ އިލްމުވެރިންގެ ޖަމްޢިއްޔާއެއް އުފެއްދުމަށްވެސްވަނީ ނިންމަވާފައެވެ.
އިސްލާމިކް މިނިސްޓަރ ޑރ އަހްމަދު ޒާހިރު ދީނީ އިލްމުވެރިންނާ ބައްދަލުކުރައްވާފައި މިވަނީ އެމްޑީއެންގެ ރިޕޯރޓާއި ގުޅިގެން އިސްލާމްދީނަށް ފުރައްސާރަކޮށް، ކީރިތި ރަސޫލާއަށް ހަޖޫޖަހާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލައި ގިނަބަޔަކު ނުރުހުން ފާޅުކުރަމުން ދަނިކޮށެވެ.
"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އިން "ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހިރައްޔިތުންދަނީ އެކަން ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ގޮވާލަމުންދާއިރު، "މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް" އުވާލުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.



