ދައުރުން ބޭރުގައި ބޭއްވި ޖަމިލީހުގެ ޖަލްސާގައި ރައީސް ނަޝީދު - ފޮޓޯ: މަޖިލިސް

ދީނަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ހަތިޔާރަކަށް ދީން ބޭނުންކުރުން: ރައީސް ނަޝީދު

ދީނަށް ކުރެވޭނެ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ހަތިޔާރަކަށް ދީން ބޭނުންކުރުންކަމަށް ކުރީގެ ރައީސް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދާދި ދެންމެއަކު ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމްދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ފުރުޞަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުމެވެ.

އަދި އިސްލާމްދީނަކީ އެންމެ ފުރިހަމަ، އެންމެ މާތް އަދި އެންމެ ތަޙުޒީބީ ދީންކަމަށްވެސް ރައީސް ނަޝީދު މިޓްވީޓްގައިވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުން މިހެން ވިދާޅުވެފައި މިވަނީ، މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯރކް (އެމްޑީއެން) އިން އިސްލާމް ދީނަށް ފުރައްސާރަކޮށް ނެރެފައިވާ ރިޕޯރޓަކާއި ގުޅިގެން އެކަމާ ގިނަ ދިވެހިންތަކެއް ނުރުހުން ފާޅުކޮށް ކީރިތި ރަސޫލާއަށް ހަޖޫޖަހާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައެވެ.

“މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް” އިން “ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި ކީރިތި ރަސޫލާއަށް ފާޅުގައި ފުރައްސާރަކޮށްފައިވާތީ، ރާއްޖޭގެ ދީނީ އިލްމުވެރިންނާއި ދިވެހިރައްޔިތުންދަނީ އެކަން ކުށްވެރިކޮށް އެކަން ކުރި ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށް ގޮވާލަމުންދާއިރު، “މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް” އުވާލުމަށްވެސް ގިނަ ބަޔަކު ވަނީ ގޮވާލާފައެވެ.

މީގެއިތުރުން އިސްލާމް ދީނަށް ފުރައްސާރަކުރާ ފަރާތްތައް ހުއްޓުވުމަށް ޤާނޫނެއް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށައަޅުއްވާނެ ކަމަށްވެސް އިސްލާމިކް މިނިސްޓަރ ޑރ.އަހްމަދު ޒާހިރު މިއަދު ވަނީ ވިދާޅުވެފައެވެ.

އަދި މިފަހަކަށް އައިސް އިސްލާމްދީނަށް ފުރައްސާރަކުރުމާއި ދީނުގެ ނަމުގައި ހައްދު ފަހަނައަޅާ ދިއުން އިތުރުވަމުންދާތީ، އެކަން ހައްލުކުރުމަށް ހޭލުންތެރިކަމުގެ ޕްރޮގްރާމްތައް ހިންގުމަށް މިއަދުގެ އިސްލާމިކް މިނިސްޓްރީން ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާކޮށްފައިވާއިރު، މިކަންކަން ހުއްޓުވުމަށް ދީނީ އިލްމުވެރިންގެ ޖަމްޢިއްޔާއެއް އުފެއްދުމަށްވެސް އެމިނިސްޓްރީއިންވަނީ ނިންމަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ