ޝައިޚް ޢަލީ ޒައިދު

ގައުމުގެ އެއްބާރުގެ ވެރިޔާއަށް ކުއްވެރި މިވީ ރައްޔިތުން - އަލީ ޒައިދު

ރާއްޖޭގެ ރައްޔިތުން ޓުވިޓަރގައާއި ފޭސްބުކްގައި މޯލްޑިވިއަން ޑިމަކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާލަން ގޮވާލާއިރު ގައުމުގެ އެއްބާރުގެ ވެރިޔާއަށް ކުއްވެރި މިވީ އެރައްޔިތުން ކަމަށް ޝެއިހް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.

ޝެއިހް ޒައިދު މިހެން ވިދާޅުވެފައި މިވަނީ އެމްޑީއެން އިން “ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރުނު ރިޕޯޓާއި ގުޅިގެން ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެބޭފުޅާގެ ހިޔާލު ޓުވިޓަރގައި ހާމަކޮށްފައި ވަނިކޮށެވެ.

"ރާއްޖޭގެ ރައްޔިތުން ޓުވިޓަރގައާއި ފޭސްބުކްގައި އެމްޑީއެން ބަންދު ކުރުމަށް ގޮވާލާއިރު ގައުމުގެ އެއްބާރުގެ ވެރިޔާއަށް ކުއްވެރިމިވީ އެރައްޔިތުން، ވަރަށް ހުތުރު" ކަމަށް ޝެއިހް ޒައިދު ޓުވިޓަރގައި ވިދާޅުވެފައި ވެއެވެ.

ރައީސް ނަޝީދު މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި އިސްލާމްދީނަށް ކުރެވޭ އެންމެ ބޮޑު ފުރައްސާރައަކީ ސިޔާސީ ފުރުޞަތު ހޯދުމަށް އިސްލާމްދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ކުރުން ކަމަށެވެ. އަދި އިސްލާމްދީނަކީ އެންމެ ފުރިހަމަ، އެންމެ މާތް އަދި އެންމެ ތަޙުޒީބީ ދީންކަމަށްވެސް ރައީސް ނަޝީދު މިޓްވީޓްގައިވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ މި ޓުވީޓަށް ރައްދު ދެއްވަމުން ޝެއިހް ޒައިދު އިތުރަށް ވިދާޅުވީ، ރައްޔިތުން އެދެނީ އެންމެ ދެކަމެއް ކަމަށާއި، ފުރަތަމަ ކަމަކީ އެމްޑީއެން ޖަމިއްޔާ އުވާލުން ކަމަށާއި އަދި “ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ރިޕޯޓް ލިޔުނު ފަރާތްތައް ރާއްޖޭގެ ގާނޫނާއި ހިލާފުވެފައިވާތީވެ އެފަރާތްތަކަށް ދައުވާ ކުރުމަށް ކަމަށެވެ.

އެމްޑީއެން ޖަމިއްޔާއިން “ޕްރިލިމިނަރ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް” ގެ ނަމުގައި ނެރެފައިވާ ރިޕޯޓުގައި ކީރިތި ރަސޫލާ (ސ.އ.ވ) އާއި ގުޅޭގޮތުން ދައްކައިފައިވާ ވާހަކަތަކާއި ގުޅިގެން ގިނަބައެއްގެ ފާޑުކިއުންވަނީ އެ ޖަމުއިއްޔާއަށް އަމާޒުވެފައެވެ. މިފާޑުކިޔުންތަކުގެ ސަބަބުން ރިޕޯޓް އިސްލާހުކުރުމަށްޓަކައި އެޖަމިއްޔާއިން މިހާރުވަނީ އެރިޕޯޓް އެޖަމިއްޔާގެ ވެބްސައިޓުން ނަގައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ