ދިވެހިރާއްޖޭގައި އިންސާނީ ޙައްގުތަކަށާއި، ޑިމޮކްރެސީ ޙިމާޔަތް ކުރަން ޙަރަކާތްތެރިވާ ޖަމްއިއްޔާ އެއް ކަމަށްވާ މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓް ތަހުޤީގު ކޮއްދެއްވުމަށާއި، ފިޔަވަޅު އަޅައިދިނުމަށް އަދާލަތު ޕާޓީން އެދިއްޖެއެވެ.
އެ ޕާޓީން ދާދި ދެންމެ ކުރެއްވި ޓްވީޓެއްގައި ބުނީ، އެމްޑީއެން އިން ނެރުނު ރިޕޯޓުގައި އިސްލާމް ދީނާއި، ރަސޫލާއަށް ފުރައްސާރަކޮށް އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފުވާހަކަ ދައްކައިފައިވާ މައްސަލަ ތަހުޤީޤުކޮއް ފިޔަވަޅު އެޅުމަށް އަދާތަލު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުން މިއަދު 13:00ގައި ފުލުހުންނަށް ހުށައަޅައިފިން ކަމަށެވެ.
އަދާލަތުން މިހެން ވިދާޅުވެފައި މިވަނީ، އެ ޖަމިއްޔާއިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާތީ ގިނަ ބަޔަކު އެ ޖަމްއިއްޔާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.
ސޯޝަލް މީޑިޔާގައި އެމްޑީއެން އާއި ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާ އަކީ “ތަކްފީރީ” އެއް ގޮތަށް ސިފަކޮށް މި ޒަމާނުގެ ހައްދުފަހަނަޅައި ދާ ފަރާތްތަކާއި އެއްފަދަ ކޮށްފައި ކަމަށެވެ.
އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ “ޚިޔާލީ ވާހަކައެއް”ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި ލިޔެފައިވާކަން ފާހަގަކުރެވެއެވެ.




