ސ. ފޭދޫގައި އަމިއްލަ ފަރާތްތަކުން އިމާރާތް ކޮށްފައިވާ މިސްކިތް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިސްކިތްތައް ބިނާކުރެއްވުމަކީ ﷲގެ ޙަޟުރަތުން މަތިވެރިވެގެންވާ ސަވާބާއި ދަރުމަ ލިބޭ ކަމެއް ކަމަށާއި، އަދި މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރަން ބޭނުން ކުރުމުގެ ބަދަލުގައި ޤުރުއާން ކުލާސްތައް ހިންގުމާއި ދީނީ ނަޞޭޙަތް ދިނުންފަދަ ކަންކަން ކުރުމަށްވެސް ބޭނުންކުރަންޖެހޭ ތަނެއްކަން މިނިސްޓަރުވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިމާމުން ތާޒާ ކުރުމުގެ ޕްރޮގްރާމެއް ނޮވެންބަރު މަހު ފެށުމަށް ރާއްވަވާފައިވާ ކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
މިމިސްކިތް ރަސްމީކޮށް މިއަދު ހުޅުވި ނަމަވެސް މިދިޔަ ރޯދަ މަހުން ފެށިގެން މި މިސްކިތް އާންމުން އަންނަނީ ބޭނުން ކުރަމުންނެވެ.



