ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ) ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.
ވައްޑޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައިވަނީ މިރޭ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ އަރިހުގައި މަސައްކަތްޕުޅު ކުރެއްވި ވައްޑޭވަނީ ޖުމްހޫރީ ޕާޓީއަށް ސޮއިކޮށް ޕާޓީގެ މެންބަރުޝިޕް ފޯމް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި ހަވާލު ކޮށްފައެވެ.
ވައްޑޭ ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފައި މިވަނީ ކުރީގެ މަޖިލީސް ގިނަ މެންބަރުންތަކެއް ޖުމްހޫރީ ޕާޓީއަށް ގުޅެމުންދާ ދަނޑިވަޅެއްގައެވެ. މިގޮތުން އެންމެ ފަހުން ޖުމްހޫރީ ޕާޓީއަށް ގުޅިފައިވަނީ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް ޕާޓީގެ ނައިބު ރައީސް އަދި ވެލިދޫ ދާއިރާގެ މެމްބަރު ޔާމީން ރަޝީދު އެވެ.
މިރޭގެ ޖަލްސާގައި ވައްޑޭވަނީ 300 މީހަކު ޖުމްހޫރީ ޕާޓީއަށް ސޮއިކޮށްފައިވާ ފޯމްތައްވެސް ގާސިމް އިބްރާހިމްއާއި ހަވާލުކޮށްފައެވެ. އަދި މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވައްޑޭ ވިދާޅުވީ ގާސިމް އިބްރާހިމަކީ ގައުމުގެ ވެރިކަން ކުރަން އެންމެ ރަނގަޅު ލީޑަރު ކަމަށެވެ.



