މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ

އިސްލާމްދީނަށް ފުރައްސާރަ ކުރުމާއި ދެކޮޅަށް މަޖިލީހަށް ކުއްލި މައްސަލައެއް

އިސްލާމްދީނަށް ފުރައްސާރަކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓާއި ގުޅިގެން ކުއްލި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު ޢަބްދުﷲ (މޮސްޓާ) އެވެ.

ވޯޓުގައި ބައިވެރިވި 55 މެމްބަރުންގެ އިއްތިފާގުން، މި ކުއްލި މައްސަލަ ވަނީ ރައްޔިތުންގެ މަޖިލީހަށް ބަލައިގަނެ ބަހުސް ކުރުމަށް ނިންމާފައެވެ.

އެމްޑީއެންގެ ރިޕޯޓާއި ގުޅިގެން މޮސްޓާގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ވެސް މިއަދު މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވިއެވެ. ނަމަވެސް މަޖިލީހުގެ އެއް މައްސަލައެއްގައި ދެ މެންބަރުން ކުއްލި މައްސަލަ ހުށަހަޅާފައިވުމާއި، އެއް ޖަލްސާއެއްގައި ދެ ކުއްލި މައްސަލައަށް ބަހުސް ނުކުރެވޭނެތީވެ، އާދަމް ޝަރީފް ވަނީ އޭނާ ހުށަހެޅުއްވި މައްސަލަ އަނބުރާ ގެންދަވާފައެވެ.

ކުއްލި މައްސަލަ ހުށަހަޅުއްވަމުން މޮސްޓާ ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައި، ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީން ކަމަށް ކަނޑައަޅައިފައިވާ އިރު "ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި މާތްﷲގެ ކުޅަދުންވަންތަކަމާ ސުންނަތާ، ޤުރްއާނުގައި ހުރި ވާހަކަތަކާ ދެކޮޅަށް ގިނަ ވާހަކަތަކެއް ލިޔެފައިވާ ކަމަށެވެ.

"އެގޮތުން ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަކަތަކެއް ކަމަށާއި ދީނުގެ އަގީދާއާއި އަސްލުތަކާ މުސްލިމުން ގަބޫލުކުރާ ކަންކަމަށް ހަޖޫ ޖަހާފައިވެއެވެ." ކުއްލި މައްސަލައިގައި ވެއެވެ.

މީގެ އިތުރުން ދޫރައްކާތެރިކޮށް، ތިމާއާ ނުބެހޭ ކަންކަމާ ނުބެހުމަށް ދީނުގައި އަންގަވާފައިވުމަކީ ޑިމޮކްރަސީގައި ލިބިދޭ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާ ހިލާފު ކަމެއް ކަމަށް ރިޕޯޓުގައި ބުނެފައިވާ ވާހަކަ ވެސް މޮސްޓާ ހުށަހެޅުއްވި ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެއެވެ.

މި ރިޕޯޓް ނެރެފައިވަނީ 2015 ވަނަ އަހަރު ކަމަށް، ރިޔާސަތުގައި ހުންނެވި މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ވިދާޅުވި ވިދާޅުވުމަށް އިޝާރާތްކުރައްވާ މޮސްޓާ ވިދާޅުވީ، މިއީ ކޮން އަހަރަކު، ކޮން ސަރުކާރެއްގައި އާންމު ކުރި ރިޕޯޓެއްތޯ ބެލުން މުހިންމު ނޫން ކަމަށެވެ.

އެމްޑީއެން އިން 2015 ވަނަ އަހަރު އާންމު ކޮށްފައި ވަނީ ކުރު ރިޕޯޓެއް ކަމަށާއި، 100 އަށްވުރެ ގިނަ ސަފްހާގެ ރިޕޯޓު އާންމުކުރީ 2018 ގެ ރިޔާސީ އިންތިހާބަށް ފަހު ކަމަށް މޮސްޓާ ވިދާޅުވިއެވެ.

އިސްލާމްދީނަށް ފުރައްސާރަކޮށް އެމްޑީއެން އިން ނެރުނު ބަޔާނާއި ގުޅިގެން ގިނަ ބަޔަކު އެކަން ކުށްވެރިކޮށް ވާހަކަދައްކަމުން އަންނައިރު، އެ ޖަމްއިއްޔާ އުވާލުމަށްވެސް ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. އަދި އެ މައްސަލަ ފުލުހުން ބަލަމުންދާއިރު، އެ މައްސަލަ ބަލާ ފިޔަވަޅު އަޅުއްވާނެކަމަށް ޖަމްއިއްޔާތަކުގެ ބެލެނިވެރިފަރާތް ކަމަށްވާ، ޔޫތް މިނިސްޓްރީން ވަނީ ބުނެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ