އެމްޑީއެންގެ ރިޕޯޓް ބަލައެއް ނުގަނެވޭ ކަމަށާއި އެފަރާތްތަކާއި މެދު ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އިސްލާމްދީނުގެ ބައެއް އަސްލުތަކަށާއި މާތް ނަބިއްޔާ އަށް ބަދުބަސްބުނެ އެމްޑީއެން އިން ވެރެފައިވާ ރިޕޯޓްގެ މައްސަލަ ހޫނު ވެފައިވަނިކޮށް ރައީސުލް ޖުމްހޫރިއްޔާ މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ މާތްވެގެންވާ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައި ވެރިކަން ހިންގައި، އެދީން ހިމާޔަތް ކުރުމަކީ، ދިވެހިރާއްޖޭގެ އެންމެ މަތީ ވެރިޔާއާ ޤާނޫނު އަސާސީން މަތިކޮށްފައިވާ ޒިންމާއެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގައި، ދިވެހި ދަޢުލަތުގެ ދީނަކީ އިސްލާމްދީންކަމުގައިއާއި، އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރުކަމުގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ މި މަތިވެރި ޒިންމާ އަދާކުރުންމަތީ ދެމިހުރުން ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް އިން 2015 ވަނަ އަހަރު "ޕްރިލިމިނަރީ އެސެސްމަންޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ޝާއިރުކޮށްފައިވާ ރިޕޯޓްގައި އިސްލާމު ދީނުގެ އަސްލުތަކާއި ފުށުއަރާ އަދި އިސްލާމްދީނަށާއި، ކީތިރި ރަސޫލާ صلى الله عليه وسلم އަށް ތަވްހީނުވާފަދަ ބައެއް ވާހަކަތައް ހިމަނާފައިވުމަކީ، ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި ވަނީ ވިދާޅުވެފައެވެ. އަދި މި މައްސަލަ ބަލައި، ދިވެހި މުޖުތަމަޢުގައި ޤާއިމްވެފައި މިއޮތް ހަމަޖެހުމާއި، ދީނީ އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް، އަޅާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ދީނީ ޝިއާރު ފާޅުކުރުމުގައާއި، ޤާނޫނު އަސާސީ ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކުގެ ބޭނުން ހިފުމުގައި، މުޅި މުޖުތަމަޢުގެ މަސްލަހަތު އިސްކޮށް، އިސްލާމް ދީނުގެ މަތިވެރި އަސާސްތަކާއި ޚިލާފު ނުވުމަށް އެންމެހައި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސް ކުރައްވާފައެވެ.



