150 ކިލޯގެ މަސްތުވާތަކެތި މައްސަލަގާއި ރާއްޖޭގެ މަސްދޯންޏެއްވެސް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އިއްޔެ ރޭ 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތް މައްސަލާގައި، ރާއްޖޭގެ މަސްދޯންޏެއްވެސް ހިފަހައްޓައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އިއްޔެ ރޭ ހިފެހެއްޓި ބޭރުގެ ބޯޓެއް ކަމަށާއި އެ ބޭރުގެ ބޯޓުން މަސްތުވާތަކެތި ނެގުމަށްޓަކައި ރާއްޖޭގެ އުޅަނދެއް ވެސް ހަރަކާތްތެރިވާކަމުގެ މަޢުލޫމާތު ލިބުނު ކަމަށާއި، އެހެންވެ ކޯސްޓްގާޑާއި ޕޮލިހުން ހިންގި އޮޕަރޭޝަންގައި، ބޭރުގެ ބޯޓާއި، ރާއްޖޭގެ ދޯންޏެއް އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
އެސަރަހައްދުން އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ "ހެދޭކުރި -7" ނަމަކަށް ކިޔާ މަސްވެރިކަންކުރާ ދޯންޏެއް ކަމަށް އެމްއެންޑީއެފް މައުލޫމާތުދެއެވެ.
ރޭ ހިފެހެއްޓި ބޭރުގެ ބޯޓު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެވިފައިވަނީ ހއ.ތުރާކުނުގެ ހުޅަނގުއުތުރުން ގާތްގަނޑަކަށް 172 މޭލު (27.5 ނޯޓިކަލް މޭލު) ބޭރުން، ރާއްޖޭގެ ޚާއްޞަ އިޤްދިޞާދީ ކަނޑުގެ ސަރަޙައްދުންނެވެ. މި ބޯޓު ރާއްޖެއާ ކައިރި ސަރަހައްދެއްގައި މަސްތުވާތަކެތި ހިފައިގެން އުޅޭކަމުގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑާ ހިއްސާކޮށްފައިވަނީ އިންޑިއަން ކޯސްޓްގާޑުން، 2019 އޮކްޓޯބަރ 01 ވަނަ ދުވަހުއެވެ.
މި އުޅަނދު މާލެ ގެނައުމަށް އެމްއެންޑީއެފް ކޯސްޓްގާޑާއި މޯލްޑިވްސް ޕޮލިސް ސާރވިސް ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.
ބޭރުގެ މި އުޅަނދަކީ ކޮން ގައުމަކަށް ނިސްބަތްވާ އުޅަނދެއްކަން އަންގައިދޭ ލިޔެކިޔުމެއް އަދި ފެނިފައި ނުވާއިރު، މި އުޅަނދުގައި ގިނަ އަދަދެއްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ބަންދުކޮށްފައިވާ ސާމާނު ފެނިފައިވެއެވެ. އަދި، މި އުޅަނދުގެ މައްސަލަ ތަހުޤީޤުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޮލިސް ސާރވިސްއިން ދަނީ ކުރަމުންނެވެ.
އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލެމުގެ ދަށަށް ގެނެވުނު ބޯޓަކީ، އީރާނުގެ ދިދަ ނަގައިގެން ދުއްވަމުން ދިޔަ ބޯޓެކެވެ. މި ބޯޓު އަތުލައިގަތްއިރު، އެ ބޯޓްގައި ހަ ފަޅުވެރިން ތިއްބެވެ. އަދި، ރާއްޖޭގެ އުޅަނދުގައި ދެ ދިވެހިންނާއި ދެ ބިދޭސީން ތިއްބެވެ.




