ޓޮޓޭންހާމް އަދި ފްރާންސްގެ ކެޕްޓަން ހޫގޯ ލޮރީސްއަށް އަނިޔާވެ ގިނަ ދުވަސްތަކަކަށް ކުޅުމާއި ދުރުގައި ހުންނަންޖެހިއްޖެއެވެ.
ހޮނިހިރު ދުވަހު ބްރައިޓަންއާއި ދެކޮޅަށް ޓޮޓޭންހާމް ކުޅުނު މެޗުގައި އޭރިއާތެރެއަށް ނަގައިދިން ހުރަހެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ވެއްޓި ކީޕަރު ލޯރިސްގެ ވައަތަށް ލިބުނު އަނިޔާއަކާއި ގުޅިގެން އޭނާއަށް މިއަހަރު ތެރޭ އެނބުރި ކުޅުމަށް ނާދެވޭނެކަމަށް ޓޮޓޭންހާމްއިންވަނީ ބުނެފައެވެ.
"ކެޕްޓަން ލޮރީސްގެ ލިގަމަންޓަށްވަނީ އަނިޔާވެފައި، ނަމަވެސް ސާޖަރީއެއް ބޭނުމެއްނުވޭ. މިއަހަރު ނިމުމުގެ ކުރިން ކުޅުމަށް އާދެވޭނެހެނެއް ހިއެއްނުވޭ." ޓޮޓޭންހާމްއިން ނެރުނު ބަރާނެއްގައިވެއެވެ.
ހޮނިހިރު ދުވަހު ބްރައިޓަން އަތުން 3-0 ގެ ނަތިޖާއަކުން ބަލިވެ ޓޮޓޭންހާމްއަށް ނުތަނަވަސްކަން ވެރިފައިވާއިރު، ކެޕްޓަން ލޮރީސްގެ މިޚަބަރާއެކު އެކްލަބަށް އިތުރު ހާސްކަންވަނީ ކުރިމަތިވެފައެވެ.
ޕްރިމިއާ ލީގުގައާއި ޗެމްޕިއަންސް ލީގުގައި ޓޮޓޭންހާމްއަށް މިއަހަރު އަދި ބާކީ ވަރުގަދަ މެޗުތަކެއް އޮތްއިރު، ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު 8 މެޗުން ލިބުނު 11 ޕޮއިންޓާއެކު އެކްލަބު އޮތީ ތާވަލްގެ 9 ވަނާގައެވެ. އަދި ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ދެމެޗުންވެސް މޮޅެއް ލިބިފައިނުވާއިރު، ޓޮޓޭންހާމް އޮތީ ގްރޫޕް ބީ ގެ ތިންވަނާގައެވެ.



