ޑެ ލީޓް އަންނަނީ އިޓަލީގެ ފުޓްބޯޅަ ދަސްކުރަމުން: ކޯމަން

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އިޓަލީގެ ޔުވެންޓަސްއަށް ބަދަލުވި ނެދަލެންޑްގެ ޒުވާން ޑިފެންޑަރު މެތިއަސް ޑެ ލީޓް އަންނަނީ އެޤައުމުގެ ފުޓުބޯޅަ ދަސްކުރަމުންކަމަށް ނެދަލެންޑްގެ ކޯޗު ރޮނާލްޑް ކޯމަން ބުނެފިއެވެ.

ނެދަލެންޑް އަޔޭކްސްގައި ވަރަށް ފުރިހަމަ ސީޒަނެއް ހޭދަކުރުމަށްފަހު ޑެ ލީޓް ޔުވެންޓަސްއަށް ބަދަލުވީ 75 މިލިއަން ޔޫރޯގެ އެއްބަސްވުމެއްގެ ދަށުންނެވެ.

އޮގަސްޓްމަހުގެ ފަހު ދުވަހު ނަޕޯލީ އަތުން ޔުވެންޓަސް މޮޅުވި މެޗުގައި ފުރަތަމަ ފަހަރަށް ޔުވެންޓަސްގެ ޖާޒީގައި ކުޅެންނުކުމެ ޑެ ލީޓްވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އަދި އޭގެފަހުން ޑިފެންޑަރު ބޮނޯޗީއާއި ދެމެދު ދަނޑުމަތީ ރަނގަޅު ގުޅުމެއް އުފައްދަމުން އަންނަކަންވެސް ފާހަގަވެއެވެ.

ކޯމަން ދެކޭގޮތުގައި ޔުވެންޓަސްއިން ޑިފެންސްކުރާ ސްޓައިލަށް އުމުރުން 20 އަހަރުގެ ޑެ ލީޓް ހޭނެން ޖެހެއެވެ. ސަބަބަކީ އަޔޭކްސްއާއި ޔުވެންޓަސްގެ ކުޅުމަކީ މުޅިން ތަފާތު ސްޓައިލެއްގެ ކުޅުމަކަށް ވީމައެވެ.

"ޔުވެންޓަސްގެ ކުޅުމަށް ޑެ ލީޓް ހޭނޭނެ. މިހާރުވެސް އެމަންޒަރު އަންނަނީ ފެންނަމުން. އަހަރެން ދެކޭގޮތުގައި ޑެ ލީޓަށް ޔުވެންޓަސްގަވެސް އަދި ނެދަލެންޑްގެ ޤައުމީ ޓީމުގައިވެސް ވަރަށް ކުރިއަށްދެވޭނެ." ކޯމަން ބުންޏެވެ.

ޔޫރޯ 2020 އަށް ޤައުމީ ޓީމު ގެންދިއުމަށް ޑެ ލީޓް ނެދަލެންޑާއެކު މިހާރު މަސައްކަތްކުރަމުންދާއިރު، އަންނަ ބުރާސްފަތި ދުވަހުގެ ރޭ ނެދަލޭންޑް ނުކުންނާނީ ނޯދާން އަޔަރލެންޑާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ