ޤާނޫނާއި ޚިލާފުވާ މަސް އުޅަނދު ފަހަރަށް ފިޔަވަޅު އަޅާނަން - ފިޝަރީޒް މިނިސްޓްރީ

ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު އަމަލުތައް ނުހިންގުމަށާއި އެފަދަ އަމަލުތައް ހިންގާ އުޅަނދުފަހަރަށް މަސްވެރިކަންކުރުމުގެ ގާނޫނުގެ ދަށުން ފިޔަވަޅު އަޅާނެ ކަމުގައި ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، ދޫކޮށްލާފައިވާތީވެ އެކަމަށް ޝުކުރުއަދާކޮށް އެމިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެހެން ގައުމެއްގެ ކަނޑުގެ ސަރަޙައްދުގައި ގަވާޢިދާ ޚިލާފަށް ޙަރަކާތްތެރިވުމަކީ މުޅި ދިވެހިރާއްޖޭގެ މަސްވެރިކަމަށް އެކަމުން ބޮޑު އަސަރެއް ކޮށްފާނެކަމެއްކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ މަސްވެރިކަމާއިމެދު މަސް ގަންނަ ފަރާތްތަކުގެ މެދުގައި އޮތް ތަސައްވުރު ކިލަނބުވެ، އަދި އޭގެ އިތުރުން އުޅަނދުގެ ވެރިފަރާތަށް ބޮޑެތި މާލީ ގެއްލުންތަކެއް ކުރިމަތިވެދާނެކަމެއްކަމަށެވެ.

އެހެންކަމުން، ދިވެހި މަސްވެރި އުޅަނދުފަހަރު ޤާނޫނާއި، ގަވާއިދާ ޚިލާފު މިފަދަ އަމަލުތައް ނުހިންގުމަށް އަދި މިފަދަ ކަންކަމާއިމެދު އިތުރަށް ސަމާލުވުމަށް އެ މިނިސްޓްރީއިން ވަނީ އިލްތިމާސްކުރައްވާފައެވެ.

އިންޑިއާގެ ކަނޑުގެ ސަރަޙައްދުގައި ޙަރަކާތްތެރިވަމުންދަނިކޮށް އިންޑިއާގެ ނޭވީއިން ހިފެހެއްޓި [އަންބަރީ] ދޯނި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި އިންޑިއާގެ މިނިސްޓްރީ އޮފް އެކްސްޓަރނަލް އެފެއާޒް އާއިއެކު ކުރެވުނު މަޝްވަރާތަކަށްފަހު ދޫކޮށްލާފައިވާތީވެ އެކަމަށް ފިޝަރީޒް މިނިސްޓްރީން ވަނީ މަރުޙަބާ އާއި ޝުކުރު ދަންނަވައިފައެވެ.

މަސްވެރިކަން ނުވަތަ މަސްވެރިކަމުގެ ޙަރަކާތެއް ހިންގުމަށް ހުއްދަ ދީފައިވާ ސަރަޙައްދުން ބޭރުގައި، އަދި އެސަރަޙައްދެއް ނިސްބަތްވާ އައްސޭރިފަށުގެ ގައުމުގެ ހުއްދަ ނުހޯދައި ޙަރަކާތްތެރިވުމަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ލޯ އޮފް ދަ ސީ (އަންކްލޮސް) އާއި އަދި އިންޑިއާ ކަނޑުގެ، ކަނޑު މަހުގެ މަސްވެރިކަން ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ، އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ)ގެ ގަވާޢިދުތަކާއި ޚިލާފު އަމަލެކެވެ.

މިފަދަ ގޮތަކަށް ޙަރަކާތްތެރިވަމުންދަނިކޮށް ހިފެހެއްޓޭ އުޅަނދުފަހަރުތަކުގެ ތަޙުގީގު މަރުހަލާއަކީ ދިގު މަރުހަލާއެކެވެ. އަދި މިމަރުހަލާ ނިމުމަށްފަހު ބޮޑެތި އަދަދުތަކުން މިފަދަ އުޅަނދުފަހަރު ޖޫރިމަނާކުރުމަކީ އާއްމުކަމެކެވެ. އެހެންނަމަވެސް، [އަންބަރީ] އުޅަނދުގެ ތަހުގީގު ކުރުމުއްދަތެއްގެ ތެރޭގައި ނިންމައި، އެއުޅަނދު ދިވެހިރާއްޖެއަށް އަނބުރާ އައުމަށް ދޫކޮށްލާފައިވާތީވެ، އިންޑިއާގެ ކަމާބެހޭ ފަރާތްތަކުންނާއި، އިންޑިއާގައި ޤާއިމުކޮށްފައިވާ ދިވެހިރާއްޖޭގެ އެމްބަސީ އަދި ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގެ ފަރާތުންނާއި، އެމްބަސެޑަރ ސަންޖޭ ސުދީރު ކޮށްދެއްވާފައިވާ މަސައްކަތްތަކަށް ފިޝަރީޒް މިނިސްޓްރީން ވަނީ ޝުކުރު ދަންނަވާފައެވެ

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ