ރާއްޖޭގެ މޫސުން އިތުރަށް ގޯސްވެ، މެދު ރާއްޖެ ތެރޭގެ ހިސާބުތަކަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް އޮފީސް) އިން ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ، ބ. އަތޮޅުން ފެށިގެން ލ. އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު މެންދުރުފަހު 16:30 އިން މިރޭ 21:30 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ބ. އަތޮޅާއި ލ. އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
White Alert for Heavy rain pic.twitter.com/uyM8MahWj2
— Maldives Meteorology (@MetMaldives) October 8, 2019
މެދު ރާއްޖެ ތެރޭގެ މޫސުން ގޯސް ނަމަވެސް، އެންމެ ދެކުނުގެ މޫސުން ރަނގަޅު ވާނެ ކަމަށް މެޓް އޮފީހުން ބުނެ އެވެ. އަދި އުތުރުގެ ބައެއް ރަށްތަކަށް ވެސް ބޯކޮށް ވާރޭ ވެހުން އެކަށީގެންވެ އެވެ.
ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު ފަސް މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށް ވެސް މެޓް އޮފީހުން ވަނީ ބުނެފަ އެވެ.



