ހަކަތައިގެ އަގު ބޮޑުވުމާއި ގުޅިގެން އިކުއަޑޯގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން އެގައުމުގެ ވެރިކަންކުރާ ރަށް ވަގުތީގޮތުން ބަދަލުކޮށްފިއެވެ.
އެގޮތުން އިކުއަޑޯގެ ސަރުކާރުން އެގައުމުގެ ވެރިކަންކުރާ ރަށުގެ ގޮތުގައި މިހާރު ކަނޑައަޅައިފައިވަނީ އެގައުމުގެ ބަނދަރުމަތީ ސިޓީއެއް ކަމަށްވާ ގުއަކީލް އެވެ.
އިކުއަޑޯގައި މުޒާހަރާތައް ފެށިގެން ގޮސްފައިވަނީ އެގައުމުގައި ދެމުންދިޔަ ހަކަތައިގެ ސަބުސިޑީ މިދިޔަ ހަފްތާގައި ކަނޑާލުމާއި ގުޅިގެންނެވެ. ސަބުސިޑީ ކަނޑާލުމާއި ގުޅިގެން ތެލޮގެ އަގުތައްވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ.
ތެލޮގެ އަގުތައް އުފުލުމާއި ގުޅިގެން މިހާރު ކުރަމުންދާ މުޒާހަރާތަކަކީ މިފަހުގެ އަހަރުތަކުގައި އިކުއަޑޯގައި ބޭއްވޭ އެންމެ ބޮޑެތި މުޒާހަރާތަކެވެ. އިކުއަޑޯގެ ރައީސް ލެނިން މަރީނޯ ވިދާޅުވެފައިވަނީ މިމުޒާހަރާތަކަކީ އިދިކޮޅު ފަރާތްތަކުން އަޑީގައި ތިބެ ސަރުކާރު ވައްޓާލުމަށް ކުރަމުންދާ މުޒާހަރާތަކެއް ކަމުގައެވެ.
މުޒާހަރާތްކުރާ ފަރާތްތަކުންދަނީ މަގުތައް ބަންދުކޮށް ސަރުކާރު އިމާރާތްތަކަށްވެސް ގެއްލުންތައް ދެމުންނެވެ. މިމުޒާހަރާތަކާއި ގުޅިގެން މިހާތަނަށް އެތައް ބަޔަކު ހައްޔަރުކޮށްފައި ވީނަމަވެސް މުޒާހަރާތަކަށް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.



