އިންކަމް ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުން ކަމުގައި ހަމަޖައްސަން ސަރުކާރުން ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ..
ފިނޭންސް މިނިސްޓްރީގެ ޓެކްސް ޕޮލިސީ ކޮންސަލްޓެންޓް އަރުޝަދު ޖަމީލް ވިދާޅުވީ، އަންނަ އަހަރު ތެރޭގައި އިންކަމް ޓެކްސް ނަގާނެ ކަމަށާއި އާމްދަނީގެ އަދަދު ކަނޑައެޅީ ވަރަށް ގިނަ ކަންކަމަށް ބަލާފައި ކަމަށެވެ.
މިހާރު ކަނޑައަޅާ ގޮތަށް އިންކަމް ޓެކްސް ނަގާ ނަމަ އަހަރެއްގެ މައްޗަށް 680 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ލަފާކުރެއެވެ. އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ވެސް އިންކަމް ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް 600 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
އަރުޝަދު ވިދާޅުވީ މާލޭގައި ގެ ކުއްޔަށް ހިފައިގެން ދިރިއުޅޭ ގޭބިސީއެއްގެ ހަރަދު އެވްރެޖުކޮށް މަހަކު 41،570ރ. އަށް އަރާ ކަމަށެވެ. މިއީ ގާތްގަނޑަކަށް ފަސް ވަރަކަށް މީހުން ދިރިއުޅޭ ގެއެއްގެ ތިން މީހަކަށް ލިބޭ އާމްދަނީ އެވެ. އެހެންވެ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުން ކަނޑައެޅުމުގައި ދިރިއުޅުމުގެ ފެންވަރާއި ކުރާ ހަރަދުތަކަށް ބަލާފައި ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަލަށް ކަނޑައަޅާ އިންކަމް ޓެކްސް ދައްކަން ޖެހޭ މީހުންގެ އަދަދު 6،000 އަށް އަރާނެ ކަމަށް ބެލެވެ އެވެ. ރާއްޖޭގައި އިންކަމް ޓެކްސް ނަގަން ނިންމަނީ ޕްރޮގްރެސިވް ޓެކްސްގެ އުސޫލުންނެވެ. އެއީ ލިބޭ އާމްދަނީ އިތުރުވި ވަރަކަށް ޓެކްސް ދައްކާ ޕަސެންޓޭޖް މަތިވާ ނިޒާމެކެވެ.
ފްލެޓް އިންކަމް ޓެކްސް ނިޒާމާއި ޕްރޮގްރެސިވް އިންކަމް ޓެކްސް ނިޒާމާއި ޑުއެލް އިންކަމް ޓެކްސް ނިޒާމަކީ އާންމު ގޮތެއްގައި ގައުމުތަކަކުން އިންކަމް ޓެކްސް ނަގާ އުސޫލެވެ. މީގެ ތެރެއިން އައިއެމްއެފުން ސަރުކާރަށް ލަފާދިނީ ޑުއެލް އިންކަމް ޓެކްސް ނިޒާމަކަށް ދިޔުމަށެވެ. މިއީ، އެމީހަކަށް ލިބޭ އާމްދަނީގެ ގޮތްތަކަށް ބަލައި، ދެ އުސޫލަކުން ޓެކްސް ނަގާ ނިޒާމެކެވެ. މި ނިޒާމުގައި ލިބޭ ވަކި އާމްދަނީއަކަށް ފްލެޓް އިންކަމް ޓެކްސް އުސޫލުން ޓެކްސް ދައްކަން ޖެހޭ އިރު ހޯދާ ބައެއް އާމްދަނީތަކުން ޓެކްސް ނަގާނީ ޕްރޮގްރެސިވް އުސޫލުންނެވެ.
"އާމްދަނީގެ ފަރަގު ކުޑަކުރުމުގެ ގޮތުން ޕްރޮގްރެސިވް ޓެކްސް ނިޒާމެއް ގެންނަން ނިންމީ. ފްލެޓް ޓެކްސް ނިޒާމަކަށް ވުރެ އުނދަގޫވެދާނެ، ދެތިން ހަތަރު ބްރެކެޓް [ރޭޓް] ތައް އުޅޭތީ. އެކަމަކު ވެސް ވީހާ ވެސް ބްރެކެޓް ކުޑަކޮށް، ބްރެކެޓްގެ އަދަދުތައް މަތިކުރަން. އަދި އާމްދަނީ ޕްރޮގްރެސިވް ވާ ވަރަކަށް ބްރެކެޓްތައް ބެހެއްޓުން،" އަރުޝަދު ވިދާޅުވިއެވެ.
އިންކަމް ޓެކްސް ދައްކަން ޖެހޭނެ ކަމަށް ލަފާކުރެވޭ މީހުންގެ އަދަދު
- 40،000ރ. އާއި 60،000ރ. އާ ދެމެދުގެ އާމްދަނީ: 2،621 މީހުން
- 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ: 2،285 މީހުން
- 100،000ރ. އަށް ވުރެ ބޮޑު އާމްދަނީ: 960 މީހުން
މީގެ ތެރެއިން 40،000ރ. އާއި 60،000ރ. ގެ އާމްދަނީ ލިބޭ މީހުން އިންކަމް ޓެކްސްއަށް އަށް ޕަސެންޓް ދައްކަން ޖެހެ އެވެ. އަދި 60،000ރ. އާއި 100،000 އާ ދެމެދުގެ އާމްދަނީއެއް ލިބޭ ނަމަ 10 ޕަސެންޓް ދައްކަން ޖެހޭ އިރު 100،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އިންކަމް ޓެކްސް ރޭޓަކީ 15 ޕަސެންޓެވެ.



