ރާއްޖެއަށް ވިޔަފާރީގެ ފަހި ފުރުސަތުތައް ހޯދައިދިނުމަށް އިކޮނޮމިކް މިނިސްޓްރީން ޔޫރަޕިއަން ޔޫނިއަންއާއެކު މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއީ ޔޫރަޕިއަން ޔޫނިއަންއާއެކު މިފަދަ ގޮތަކަށް ރާއްޖެއިން ބާއްވާ ފުރަތަމަ ބައްދަލުވުމެވެ.
މި ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢިލްއާއި ޕްލޭނިންގް މިނިސްޓަރ މުޙައްމަދު އަސްލަމްގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޓުންގް ލައި މާރގް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
މިނިސްޓަރ ފައްޔާޟް އިސްމާޢިލް ވިދާޅުވީ މި ބައްދަލުވުމަކީ ރާއްޖެއަށް އިންވެސްޓްމަންޓް ފުރުސަތުތައް ހޯދައިދިނުމަށްޓަކައި ސަރުކާރުން ޕޮލިސީ ލެވެލްގައި ގެނެވޭނެ ބަދަލުތައް ދެނެގަތުމަށް ރަނގަޅު ފުރުސަތަކަށް ވާނެކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ވަނީ ރާއްޖޭގެ ކުރިއެރުމަށް ޔޫރަޕްގެ ޤައުމުތަކުން މުހިއްމު ދައުރެއް އަދާކުރައްވާކަމަށް ވިދާޅުވެފައެވެ. ވަކީން ޚާއްސަކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ޔޫރަޕިއަން ޔޫނިއަންގެ ޙިއްސާ ބޮޑުކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން މިނިސްޓަރ ވަނީ ބޭރު ޤައުމުތަކަށް މަސް އެކްސްޕޯޓްކުރުމުގައި ރާއްޖެއަށް ދަތިތަކެއް ކުރިމަތިވާކަމަށް ފާހަގަކުރައްވާފައެވެ. މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މައިގަނޑުގޮތެއްގައި މަސް އެކްސްޕޯޓުކުރަނީ ޔޫރަޕިއަން ޔޫނިއަންގެ ޤައުމުތަކަށްކަމަށާއި އުއްމީދަކީ މިބައްދަލުވުންތަކާއެކު ބޭރުގެ ޤައުމުތަކަށް އެކްސްޕޯޓުކުރާ މަހުގެ އަދަދު ކުރިޔަށްއޮތް ތާނގައި އިތުރުވުން ކަމަށެވެ.



