އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް - ޑރ ޖަމީލް

އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިއީ 100 ޕަސެންޓް މުސްލިމް ޤައުމެއް ކަމަށާއި، އެމްޑީއެންގެ ރިޕޯޓަކީ ސަލްމާން ރުޝްދީ ފޮތާ އެއްވަރުގެ އެއްޗެއް ކަމަށެވެ.

މި ރިޕޯޓާއި މެދު ފިޔަވަޅު އެޅުމަށްވަނީ ރިޕޯޓުގެ ފަހަތުގައި ތިބި މީހުން ކަމަށާއި ރައީސް އޮފީހާއި ދައުލަތުގެ މަޤާމުތަކުން ވަކިކޮށް، ހައްޔަރުކުރަންޖެހޭ މީހުން މުޖްތަމައުގެ ސަލާމަތަށް ހައްޔަރުކުރަންޖެހޭ ކަމަށް ޖަމީލު ވިދާޅުވިއެވެ.

ޖަމީލު އިތުރަށް ވިދާޅުވީ، ޤާނޫނު ތަންފީޒުކުރުމަކީ، ޤާނޫނު އަސާސީގެ 115ވަނަ މާއްދާގެ (ހ) އިން ރައިސުލްޖުމްހޫރިއްޔާ އަށް ލާޒިމްކޮށްފައިވާ ކަމެއް ކަމަށާއި، ރިޕޯޓުގައި ހުރިކަންކަމަށް ރިޢާޔަތްކޮށް، އެ ނޫން ގޮތަކަށް ޢަމަލުކޮށްފިނަމަ، މުޖްރިމުންނަށް ހިތްވަރު ލިބިގެންދާނެ ކަމަށެވެ.

އިސްލާމްދީނާއި މާތް ރަސޫލާ އަށް ފުރައްސާރަކޮށްފައި ހުރި ވާހަކަތަކާ އެކު އެމްޑީއޭ އިން އިން ނެރުނު ރިޕޯޓާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވައި ޖަމީލް ޗެނަލް 13 ގައި ވިދާޅުވީ އެ ރިޕޯޓާ ހެދި ސަރުކާރަށް ކުރިމަތިވާ ޕްރެޝަރުތަކުގެ ދިފާއުގައި މިނިސްޓަރަކު ނޫސް ބަޔާނެއް ނެރުއްވުމަކުން ނުވަތަ ތަހުގީގު ކުރިއަށް އެބަގެންދަމޭ ވިދާޅުވެ ނިންމާލުމަށް ވުރެން މައްސަލަ ސީރިއަސް ކަމަށެވެ.

"އަޅުގަނޑަށް ހަމަ ކެރިގެން ބުނަން ކެރޭ، މިދެންނެވި ރިޕޯޓާއި ދެން ހުރި ކަންކަމަކީ މަޑުމަޑުން ރައްޔިތުން ކަމަކަށް ހޭނުވަން، ނުވަތަ ސްކޫލްތަކުގެ ދަރިވަރުންގެ ވިސްނުން އެހެން ދިމާލަކަށް ބަދަލުކޮށްލަން ބަޔަކު ހަމަ ފަންޑްކޮށްގެން ކުރާ މަސައްކަތްތަކެކޭ،" ޖަމީލް ވިދާޅުވި އެވެ.

"ޕްރިލިމިނަރީ އެސްސެމެންޓް އޮން ރެޑިކަލައިޒެޝަން އިން ދަ މޯލްޑިވްސް"ގެ ނަމުގައި އެމްޑީއެން އިން ނެރުނު ރިޕޯޓުގައި، އިސްލާމްދީނާ ދެކޮޅު ވާހަކަތަކެއް ލިޔެފައިވެ އެވެ.

އެގޮތުން، ރާއްޖޭގެ ތައުލީމީ ނިޒާމުގައި ކިޔަވައިދޭ ފޮތްތަކުގައި ހަރުކަށި ވިސްނުމަށް ބާރުއަޅާ ވާހަކަ ހުރި ކަމަށް ބުނެ، ކީރިތި ގުރުއާނުގެ ނައްސުން އައިސްފައިވާ ބައެެއް ކަންތައްތަކާއި ހަދީސްތަކުގައިވާ ބައެއް ކަންކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. ގުރުއާނުުގެ ނައްސުން އައިސްފައިވާ ކަންތައްތަކާ ދެކޮޅަށް ލިޔެފައިވާ އެއް ވާހަކަ އަކީ ރަސޫލާގެ އިސްރާ އާއި މިއުރާޖްގެ ދަތުރުފުޅަކީ ސައިންޓިފިކް ގޮތުން ގަބޫލު ނުކުރެވޭނެ ވާހަަކައެއް ކަމަށް ބުނެފައި ވުމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ