މޯލްޑިވްސް ބްރޯޑްކާސްޓް ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
އެމްބީސީގެ ދެވަނަ ދަޢުރުގެ ރައީސްކަމުގެ މަގާމަށް މުޙައްމަދު ޝަހީބު އިންތިޚާބުކޮށްފައި ވަނީ 5 އޭޕްރީލް 2016 ގައެވެ.
ޝަހީބު ވަނީ އެމްބީސީގެ ފުރަތަމަ ދައުރުގެ ނައިބު ރައީސްކަމާއި ކޮމިޝަންގެ ރައީސް ކަމުގެ މަޤާމު ވެސް ފުރުއްވާފައެވެ. އެ ކޮމިޝަންގެ ފުރަތަމަ ރައީސް ބަދުރުއްނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، ފުރަތަމަ ދަޢުރުގައި އެ ކޮމިޝަންގެ ރައީސްކަމުގެ މަގާމަށް 21 ނޮވެންބަރު 2012 ގައި މުހައްމަދު ޝަހީބު ވަނީ އިންތިޚާބުކޮށްފައެވެ.
މި ނޫހައް މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެމްބީސީގެ ރައީސް ޝަހީބާއި އެ ކޮމިޝަންގެ ނައިބުރައީސާ ފާތިމަތު ޒައިނާ އެ މަޤާމުން ދުރުކުރުމުގެ މަސައްކަތް މިއަދުގެ މަޖިލީހުގައި ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި އެންމެ އުސް ހަރުފަތްތައް ގިރާކުރައްވައިފައިވާ މުޙައްމަދު ޝަހީބު މީޑިއާގެ ދާއިރާއާ ގުޅިވަޑައިގެންފައިވަނީ 1989 ގައި، ހަވީރު ނޫހުގެ ކޮލޮމްބޯ ސްޕެޝަލް ކޮރެސްޕޮންޑެންޓުގެ ގޮތުގަ އެވެ. އޭގެ ފަހުން “ހަވީރު އޮންލައިން” ގެ އެޑިޓަރުގެ މަޤާމާއި، “ހަވީރު” މެނޭޖްމަންޓުން ނެރުނު “ހުވާސް” މަޖައްލާގެ އެޑިޓަރުގެ މަޤާމުގެ އިތުރުން “ހަވީރު”ގެ އެސޯސިއޭޓް އެޑިޓަރުގެ މަޤާމް ވެސް ޝަހީބު އަދާކުރައްވާފައިވެ އެވެ.
ފެބްރުއަރީ 2009 ގައި “ހަވީރު”ން ވަކިވެވަޑައިގެން، ސްޓޭޝަން އިންޗާޖުގެ ގޮތުގައި އޭނާ ގުޅިވަޑައިގަތީ، އަލަށް އުފެދުނު ޕްރައިވެޓް ބްރޯޑްކާސްޓަރެއް ކަމަށްވާ ސަން އެފް.އެމް ރޭޑިއޯއާ އެވެ. އެކާވީސް އަހަރަށް ފަހު، ޕްރޮފެޝަނަލް ޖާރނަލިސްޓެއްގެ ކެރިއަރ ނިންމަވާލެއްވުމަށްފަހު 2010 އޮކްޓޯބަރުގައި ސަންއެފް.އެމް އިން ވަކިވެވަޑައިގަތްއިރު ޝަހީބު ހުންނެވީ އެތަނުގެ ޗީފް އޮޕަރޭޓިންގ އޮފިސަރުގެ މަޤާމުގަ އެވެ.
މީޑިއާގެ ދާއިރާގައި މުޙައްމަދު ޝަހީބު ކުރެއްވި ގިނަގުނަ ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި ސަރުކާރުން ވަނީ ޤައުމީ ދެ އިނާމް އޭނާ އަށް ދެއްވައިފަ އެވެ. މިގޮތުން، ނޫސްވެރިކަމުގެ ދާއިރާއިން 2004 ވަނަ އަހަރު އަދި ލިޔުންތެރިކަމުގެ ދާއިރާއިން 2007 ވަނަ އަހަރު އާންމުޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމު މުޙައްމަދު ޝަހީބަށް ލިބިވަޑައިގެންފައިވެ އެވެ. މީގެ އިތުރުން 2004 ވަނަ އަހަރު “ހަވީރު ރަންގަލަން” އޭނާ އަށް ލިބިވަޑައިގެންފައިވެ އެވެ.
ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން، ނޫސްވެރިކަމުގައި ފާހަގަކޮށްލެވޭ ފަރާތްތަކަށް ސަރުކާރުން ދެއްވި “ރިހި ގަލަން” 1993 ވަނަ އަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި 2018 ވަނަ އަހަރު ފާހަގަކުރި ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލްގައި ނޫސްވެރިކަމުގެ “އަލިމަސް ގަލަން” ލިބިވަޑައިގެންފައިވެއެވެ.
(ތަފްޞީލް އަންނަނީ)



