ޕައިލެޓް ޓްރޭނިންގ ހަދަމުންދާ ދިވެހި ދަރިވަރުންނަށް ޤައުމު ބަދަލު ކުރުމުގެ ފުރުޞަތު ދީފި

ލޯނު އެހީގެ ދަށުން ސްރީލަންކާގައި އަދި ސްލޮވޭނިއާގައި ޕައިލެޓް ޓްރޭނިންގ ފުރިހަމަ ކުރަމުންދާ ދިވެހި ދަރިވަރުންނަށް ކިޔެވުން ކުރިޔަށް ގެންދިއުމުގައި ދިމާވެފައިވާ ދަތިތައް ޙައްލު ކުރުމަށްޓަކައި ކިޔަވާ ޤައުމު ބަދަލުކުރުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން ދީފިއެވެ.

މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުން އަންގާރަ ދުވަހު ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ މަތީ ތަޢުލީމާއި ތަމްރީނަށްދޭ ލޯނު އެހީގެ ދަށުން ސްރީލަންކާގައި ޕައިލެޓް ޓްރޭނިންގ ފުރިހަމަ ކުރަމުންދާ ދިވެހި ދަރިވަރުންނަށް ޕްރޮގްރާމް ނިމޭނެ ތާރީޚެއް ނޭންގި ކޯސް ދިގުލައިގެން ދާތީ ކުރިން ކަނޑައެޅިފައިވާ މުއްދަތަށް ވުރެ އިތުރު މުއްދަތަކަށް އެ ޤައުމުގައި ތިބެން ޖެހުމުން ކުރަންޖެހޭ ޚަރަދުތައް އިތުރުވެފައެވެ. އަދި ބައެއް ދަރިވަރުންގެ ލޯނުގެ މުއްދަތު ހަމަވުމަށް ފަހުގައިވެސް ކޯސް ނިމިފައި ނުވުމުގެ ސަބަބުން ދަރިވަރުންނަށް އިތުރު ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާތީ، މި ދަރިވަރުންނަށް ކޯސް ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައި ދިނުމަށް ސަރުކާރުން ވަނީ ބޭނުންވެފައެވެ.

މަތީ ތަޢުލީމާއި ތަމްރީނަށް ދޭ ލޯނު އެހީގެ ދަށުން ސްލޮވޭނިއާގައި ދިވެހި ދަރިވަރުން ޕައިލެޓް ޓްރޭނިންގ ފުރިހަމަ ކުރަމުން ގެންދިޔަ ފްލައިން ސްކޫލް ބަނދުކުރުމާއި، ގުޅިގެން އިތުރު ދަތިތަކާއި ކުރިމަލާން ޖެހިފައިވާތީ، މި ދަރިވަރުންނަށްވެސް ކޯސް ފުރިހަމަ ކުރެވޭނެ ގޮތެއް ހޯދައިނުމަށް ސަރުކާރުން ބޭނުންވާ ކަމުގައި މި ނޫސް ބަޔާނުގައި ބުނެފައިވެއެވެ.

ލޯނު އެހީގެ ދަށުން ސްރީލަންކާގައި އަދި ސްލޮވޭނިއާގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ކުރިޔަށް ގެންދިއުމުގައި ދިމާވެފައިވާ މައިގަނޑު ދަތިތަކަކީ ދަރިވަރުންގެ އިޚްތިޔާރުން ބޭރުގައިވާ ކަންކަން ކަމުގައި އެ މިނިސްޓްރީއަށް ގަބޫލުކުރެވޭތީވެ، މި ދަރިވަރުންނަށް ލޯނަށް ދޫކޮށްފައިވާ ފައިސާއިން ކިޔަވަމުންދާ ޤައުމު ބަދަލުކޮށް ކިޔެވުން ފުރިހަމަ ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. ނަމަވެސް ކިޔެވުން ފުރިހަމަ ކުރުމަށް އިތުރު ފައިސާއެއް ޚަރަދުވާނަމަ، އެ ފައިސާ ހަމަޖައްސަންވާނީ ދަރިވަރުން އަމިއްލައަށް ކަމަށް ނޫސްބަޔާނުގައި ބުނެފައިވެއެވެ.

މި ފުރުޞަތުގެ ދަށުން، ހަޔަރ އެޑިޔުކޭޝަންގެ ލޯނު ނަގައިގެން ސްރީލަންކާގައި ޕައިލެޓް ލައިސަންސަށް ކިޔަވަމުންދާ ދަރިވަރުން ޤައުމު ބަދަލުކުރުމަށް އެދޭނަމަ، އެ ދަރިވަރަކު ކިޔެވުން ބަދަލުކުރުމަށް އެދޭ ޤައުމެއްގެ މަރުކަޒުގެ ޕްލޭސްމަންޓް ލެޓަރ، ފީ ސްޓްރަކްޗަރ އަދި އައިޑީ ކާޑްގެ ކޮޕީއާއެކު، އެ މިނިސްޓްރީއަށް މެއިލް ކުރުމަށް ވަނީ ދަންނަވާފައެވެ.

އަދި ކިޔެވުން ފުރިހަމަ ކުރަންދާ މަރުކަޒަކީ ސިވިލް އޭވިއޭޝަން އޮތޯރިޓީން އިތުރު ޓެކްސްޓަކާނުލާ މަތިންދާ ބޯޓް ދުއްވުމުގެ ހުއްދައެއް ލިބޭ މަރުކަޒެއްކަން ކަށަވަރުކުރުމަށްވެސް ވަނީ ދަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ