(ހޮނިހިރު ދުވަހުގެ އަދަދާއި ގުޅޭ)
"އެ އަންހެން ކުއްޖާއަށް އެ ނިކަމެތި ހާދިސާ ދިމާވި ރޭގައި އަހަންނަށް އެތާނގައި ހުރެވުނު ނަމަ. ޖާނު ގުރުބާން ކޮށްގެންވެސް އެ ކުއްޖާ ސަލާމަތް ކުރަން ފަހަތަކަށް ނުޖެހޭނަން. އެ ކުއްޖާއަށް އެތަނުން އެއް ކަމަކާއި ކުރިމަތިލާކަށްވެސް ނުޖެހުނީސް. އެވަގުތު އަހަންނަށް އެ ކުއްޖާ ސަލާމަތް ކުރެވުނު ނަމަ. މާލޭގައި ހުރެވުނު ނަމަ. އެ ގެއެއްގެ ދޮށުގައި ހުރެވުނު ނަމަ. އެ ކުއްޖާގެ ދިރިއުޅުން އެހެން މީހަކު ނަމަވެސް ސަލާމަތް ކޮށްދިން ނަމަ. މިއަދު މި ލިޔުން އެ ކުއްޖާއަށް ލިޔަން ނުޖެހުނީސް. ދުނިޔޭގައި ފުރެންދެން އިންނސާނުން ތިބެ އެކަނިވެރި ކަމުގެ އިހްސާސް ކުރާކަށް ނުޖެހުނީސް." ހިތުގެ ތެރޭގައި އެތައް ވާހަކައެއް ދައްކަމުން ދިޔަ އަފްޒަލް ދެލޯ މަރާލީ އަނެއްކާވެސް ދެލޮލަށް ކަރުނަ ޖަމާވާން ފެށުމުންނެވެ.
ފްލައިޓް ޖެއްސެމާއި ހަމައަށް މާޒިން އިނީ ހެވިފައެވެ. ކައިރީގައި އިން އަންހެން ކުއްޖާއާއި ވާހަކަ ދެއްކުމުގައެވެ. އަލަށް ދިމާވި ކުއްޖެއް ނަމަވެސް މާޒިންގެ އަނގަ ގަދަކަމުން އެ ކުއްޖާއަށްވެސް ވާހަކަ ނުދައްކާ ނީނދެވުނީއެވެ. ލީނާވެސް ފަޒީލްގެ އަތުގައި ހިފާލައިގެން އިން އިރުގައި ތަފާތު ވާހަކަތައް ދައްކަމުން ދިޔައެވެ. ގޮތް ނޭނގޭ ފިރިހެނެއްގެ ސަބަބުން ދަތުރުގެ ބާކީބައި ޖިއާން ހޭދަކުރީ ހަމަޖެހިލައިގެންނެވެ. މީހެއްގެ އުނދަގުލެއް ނުވެއެވެ. ކުޑަދޮރުން ބޭރު ބެލުމުގައެވެ. އަފްޒަލް އިނީއެވެ. ލޯ މަރާލި ގޮތަށެވެ. އަފްޒަލްއަށް ވިސްނެމުން ދިޔައީ ހަމަ އެ ލިޔުން ލިޔުނު ކުއްޖާއާއި ދޭތެރޭގައެވެ.
ގެއަށް ދެވުމާއި އެކުގައި ލީނާ ޖިއާންއަށް ކޮޓަރި ދައްކާލިއެވެ.
"އެހާ ބޮޑެއް ނުވާނެ މި ކޮޓަރި. މިގޭގައި އިތުރު ކޮޓަރިއެއް ހުރި ނަމަ މި ކޮޓަރީގައި ޖީ ނުވެސް ބަހައްޓާނަން. އަދި ޖެހޭނީ ކުޑަކޮށް މި ކޮޓަރި ސާފު ކޮށްލަން. ވަރަށް ދުވަސް ވެއްޖެ އަހަރުމެން މި ކޮޓަރި ބޭނުން ނުކުރާތާ. އަހަރެން އަންނާނަން ޖީއާއި އެއްކޮށް މިތަން ފޮޅާ މޮޕް އަޅާ ހަދާލަން. ޖީ ހަނދާން ކުރާތި. މިއީ ޖީގެވެސް ގެ. ޖީއަށް މަނާ އެއްކަމެއްވެސް މިގޭގައި ނުހުންނާނެ. އަހަންނެކޭ، ފަޒީލްއެކޭ، ޖީއެކޭ މިގޭގައި ވާނީ އެއްވަރު. ޖީއާއި ދިމާއަށް އެއްވެސް އެއްޗެއް ބުނާނެ މީހަކު ނުއެއް އަންނާނެ." ލީނާ ޖިއާންގެ އަތުގައި ހިފަހައްޓައިގެން ހުރެ ބުންޏެވެ.
"ލީން. ވަރަށް ބޮޑަށް ތެންކްސް. އަހަންނަކަށް ނޭނގޭ ލީންމެންގެ މި އިހުސާންތެރި ކަމުގެ ބަދަލު ދޭނެ ގޮތެއްވެސް. އަދި ބުނަންތަ. މި ކޮޓަރި އަހަރެން އުޅޭކަށް ކުޑައެއްވެސް ނޫން. އެހެން ނޫނަސް އުޅޭ ތަނަށް ވުރެ ބޮޑަށް އަހަރެން ބޭނުމީ އުޅޭ މީހުންގެ އަޅާލުމާއި އޯގާތެރިކަން." ޖިއާންގެ ލޮލުން ކަރުނައިގެ އަސަރު ފާޅުވާންފެށިއެވެ.
"ހޫން ދެން މާ އިމޯޝަނަލް ވާން ހަދާނެ ކަމެއް ނެތް. އަވަހަށް ހިނގާ މި ކޮޓަރި ސާފު ކޮށްލަން. މިއަދު ދެން ގޭގައި ކައްކާނެ ކަމެއްވެސް ނެތް. މިރޭ ކާންދާނީ ބޭރަށް. އެގޮތް ޖީއަށް އެންމެ ރަނގަޅުތަ؟" ލީނާ ޖިއާންގެ އަތުން ދޫކޮށްލަމުން ކޮޓަރިއަށްވަދެ އިލޮށިފައްޗެއް ނަގާ ހިރަފުސް ފޮޅަން ފެށިއެވެ. ޖިއާންވެސް ފަހަތުން ވަދެ އެހީވާން ފެށިއެވެ.
ޖިއާން ބޭނުންވީ އަލުން ދިރިއުޅެން ފަށާށެވެ. އައު ހިތްވަރަކާއި އެކުގައެވެ. ނަމަވެސް ހަޔާތުގެ އެކި ހިސާބުތަކުން އެއްކަލަ ހަނދާންތަށް އާވާނެކަން ޖިއާންވެސް ގަބޫލުކުރެއެވެ. ދިރިއުޅުމުގައި އެ ޖެހުނު ލައްގަނޑަކީ އުމުރު ދުވަހަށް މަސައްކަތް ކުރި ކަމުގައި ވިޔަސް ނުފިލާނެ ލައްގަނޑެއްކަން ޖިއާންއަށް އެނގެއެވެ. އެހެނަސް ޖިއާން ބޭނުންވެއެވެ. ކުރީގެ ދިރިއުޅުން އަނބުރާ ހޯދާށެވެ.
އިންސާނުންނަކީ ޖަނަވާރުންނާއި ހިލާފަށް ވިސްނުމާއި ފިކުރު ކުރުމަށް ބުއްދި ދެއްވާފައިވާ ބައެކެވެ. ނަމަވެސް އުމުރުން ފާއިތުވަމުން ދާ ކޮންމެ ދުވަހަކާއި އެކުގައި އެ ވިސްނުމާއި ފިކުރު ދަނީ ވަކި ގޮތަކަށް ބިނާވެ ބައްޓަން ވެގެންނެވެ. މިއަދުގެ މުޖްތަމައުގައި އަމިއްލަ ނަފްސު ދެކެ ލޯބިވަމޭ ބުނެލަން ކެރެނީ މަދު މީހަކަށެވެ.
ކޮންމެ މީހަކުވެސް އުޅެން ޖެހެނީ ތަފާތު ކަންތައްތަކަކުން ފުރިގެންވާ ދިރިއުޅުމެކެވެ. ތަހައްމަލު ކުރަންޖެހޭ އެތަކެއް ކަމެއް ވެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލެނީ ހަޔާތުގެ ކޮން ސޮފްހާއަކުން ކަން ގިނަ ފަހަރަށް ހަނދާނެއްވެސް ނުހުންނާނެއެވެ. އަމިއްލަ ނަފްސަށް ގެއްލިފައިވާ އިތުބާރު ހޯދަން، ނުވަތަ އަމިއްލަ ނަފްސުދެކެ ލޯބިވާން މަސައްކަތް ކުރަނީ މަދު މީހެކެވެ. ޖިއާންއަކީ މި ބުނި މަދު މީހުންގެ ތެރޭގައި ހިމެނޭ އެކަކެކެވެ.
އަފްޒަލްއަށް ގެއަށް ދެވުނު އިރުގައި ލަސްވެގެން އާއިލާ އެންމެން ތިބީ ދޮރުމައްޗަށް ނުކުމެއެވެ. ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ އެންމެ އަންހެނެއް ނޫނެނެވެ. ޒީނިޔާއާއި ވަލީދާ އެއްހަމައެއްގައި ދެކޮޅަށް ހިނގާލަ ހިނގާލާ ތިއްބެވެ. އަފްޒަލްގެ މަންމައާއި މާޒިންގެ މަންމައެވެ.
"އެހެރަ އަންނަނީ ދޮންބެމެން" މަގުގެ ކޮޅުން ކާރު ފެނުމާއި އެކުގައި ތިންމަހުގެ އީހާން އުރާލައިގެން ހުރި ރޭޝްމާ ބުންޏެވެ. ރޭޝްމާއަކީ އަފްޒަލްގެ އެއްބަނޑު އެއްބަފާ ދައްތައެވެ. އަފްޒަލްއަށް ވުރެ ދޮށީ އެންމެ އަހަރެކެވެ.
"ޝިބާ އަވަހަށް އާދެ، ދޮންބެމެން އައީ މިހިރަ" ވަލީދާ ތަންކޮޅެއް ބާރަށް ގޮވާލިއެވެ. ދުވަމުން ކަހަލަ ގޮތަކަށް ދެ އަހަރުގެ އީތަން އުރާލައިގެން މާޒިންގެ އެއްބަނޑު އެއްބަފާ ކޮއްކޮ ޝިބާ ނުކުތެވެ. އެންމެންވެސް ތިބީ އަފްޒަލް އަންނާތީ އުފަލުން ފޮޅިފައެވެ. ރާއްޖެއިން ބޭރުގައި އެތައް އަހަރެއް ހޭދަކުރުމައްފަހު އަފްޒަލް ރަށަށް އައުމުން އެންމެ ބޮޑަށް އުފާވަނީ މިވެނި މީހެކޭ ބުނާކަށް ނޭނގެއެވެ. އެންމެންގެ މޫނު މަތިންވެސް ފެންނަނީ އުފާވެރިކަމެވެ.
ކާރު މަޑުކޮއްލުމާއި އެކުގައި ދޮރު ހުޅުވާލާފައި އަފްޒަލް ނުކުމެ އެންމެ ފުރަތަމަ މަންމާއޭ ކިޔާ ބައްދާލީ މަންމަ ޒީނިޔާ ގައިގައެވެ. އެއަށްފަހުގައި މަންމާއޭ ކިޔާ ވަލީދާ ގައިގައެވެ.
"އަހަރުމެން މިއީ ނެތް ބައެއްތަ؟" ޝިބާއާއި ރޭޝަމް ޝަކުވާ ކުރަން ފެށިއެވެ.
"އާނ ދެން މިހާރު ތިއީ ނެތްބައެއް. މިހާރު އަހަރެން ބޭނުމީ އީހާންއާއި އީތަން." ފުރަތަމަ އުރާލަންވީ ކޮން ކުއްޖެއް ކަމެއް ނޭނގުނެވެ. ރޭޝްމާ އީހާން ގެނެސް އަފްޒަލް އަތަށް ދިއްކޮއްލިއެވެ. އުރާލުމާއި އެކުގައި އީތަންވެސް އަފްޒަލްގާތަށް ދިޔުމަށް އެދި އަތްނަގާ ރޯންފެށިއެވެ. އެންމެންނަށް އެކުއެކީގައި ހެވުނެވެ. ވާނީވެސް އެހެންނެވެ. އެކުދިން އަފްޒަލްއަށް ފެނިފައި ވަނީ ހަމައެކަނި ފޮޓޯތަކުންނާއި ވީޑިއޯ ކޯލްތަކުންނެވެ. ނަމަވެސް ފުރަތަމަ ފެނިލުމާއި އެކުގައިވެސް އެކުދިން އަފްޒަލްގާތަށް ދިޔުމަށް ބޭނުންވިއެވެ.
އެންމެންނަށް ގެނައި ހަދިޔާތަށް ބަހާ ނިންމާލުމަށްފަހުގައި އަފްޒަލް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލިއެވެ.
"މަންމާ. ވަރަށް ބަނޑުހައި ވެއްޖެ. ދެންވެސް ކާން ހިނގާބަލަ." އަފްޒަލް ސޯފާއިން ތެދުވަމުން ބުންޏެވެ.
"ހިނގާ ދާން ކާން އަވަހަށް" ޒީނިޔާއާއި ވަލީދާ އެކުއެކީގައި ބުނެލިއެވެ.
އަފްޒަލް އަންނާތީ ގޭގައި މީރު ކާނާ ތައްޔާރުކޮށްފައި ހުއްޓެވެ. އަފްޒަލްއަށް މީރުހެން ހީވާ ހުރިހާ އެއްޗެކެވެ. ހުސް ދިވެހި ކެއުމެވެ. އެކަމާއި އަފްޒަލް ނިކަން އުފާވިއެވެ.
ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ. ފާރުގައި އަޅުވާފައި ހުރި ގަޑިން އިވެމުން ދިޔަ "ޓިކް ޓިކް" ގެ އަޑު ނޫން އެހެން އެއްވެސް އަޑެއް ނީވޭ ކަހަލައެވެ. ފަންކާ ނިއްވާ އޭސީ ޖައްސާފައި ވުމުން ވަނީ އާދަޔާ ހިލާފަށް އަޑު މަޑުވެފައެވެ. އެނދުގައި އޮށޯވެލައިގެން ފޯނާއި ކުޅެން އޮތް އަފްޒަލް ކުއްލިއަކަށް އެއްޗެއް ހަނދާންވީ ފަދައިން ފުންމައިގެން ތެދުވިއެވެ. ތެދުވެގެން ގޮސް ހޮޅިބުރި ޖެއްސުމަށްފަހުގައި ދޮރުގައި އަޅުވާފައިވި ޖިންސުގެ ޖީބުން އެއްކަލަ ލިޔުން ނެގިއެވެ. ކިތަންމެ ނިންޖެއް އައިސްފައި ވީ ނަމަވެސް އެ ކިޔާލަން ބޭނުންވިއެވެ.
" އަލުން ހިނިތުންވާން އަހަރެން ބޭނުންވެއެވެ. އެހެނަސް އެކަމަށް އަހަރެންގެ ތުންފަތް ނުކުޅެދެއެވެ. އަނބުރާ އަހަންނަށް އެދުވަހުގެ އެވަގުތަށް ދެވޭނެ ނަމައެވެ. އެރޭ އަހަރެން މާލެ ނައިމުހެވެ. އައި ނަމަވެސް އެގޭ އަސްކަނި ދަށަށް މަޑެއް ނުކުރާނަމެވެ.
ބޭނުންވަނީ ލޮލުން އަންނަމުންދާ ކަރުމަތަށް ހުއްޓޭށެވެ. ހިތުގައި އަޅަމުންދާ ވޭނަށް ލުޔެއް ލިބޭށެވެ. ގައިގާ އަޅަމުންދާ ވޭނުން ސަލާމަތްވާށެވެ. ކިތަންމެ ވަރަކަށް ވާހަކަ ދައްކަން މަސައްކަތް ކުރިއަސް އަޑު ނާންނަނިއެވެ. އަރު ބެދޭ ގޮތް ވަނީއެވެ. މާޔޫސްވަނީއެވެ. ގޮސް ހުސްވެ އެކަނިވެރި ކަމުގެ އިހްސާސް ކުރެވެނީއެވެ.
ބައެއް ފަހަރު ހިތަށް އަރައެވެ. ދިރިހުރުމަށްވުރެ މަރުވުންވެސް މާ ފަސޭހަވާނެއެވެ. އެހެނަސް އަހަންނަކަށް އަމިއްލައަށް މަރުވާކަށް ނުކެރޭނެއެވެ. ހިތްވަރު ކުރެވޭތޯ އަހަރެން މަސައްކަތް ކުރާނަމެވެ. ކޮންމެވެސް ދުވަހަކުން އަނެއްކާވެސް ހިނިތުންވާން ދަސްކުރާނަމެވެ. މިއަދަށް ފަހުގައި މިކަންތަކާއި ދޭތެރޭ ވިސްނުމައްފަހުގައި އަހަންނެއް ނުއެއް ރޯނަމެވެ.
ކުރެވޭ ސުވާލަކީ ދުވަހަކުވެސް އަމިއްލަ ނަފްސު ދެކެ ލޯބި ވެވިދާނެ ހެއްޔެވެ؟ ޝައްކު އުފެދެއެވެ. ފެންވަރަން ވަންނަ ކޮންމެ ފަހަރަކުވެސް ގައިން ހަން ދާވަރަށް ގައި އުނގުޅަމެވެ. އެ މުޑުދާރު ބީހުންތަކުގެ ސަބަބުން ފަކުރު ގަންނަނީއެވެ. ވަޅިއަކުން ހަންގަނޑު ކަފާ ނަގަންވެސް ބޭނުމެވެ. ނަމަވެސް އެހާ ހިތްވަރު އެބަ ހުރި ހެއްޔެވެ؟ ދިރިއުޅުން މަތިން ފޫހި ވެއްޖެއެވެ. ނުވިތާކަށް އުމުރު ދުވަހު ލޯބިން އުޅެން ރައްޓެހިވެގެން އުޅުނު ލޯބިވެރިޔާވެސް ގެއްލުނީއެވެ. އަހަރެންގެ ކުށަކީ ކޮބާ ހެއްޔެވެ؟
ގަލަމަކުން ބަޔާން ކުރެވޭ ވަރަށްވުރެ އަހަރެންގެ ހިތުގެ އުދާސްތަށް ގިނައެއެވެ. ލޮލުން ފައިބާ ކަރުނަތަކުން ކަރުނައިގެ ކޯރެއް ހެދޭހާ ވެއެވެ. ނަމަވެސް މި ނިމުނީއެވެ. ހަޔާތުގެ އެ ސޮފްހާ މި ލިޔެ ނިންމާލީއެވެ. އަހަރެން ދެން ނިކަމެއްޗެއް ނުވާނަމެވެ. ފިރިހެނުންގެ ގޮތް އެނގި ދަސްވެއްޖެއެވެ. އެއްބަޔަކީ އަމިއްލަ އެދުމުން ފުރިގެންވާ މީހުންނެވެ. އަނެއްބައި މީހުންނަކީ އަހަރެން ލޯބިވި ލޯބިވެރިޔާ ކަހަލަ މީހުންނެވެ. ކަމެއް ދިމާވާ ހިނދުގައި ބައިވެރިޔާ ދޫކޮށްލާ ފިލާ ކަހަލަ މީހުންނެވެ. ސަލާމެވެ. މި ހިތަކުން ދެން ލޯބިވުމެއް ނެތެވެ. އިތުބާރު ކުރުމެއް ނެތެވެ. ދުނިޔެއަކީ ދުނިޔެކަން ދަންނާނަމެވެ. އެއީ ބަދަލުވުމެއް ނެތް ކެހިވެރި ތަނެއްކަން ހަނދާނުގައި ބަހައްޓާނަމެވެ."
އަފްޒަލްގެ ލޯ އަނެއްކާވެސް ވަނީ ކަރުނުން ފެން ކަޅިވެފައެވެ.
ނުނިމޭ



