ރައީސް ޞޯލިޙް ނެއްލައިދޫ ކައުންސިލާ ބައްދަލުކުރެއްވުމުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޞޯލިޙް ނެއްލައިދޫ ކައުންސިލް މެންބަރުންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ތިލަދުންމަތީ ދެކުނުބުރީ ނެއްލައިދޫ ކައުންސިލްގެ މެންބަރުންނާއި މިއަދު ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ނެއްލައިދޫ ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިހުރި ކަންކަމުގެ މަޢުލޫމާތާއި، ރަށުގެ ކުރިއެރުމަށްހުރި ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވާފައެވެ.

އެގޮތުން، ކައުންސިލު މެންބަރުން ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫއަށް ބިމުގެ ދަތިކަން ކުރިމަތިވެފައިވާކަމަށާއި، ފެނާ ނަރުދަމާގެ ޚިދުމަތް ނެތުމުން ގޮންޖެހުންތައް ދިމާވާކަމަށާއި، ކުނި މެނޭޖްކުރުމުގައި އުނދަގޫތައް ކުރިމަތިވާކަމުގައި ފާހަގަ ކުރައްވާފައިވެއެވެ.

މީގެ އިތުރުން ކައުންސިލް މެންބަރުން ވަނީ މިހާރު އޮތް ބަނދަރުގައި ހުރި މައްސަލަތައް ހިއްޞާ ކުރައްވައި އެކަމަށް ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައެވެ. ކައުންސިލް މެންބަރުން ވަނީ އެ ރަށަށް ކުރިމަތިވެފައިވާ ކަރަންޓުގެ މައްސަލަ ޙައްލުކޮށްދެއްވުމަށާއި، ޞިއްޙީ ޚިދުމަތް އިތުރަށް ފުޅާކުރުމަށް އިތުރު ވަޞީލަތްތަކާއި ޑޮކްޓަރުން ބޭނުންވާކަންވެސް ފާހަގަ ކުރައްވާފައެވެ.

މިބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނެއްލައިދޫ ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރެއްވުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވާނެކަމުގައި ވިދާޅުވިއެވެ.

ރައީސް ޞޯލިޙް އިތުރަށް ވިދާޅުވީ މިއަހަރުގެ ބަޖެޓުގައި ކަނޑައަޅުއްވާފައިވާ ކަންތައްތައް ވަރަށް އަވަހަށް ފެށިގެން ކުރިއަށްދާނެކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ